ވަކި މައްސަލައެއް ސާބިތުވުމުން ނުވަތަ ސާބިތުނުވުމުން އެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އެކި ބާވަތުން އެކަމުގެ ތުހުމަތުގެ އަމާޒަކަށް އޭރުވެސް މިހާރުވެސް ވެފައި އޮންނަނީ ފަނޑިޔާރު ގެ އެވެ. ރަނގަޅަށް އެކޮޅުމިކޮޅު ހޯދާ ބަލާލާއިރު ގިނަ މައްސަލަތަކުގައި ހެކިބަސްދޭން އަންނަ މީހުން ހެކިބަސްދިނުމުގައި އަމަލުކޮށްފައި ހުންނަ ގޮތަކީ، ހިތްހަމަނުޖެހިގެން ވާހަކަދެކެވޭ ބައެއް ހުކުމްތައް ވަކި ގޮތަކަށް ހުރުމަށް މެދުވެރިވެފައި އޮންނަ ސަބަބެއްކަން މިހާރު އެނގެނީ ޝަރީއަތްތައް ލޯ ފޯރާފަށުގައި މިހާރު ހިންގަމުންދާތީ އެވެ.
ފަނޑިޔާރުން އަދުލުވެރިވާން ޖެހެ އެވެ. އެކަމާމެދަކަށް ޝައްކެއް ނެތެވެ. އެކަން ދީނީގޮތުންނާއި ގާނޫނީގޮތުން އޮންނަނީ ވެސް އެހެންނެވެ. އެކަމަކު ގިނަ މީހުންނަށް އޮޅިފައި އޮންނަ ހަގީގަތަކީ، ފަނޑިޔާރުން ކިތަންމެ އަދުލުވެރި ނަމަވެސް ކުރާ ހުކުމްތަކުގެ ނަތީޖާގައި އިންސާފު ލިބުން ގުޅިފައި އޮންނަނީ، ހެކިބަސްދޭ ފަރާތްތަކުގެ އަދުލުވެރިކަމާ ކަމެވެ. މައްސަލަތަކުގައި އިންސާފާއި ބޭއިންސާފު ކަނޑައެޅުމުގައި ފަނޑިޔާރަށްވުރެ އިސްދައުރެއް އަދާކުރަނީ ހެކީންކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މިހަގީގަތް އިސްލާމްދީނުގައި އާންމުންނަށް ތިލަކޮށް، ފަނޑިޔާރުންނަށް ހުރި އިރުޝާދުތަކަށްވުރެ މަދުނޫން އިރުޝާދުތައް މައްސަލަތަކުގައި ހެކިބަސްދޭން ތިބި ފަރާތްތަކަށް އަމާޒުވެފައި ވަނީ އިސްލާމީ ނިޒާމު ގެނެސްދިން އަދާލަތުގެ ނިޒާމު، އެހެންހުރިހާ ނިޒާމަކަށްވުރެ ބޮޑު ތަނުން ފުރިހަމަވީމަ އެވެ.
އަލްއަންޢާމް ސޫރަތުގެ 152 ވަނަ އާޔަތަށް ވަރަށް ބޮޑަށް ވިސްނާ ފިކުރުހިންގަވާލުމަކީ މުހިންމުކަމެކެވެ. "...އަދި ތިޔަބައިމީހުން ބަސް ބުނާނަމަ އަދުލުވެރިވާށެވެ! އެއީ ތިޔަބައިމީހުންގެ ގާތްތިމާގެ މީހުންނާމެދު ބުނާ ބަހެއްނަމަ ވިޔަސް މެއެވެ." މިއީ ހެކިބަހުގައި ހިފެހެއްޓުން ލާޒިމު ހަމައެކެވެ. ކަމުގެ މުހިންމުކަން ދެނެގަނެވޭނީ މިއާޔަތުގައި ދެންހުރި ވާހަކަތަކަށް ވިސްނާލީމަ އެވެ. އެއްކަމަކަށް ޔަތީމުންގެ މުދަލަށް ރައްކާތެރިވުމަށް މިއާޔަތުގައި އަންގަވާފައިވެ އެވެ. އާޔަތް ނިންމަވާލައްވާފައިވަނީ، މިއާޔަތުން އަންގަވާ ކަންކަމަކީ މާތް ﷲ ކުރައްވާ ވަސިއްޔަތްތަކެއް ކަމުގައި ބަޔާންކުރައްވަމުންނެވެ. ކީރިތި ގުރުއާނުގައި މާތް ﷲ ވަސިއްޔަތްކުރައްވާ އަންގަވާފައި ހުންނަނީ ވެސް ވަކި ބާވަތެއްގެ ހާއްސަ ކަންތައްތަކެކެވެ. އަދި މިއާޔަތުގެ މެދުތެރޭގައި ވަރަށް މުހިންމު ހަގީގަތެއް ބަޔާންކުރައްވާފައި ވެއެވެ. އެއީ އެއްވެސް ނަފުސަކަށް ކުޅަދާނަވެގެންވާ ކަމެއް މެނުވީ ނުޖައްސަވާކަމަށް މިއާޔަތުގައި އަންގަވާފައި ވެއެވެ. މިއާޔަތާމެދު ރަނގަޅަށް ފިކުރު ހިންގީމާ، ހެކިބަހަށް ރައްކާތެރިވުމަކީ ޔަތީމު ކުދިން ބޮޑުވަންދެން އެކުދިންގެ މުދަލަށް އަމާނާތްތެރިވުމާ އެއްފަދަ ކަމެއްކަން ސާފެވެ. އަދި މިކަންކަންކުރުމަކީ އިންސާނީ ނަފުސަށް ކުޅަދާނަވެގެންވާ ކަމަކަށް ނުވީނަމަ، މާތް ﷲ މިކަންކަން ކުރުމަށް ވަސިއްޔަތްނުކުރައްވާނެކަން ވެސް ސާފު ވެއެވެ.
