މިއުނިކް (ސެޕްޓެމްބަރު 11) - ޖަރުމަނު ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޓުޓްގާޓާ 2-2 އިން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން މިއުނިކް ލީގުގައި ޖެހިޖެހިގެން ތިން ވަނަ މެޗުން އެއްވަރުވެއްޖެ އެވެ.
ބަޔާނުން އެންމެ ފަހުން ކުޅުނު ދެ މެޗުން އެއްވަރުވީ، ބޮރޫޝިއާ މުންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ރޭ ސްޓުޓްގާޓާ އެއްްވަރުވެ، ބަޔާން ލީގުގެ އެއް ވަނައިގައި އޮތް ނަމަވެސް، ޖަރުމަނު ބުންޑަސްލީގާގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމުގެ ވެސް ޕޮއިންޓް އެއްވަރެވެ. އެއް ވަނައިގައި އޮތް ބަޔާނާއި ދެ ވަނައިގައި އޮތް ހޮފެންހައިމް އާއި ތިން ވަނައިގައި އޮތް ފްރެއިބާގާއި ހަތަރެއްގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މި ހަތަރު ޓީމުގެ ތެރެއިން މެޗު މަދީ ފްރެއިބާގްގެ އެވެ.
އަމިއްލަ ދަނޑުގައި ރޭގެ މެޗު ކުޅުނު ބަޔާނަށް 36 ވަނަ މިނިޓްގައި ލީޑުނަގައިދިނީ 17 އަހަރުގެ ވިންގް، މަތީސް ޓެލް އެވެ. މިއީ އަލްފަންސޯ ޑޭވިސް ނެގި ހުރަހަކުން އޭރިއާތެރެއިން ޓެލް ޖެހި ގޯލެކެވެ.
ސްޓުޓްގާޓަށް މެޗުގެ 56 ވަނަ މިނިޓްގައި ބަޔާންގެ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އެއްވަރުކޮށްދިނީ ކްރިސްޓިއަން ފުރިޗް އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން، މެޗުގެ 60 ވަަނަ މިނިޓްގައި ސްޓުޓްގާޓް އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޖަމާލް މުސިއާލާ ޖެހި މޮޅު ގޯލުން ބަޔާން އަލުން ލީޑުނެގި އެވެ.
ބަޔާން މޮޅުވާނެ ކަމަށް ބެލެވިފައި ވަނިކޮށް މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ސްޓުޓްގާޓަށް އެއްވަރުކޮށްދިނީ ސޭރޫ ގިރާސީ އެވެ. މިއީ އޭރިއާތެރެއިން ގިރާސީ އަށް ބަޔާނުގެ މަތައިސް ޑި ލިޓް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އަކުން އޭނާ ޖެހި ގޯލެކެވެ.
މެޗަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ލީގުގައި ޖެހިޖެހިގެން ތިން މެޗުން އެއްވަރުވިއިރު، މި ތިން މެޗަކީ ވެސް ހަގީގަތުގައި އެ ޓީމަށް މޮޅުވެވެން ޖެހޭނެ މެޗުތަކެއް ކަމަށެވެ. އަދި ބަޔާނަށް ގޯލު ޖަހައިގެން މެޗު ނިންމާލަން ލިބޭ ފުރުސަތުތަކުގައި ލަނޑު ނުޖެހޭ މައްސަލަ އަށް ވީ އެންމެ އަވަހަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.
ޖަރުމަނު ލީގުގައި ރޭ އާރްބީ ލައިޕްޒިގުން ވަނީ 3-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް އާ ކޯޗު މާކޯ ރޯސްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ލައިޕްޒިގުގެ ގޯލުތައް ޖެހީ ވިލީ އޮބާން، ޑޮމިނިކް ސޮބޯޒްލާއީ އަދި އަހުމަދު ހައިޑާރާ އެވެ.












