މިއުނިކް (ސެޕްޓެމްބަރު 13) - ބަޔާން މިއުނިކަށް 374 މެޗުން 334 ގޯލެވެ. އެ ކްލަބުގެ ހޭދަކުރި އަށް ސީޒަންގައި ވެސް ޖަރުމަން ލީގު ކާމިޔާބުކުރި އެވެ. ޗެމްޕިއަންސް ލީގުގެ 2020 ވަނަ އަހަރު ކާމިޔާބުކުރުމުގެ އިތުރުން، ޖަރުމަން ކަޕް ތިން ފަހަރު ހޯދި އެވެ. ކްލަބުގެ ތާރީހުގައި ވެސް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. މިއީ ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އަކީ ބަޔާންގެ ލެޖެންޑަކަށްވާ ސަބަބުތަކެވެ.
އެހެން ނަމަވެސް، މިދިޔަ ސީޒަނަށް ފަހު ހިތާ ދެކޮޅަށްވިޔަސް، ބަޔާނަށް އޭނާ ދޫކޮށްލަން ޖެހުނެވެ. ބަޔާން ދޫކޮށް 42.6 މިލިއަން ޕައުންޑް (55 މިލިއަން ޑޮލަރު)ގެ ޓްރާންސްފާއެއްގައި ލެވަންޑޯސްކީ ،34، ބަދަލުވީ ބާސެލޯނާ އަށެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާންއާ ދެކޮޅަށް ނުކުންނަ ބާސެލޯނާގެ ޓީމުގެ އެޓޭކް ލީޑުކުރާނީ، މި ފަހަކާ ޖެހެންދެން ވެސް ބަޔާންގެ ފޯވާޑްލައިންގައި އެންމެ މުހިންމު ރޯލު އަދާކުރި ލެވަންޑޯސްކީ އެވެ.
"ވަރަށް އުފާވޭ ލެވަންޑޯސްކީއާ ބަދަލުވާތީ. އެކަމަކު، އެއީ އިދިކޮޅަށް އޭނާ ކުޅޭތީއެއް ނޫން. އަހަންނަށް އެނގޭ ލެވަންޑޯސްކީ އަކީ ނުރައްކާތެރި ކުޅުންތެރިއެއްކަން،" މެޗުގެ ކުރިން ބަޔާންގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުންޏެވެ.
"ލެވަންޑޯސްކީ މި ކްލަބުން ވަކިވިއިރު ކޮންމެ ގޮތަކަށް ވެސް ކަންތައްތައް ދިޔަ ނަމަވެސް، އޭނާގެ މި ކްލަބަށްކޮށްދީފައިވާ ކަންތައްތައް ހަނދާންކޮށް، ސަޕޯޓަރުން ވެސް އޭނާ އަށް އިހުތިރާމް ކުރާނެ ކަމަށް އުންމީދުކުރަން."
ބަޔާން އިން ލެވަންޑޯސްކީ ދޫކޮށްލަން ބޭނުންނުވިޔަސް، ބާސެލޯނާ އަށް ބަދަލުވުމަށް ލެވަންޑޯސްކީ ކުރި މަސައްކަތުން، ބަޔާނަށް އޭނާ ވިއްކާލަން މަޖުބޫރުވީ އެވެ. އެހެންވެ، ބަޔާންގެ ބައެއް ސަޕޯޓަރުންގެ ނުރުުހުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.
ބާސެލޯނާގައި ވެސް ލެވަންޑޯސްކީ ވަނީ ފެށުން ރަނގަޅުކޮށްފަ އެވެ. ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ.
ލެވަންޑޯސްކީގެ ނުރައްކަލަށް ބަޔާން ތައްޔާރު
ޗެމްޕިއަންސް ލީގުގެ ގުރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި އިންޓަ މިލާން އަތުން ބަޔާން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ޖަރުމަނު ލީގުގައި ބަޔާން އަދި ފޯމަކަށް ނޭޅެ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް އެއްވަރުވެ، ބަޔާން އޮތީ ލީގުގެ ތިން ވަނައިގަ އެވެ.
ބަޔާން އިން މިހާތަނަށް ކުޅުނު ނުވަ މެޗުގައި 31 ލަނޑު ޖަހާފައިވާއިރު، ލެވަންޑޯސްކީ ނެތުމުން އެ ޓީމަށް ގޯލު ޖެހުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެވޭކަށް ނެތެެވެ. އެކަމަކު، ލެވަންޑޯސްކީ ކަހަލަ ގޯލު ކުރިމަތީގައި ހުށިހާރު ކުޅުންތެރިއެއް ނެތްތަން، ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު މެޗުތަކުން ފެނިގެންދިޔަ އެވެ.