އަދި މިވަރުން ނިމުނީކީ ނޫނެވެ. ޖެހިގެން އޮތް އާޔަތުގައި އިތުރު ތާކީދާއެކީ އެބަ އަންގަވަ އެވެ. "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބާވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބާނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެ އެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ ވަސިއްޔަތްކުރެއްވީ، ތިޔަބައިމީހުން ތަގުވާވެރިވުމަށްޓަކައި އެވެ."
ހެކިބަސް ބަދަލުކުރުމާ ގުޅޭ ގޮތުން އަލްބަޤަރާ ސޫރަތުގެ 181 ވަނަ އާޔަތުގައި އަންގަވަނީ އެކަމުގެ ފާފަ އޮތީ ބަދަލުކުރި ބައެއްގެ މައްޗަށް ކަމަށެވެ. އެގޮތަށް އަންގަވަނީ ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެކަން ހަނދާންކޮށްދެއްވަމުންނެވެ. ފަނޑިޔާރަށް އިންސާފަށް ވާސިލު ނުވެވެނީ، މީހެއްގެ ބަހުން ހަގީގަތެއް އޭގެ އަސްލުން ބަދަލުވުމާ ގުޅިގެންނަމަ، އޭގެ ފާފަ އޮތީ ހުކުމްކުރާ ފަނޑިޔާރަކަށް ނޫންކަމާއި ހެކިބަސް ބަދަލުކުރި މީހާއަށްކަން މިއާޔަތުން ދަލީލުލިބެ އެވެ.
އަލްބަޤަރާ ސޫރަތުގެ 283 ވަނަ އާޔަތުގައި ގަދަ އަމުރުން އަމުރުކުރައްވަނީ ހެކިބަސް ވަންހަނާ ނުކުރުމަށެވެ. ހެކިބަހުގައި ހަގީގަތް ނުފޮރުވުމަށެވެ. އެކަމުގެ ނުބައިކަން އެސޫރަތުގެ 140 ވަނަ އާޔަތުގައި ސިފަކުރައްވަނީ އަންނަނިވި ފަދައިންނެވެ. "ﷲ ގެ ހަޒުރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަދި ތިޔަބައިމީހުން ކުރާ އަމަލުތަކާމެދު، ޣާފިލުވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެ އެވެ."
ހެކިބަސްދިނުމާ ގުޅޭ ގޮތުން ގުރުއާނުގެ އިރުޝާދުތައް ވަރަށްވެސް ގިނަ އެވެ. އަންނިސާއު ސޫރަތުގެ 135 ވަނަ އާޔަތަށް ނަޒަރެއްދޭށެވެ! "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އަދުލު އިންސާފު ގާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަގީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ އައުލާކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެން ވެއެވެ." އާޔަތާމެދު ވިސްނާފިކުރުކޮށްފިނަމަ ހާސް އިބުރަތެވެ. އެންމެ ވާހަކައެއް މިތާނގައި ބުނާނަމަ، އަދުލު އިންސާފު ގާއިމުކުރާށޭ އެންގެވުމުގެ ބަދަލުގައި އެކަމުގައި ދެމިތިބޭށޭ އެންގެވި ބަސްފުޅުންވެސް ލައްކަ ވާހަކަ އެބަ ކިޔައި ދެ އެވެ.
މިލިޔުން ނިންމާލަންވާނެކަމުގައި އަޅުގަނޑު ދެކެނީ، އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތުން ބަޔެއް ހިއްސާކުރަމުންނެވެ. އެގޮތް އަދުލުވެރިކަމާ ގާތްކަން ބޮޑުކަމުގައި ފެންނާތީ އެވެ. "..އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ! އެގޮތް ތަގުވާވެރިކަމާ ގާތްކަން ބޮޑެވެ..."








