ނޭޕްލްސް (ސެޕްޓެމްބަރު 8) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަނުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި ނަޕޯލީ އަތުން 4-1 އިން ލަދުވެތި ގޮތަކަށް ރޭ ބަލިވި ނަމަވެސް އެ ނަތީޖާ އަށް ފަހު ވެސް ލިވަޕޫލްގެ ކޯޗުކަމުގައި އޭނާ ދެމިހުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ އާ ސީޒަނުގައި އިނގިރޭސި ކްލަބް ޗެލްސީން ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން 1-0 އިން ބަލިވި މެޗަށް ފަހު ޖެހިގެން އައި ދުވަހު ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކުރި އެވެ.
ރޭ ނަޕޯލީ އަތުން ލަދުވެތި ގޮތަކަށް ލިވަޕޫލް ބަލިވި މެޗުގައި ފެނުނު ކަންކަމަށް ބަލާއިރު، ކްލޮޕަށް ލިވަޕޫލްގެ ކޯޗުކަމުގެ ވަޒީފާ ގެއްލިދާނެތޯ އެހުމުން، ކްލޮޕް ބުނީ މަގާމުގައި ހުރެ ކަންކަން ރަނގަޅުކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.
"ހިއެއްނުވޭ ވަކިކުރަން ނިންމާނެހެން، އެކަމަކު ވާނެ ގޮތެއް ބުނަން ނޭނގޭ. ޔަގީނުން ވެސް އަހަރެމެންނާއި އެމީހުންގެ (ޗެލްސީގެ) ވެރިންގެ އެބަހުރި ތަފާތުތަކެއް. އެއީ އަހަރެމެންގެ ވެރިން ހަމަޖެހިގެން ތިބެ، ކަންކަން ހައްލުކުރަން ފުރުސަތު ދޭނެ. އެ މީހުން އުންމީދުކުރަނީ އަހަރެން ހުރެގެން މިކަން ހައްލުކުރަން، އެހެން މީހެއް ގެނެސްގެން މިކަން ކުރާކަށް ނޫން. އެ މީހުންގެ އެ ވިސްނުން ބަދަލުކުރާނެ ވަގުތު ޖެހިއްޖެނަމަ އެކަން އަހަންނަށް އަންގާނެ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން މިދިޔަ ސީޒަނުގައި ހަތަރު މުބާރާތަށް ވާދަކުރިއިރު، އެ ފެނުނު ކުޅުމާ ގާތަށް ވެސް މި ފަހަރު ނުކުޅެވެ އެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ ހަ މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ޗެމްޕިއަންސް ލީގު ފަށަން ޖެހިފައިމިވަނީ ކްލަބްގެ ތާރީހަށް ބަލާއިރު ވެސް އެންމެ ދަށްްކޮށެވެ.
"އަހަރެމެންގެ ކުޅުން ދަށް، މި ނަތީޖާތަކަކީ ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރެވިގެން، ޓީމެއްގެ ގޮތުގައި ޕާފޯމް ނުކުރެވިގެން ކުރިމަތިލާން ޖެހޭ ހަގީގަތް. ދެން، މީގެ އެންމެ އުނދަގޫ ކަމަކީ، އަހަރެމެން މި ކަންކަމަށް ހައްލެއް ހޯދަން ޖެހިފައި މި އޮތީ ވެސް ސީޒަނުގެ ތެރެއިން،" ކްލޮޕް ބުންޏެވެ.
ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވި ކްލޮޕް ބުނީ ކުރިއަށް އޮތް 10 ދުވަހަކީ އޭނާ އަށް ލިވަޕޫލްގައި ކުރިމަތިވާނެ އެންމެ ޗެލެންޖިން ވަގުތު ކަމަށާާއި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ޗެލްސީއާ ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި އަޔަކްސްއާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާއެއް ނެރުން މަޖުބޫރުވާނެ ކަމަށެވެ.