ނާގަލްސްމަން ބުނީ ގޯލުގެ ކުރިމަތީގައި ލެވަންޑޯސްކީގެ ފަރާތުން ކުރިމަތިވާނެ ނުރައްކާ ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެކަަމަކު، ބަޔާން އޮތީ އޭނާ ހުއްޓުވަން ތައްޔާރަށް ކަމަށެވެ.
"އޭނާ އަށް ލިބޭ ޕާސްތަކާއި ހުރަސްތައް މަދުކުރަންޖެހޭނީ. ލެވަންޑޮވްސްކީ އަކީ ގޯލު ކުރިމަތީގައި ބާސާގެ ފަރާތުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާނެ ކުޅުންތެރިޔާ. ފާއިތުވި ދެ ތިން ސީޒަންގައި 40 ލަނޑު (ކޮންމެ ސީޒަނެއްގައި) ޖަހާފައިވާ ކުޅުންތެރިއެއްގެ ވާހަކަ މި ދައްކަނީ."
ނާގަލްސްމަން ބުނީ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު، ހަަމައެކަނި ލެވަންޑޯސްކީ އަށް ވިސްނޭކަށް ނެތް ކަމަށެވެ. އަދި ބާސެލޯނާ އަކީ މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ.
ބާސެލޯނާ އަތުގައި ފައިސާ ނެތިސް އެ ޓީމުން ބޭނުންވާ ކޮންމެ ކުޅުންތެރިއަކު ގަންނަ ގޮތެއް ނުވިސްނޭ ކަމަށް ނިމިދިޔަ ޓްރާންސްފާ މާކެޓް ތެރޭގައި ނާގަލްސްމަން ވަނީ ބުނެފަ އެވެ. ނާގަލްސްމަންގެ އެ ވާހަަތަކަށް ރައްދެއްގެ ގޮތުގައި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ މައްސަލައެއް އޮވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށާއި ކޯޗުން ވިސްނަން ޖެހޭނީ ޓީމުގެ ހަރަދާ މެދުގައި ނޫން ކަމަށެވެ.
ބަޔާން ދެކެ ޒަވީ ޖެހިލުމެއް ނުވޭ
ބަޔާން އާއި ބާސެލޯނާ އެންމެ ފަހުން ކުރިމަތިލި ގިނަ މެޗުތަކުން ކުރި ހޯދާފައިވަނީ ބަޔާން އެވެ. އަދި ބަޔާންގެ ދަނޑުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުތަކުގެ ރެކޯޑް ރަނގަޅެއް ނޫނެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ބަޔާންގެ ދަނޑުގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ބަޔާން އެވެ.އެ ނަތީޖާ އަށް ފަހު ބާސެލޯނާ ގްރޫޕް ސްޓޭޖުން ކަޓައި، 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގައި ކުޅެން ޖެހުނީ އެވެ.
ބަޔާންގެ ދަނޑުގައި ބާސެލޯނާ އަށް އަދި މިހާތަނަށް މޮޅެއް ނުލިބެ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާލާއިރު، 2020 ވަނަ އަހަރު މި ދެ ޓީމު ބައްދަލުކުރި މެޗު ފާހަގަކޮށްލެވޭ އެވެ. ކޮވިޑް-19 އާ ހެދި ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ޗެމްޕިއަންސް ލީގު ކުޅުނުއިރު، ލިޒްބަންގައި އެ ފަހަރުގެ ކުއާޓާ ފައިނަލުގައި ބަޔާން ވަނީ 8-2 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ބާސެލޯނާ ބަަލިކޮށްފަ އެވެ.
ބަޔާން އާއި ބާސެލޯނާ މިހާތަނަށް ކުޅުނު މެޗުތަކުން ބަޔާން ނުވަ މޮޅު ހޯދާފައިވާއިރު، ބާސެލޯނާ މޮޅުވެފައިވަނީ ދެ މެޗުންނެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ބަޔާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުތަސް، އެއީ ބަޔާނުން ޖެހިލުންވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
"އަހަރަމެން ޖެހިލުމެއް ނުވޭ،" ޒަވީ ބުންޏެވެ. "ބާސާ މި ދަނޑު (ބަޔާންގެ ދަނޑުގައި) މޮޅުނުވާ ވާހަކަ އަކީ ތެދެއް. އެކަމަކު އަހަރަމެން ވެސް މި އޮތީ ރަނގަޅު ފޯމެއްގައި. ރަނގަޅު ހާލަތެއްގައި ޓީމު އޮތީ."
ބަޔާނާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.












