ޕެރިސް (ސެޕްޓެމްބަރު 7) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ ބަލިވިއިރު، މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން މޮޅަކުން މުބާރާތް ފަށައިފި އެވެ.
ކްރޮއޭޝިއާގެ ޗެމްޕިއަން، ޑިނަމޯ ޒަގްރެބް އަތުން ޗެލްސީ ބަލިވީ 1-0 އިންނެވެ. އިޓަލީގެ ގަދަބާރު، ޔުވެންޓަސް އަތުން ޕީއެސްޖީ 2-1 އިން މޮޅުވިއިރު، ސެވިއްޔާ ދަނޑުގައި މެންޗެސްޓާ ސިޓީ މޮޅުވީ ފަސޭހަކަމާ އެކު، 4-0 އިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ވަނީ 3-0 އިން ސެލްޓިިކް އަތުން މޮޅުވެފަ އެވެ.
ޒަގްރެބްގައި ކުޅުނު މެޗުގައި ޗެލްސީ ކޮޅަށް ޑިނަމޯގެ ގޯލު ޖެހީ 13 ވަނަ މިނިޓްގައި މިސްލާވް އޯސިޗް އެވެ. މިއީ އޭނާ ޔޫރަޕްގެ މުބާރާތްތަކުގައި ޑިނަމޯ އަށް ޖަހައިދިން 18 ވަނަ ގޯލެވެ. އޭނާ މި ގޯލު ޖެހީ ބްރޫނޯ ޕެޓްކޮވިޗް ދިން ބޯޅައެއް ހިފައިގެން، އޭރިއާތެރެއަށް ވަދެ، ޗެލްސީގެ ގޯލުގައި ހުރި ކެޕާ އަރިއްޒަބަލާގާ ކައިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ބާސެލޯނާ ދޫކޮށް މި ފަހަރު ޗެލްސީ އަށް ބަދަލުވި، ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން ފުރަތަމަ އެގާރައިގައި ހިމަނައިގެން ރޭ ޗެލްސީން ކުޅުނުއިރު، އެ ޓީމަށް ގޯލެއް ޖެހޭ ގޮތެއްނުވެ، މެޗުން ބަލިވީ އެވެ.

ޑިނަމޯ ޑިފެންޑަރެއް ކައިރިން ސިޓީގެ ސްޓާލިން ބޯޅަ ފޮނުވާލެވޭތޯ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ
ގްރޫޕް އީގެ އަނެއް މެޗުން ރޭ އިޓަލީގެ ޗެމްޕިއަން އޭސީ މިލާން ވަނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ 1-1 އިން އެއްވަރުވެފަ އެވެ.
ޕީއެސްޖީން ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ވޮލީ އަކުން ޖެހި ގޯލުން ލީޑުނެގި އެވެ. މިއީ ނޭމާ ދިން ބޯޅަ އަކުން އެމްބާޕޭ ޖެހި މޮޅު ގޯލެކެވެ. ޔުވެންޓަސް އަށް އެއްވަރުކޮށްދޭން އަކަންޑިއުޝް މިލިކް ޖެހި ބޯޅައެއް ޕީއެސްޖީ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހީ އަޝްރަފް ހަކީމީ ދިން ބޯޅައަކުން އެމްބާޕޭ އެވެ.
ދެ ވަނަ ހާފްގައި ކުޅެން އަރައި، އެމްބާޕޭ އޭރިއާތެރެއިން އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ޖެހި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އެ ބޯޅަ ނޭމާ އަށް ހުރަސްކޮށްގެން ގޯލަށް ޖަަހަން ފުރުސަތު އޮތެވެ. ނަތީޖާ އަކަށްވީ ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ޔުވެންޓަސްގެ ވެސްޓަން މެކްކެނީ ގޯލެއް ޖެހުމެވެ. އޭގެ ފަހުން ލިއޮނަލް މެސީ ދިން ބޯޅައަކުން ޕީއެސްޖީ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން އެމްބާޕޭ ފޮނުވާލި ޝޮޓް ދިޔައީ އަރިމަތިންނެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ބެންފީކާ ވަނީ 2-0 އިން އިޒްރޭލްގެ މެކަބީ ހައިފާ ބަލިކޮށްފަ އެވެ.

ހާލަންޑް، ސެވިއްޔާގެ ގޯލަށް ބޯޅަ ފޮނުވާލަން އޭރިއާތެރެއަށް ހުސްކޮށް ވަންނަނީ.--- ފޮޓޯ: އޭއެފްޕީ
ސެވިއްޔާ ދަނޑުގައި ސިޓީ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. ދެ ވަނަ ހާފުގައި ސިޓީން އިތުރު ތިން ގޯލު ޖެހިއިރު، ހާލަންޑް ވަނީ ދެ ވަނަ ގޯލެއް ވެސް ޖަހައިފަ އެެވެ. މި ދެ ގޯލާ އެކު ހާލަންޑް ވަނީ ސީޒަނުގައި މިހާތަނަށް ހަތް މެޗުން 12 ގޯލު ޖަހައިފަ އެވެ. ސިޓީގެ އަނެއް ދެ ގޯލު ޖެހީ ފިލް ފޯޑެން އާއި ރުބެން ޑިއާސް އެވެ.
ރޭ މި ގްރޫޕްގެ އަނެއް މެޗުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ 3-0 އިން ޑެންމާކްގެ ކޯޕެންހާގެން ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފަ އެވެ،
ސެލްޓިކް ދަނޑުގައި ރޭ ރެއާލް މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. ރެއާލަށް ލީޑުނަގައިދިނީ 56 ވަނަ މިނިޓްގައި ވިނީިޝިއުސް ޖޫނިއާ އެވެ. ފުރަތަމަ ހާފުގައި ވިނީޝިއުސް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް ދެ ވަނަ ހާފުގައި އޭނާ ވަނީ ގޯލު ޖަހައިފަ އެެވެ. އޭގެ ހަތަރު މިނިޓް ފަހުން ލޫކަ މޮޑްރިޗް ރެއާލްގެ ލީޑުފުޅާކޮށްދިންއިރު، ތިން ވަަނަ ގޯލު ޖެހީ 77 ވަނަ މިނިޓްގައި އެޑެން ހަޒާޑް އެވެ.
ހަޒާޑް ކުޅެން އެރީ ފުރަތަމަ ހާފުގައި ކަރިމް ބެންޒެމާ އަށް އަނިޔާވެގެން އޭނާގެ ބަދަލުގަ އެވެ.
ރެއާލް ގްރޫޕްގެ އަނެއް މެޗުގައި ރޭ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކުން ވަނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގު ދަނޑުގައި 4-1 އިން މޮޅުވެފަ އެވެ.












