ތިން އަންހެން ކުޅުންތެރިއަކަށް ރިވައިވަލް އިން ބޮޑު ފުރުސަތެއް

Sep 6, 2022, 3:08 AM
ތިން އަންހެން ކުޅުންތެރިއަކަށް ރިވައިވަލް އިން ބޮޑު ފުރުސަތެއް

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގާ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތިން އަންހެން ކުޅުންތެރިއަކަށް ބެޑްމިންޓަން ކެރިއަރެއް ބިނާކުރަން ބޮޑު ފުރުސަތެއް ތަނަވަސްކޮށްދިނުމުގެ މަސައްކަތް ފައްޓައިފި އެވެ.

އެ ގޮތުން ރިވައިވަލް އިން ފެށި ތިން މަހުގެ ޓްރަޔަލްގައި ބައިވެރިވާ ތިން ކުޅުންތެރިންނަކީ، ފިރުޝާނާ ނަސީރު އާއި މާޝާ ރަޝީދު އަދި ޒޯޔާ ހަސަން ޒަރީރު އެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ ބެޑްމިންޓަންގެ ގައުމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ކުޅެ، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެ ގޮތުން، ފިރުޝާނާ އަކީ މި ވަގުތަށް ބަލާއިރު ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ އެންމެ ފަހުގެ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި އަންހެން މިކްސް ޑަބަލްސް ޗެމްޕިއަނެވެ. އޭނާ ވަނީ މީގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި ބައެއް ޓީމު އިވެންޓް މުބާރާތްތަކުގައި ރިވައިވަލް އަށް ވެސް ކުޅެފަ އެވެ.

ޓްރަޔަލުން ދެން ފުރުސަތު ދިން މާޝާ އަކީ މީގެ ކުރިން، 2018 އިން 2021 އަށް ގައުމީ ބެޑްމިންޓަން ސްކޮޑުގައި ޓްރެއިނިން ފުރިހަމަކޮށްފައިވާ ކުޅުންތެރިއެކެވެ. މާޝާ އަކީ މީގެ ކުރިން ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި އަންހެން މިކްސް ޑަބަލްސް ޗެމްޕިއަނެވެ. އެއީ 2018 ވަނަ އަހަރުގެ އިންޓަ ސްކޫލް މުބާރާތުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކެވެ.

ބެޑްމިންޓަންގެ ޓީމު އިވެންޓް މުބާރާތެއްގެ ތެރެއިން ފިރުޝާނާ: އޭނާ އަކީ ގައުމީ ލެވަލްގެ ގިނަ ކުޅިވަރުތަކެއްގައި މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއެއް.--- ފޮޓޯ: އަދަދު

ރިވައިވަލް އިން ފުރުސަތު ދިން ޒޯޔާ އަކީ މީގެ ކުރިން ޖޫނިއާ ނެޝަނަލް ޕޫލުގައި ޓްރެއިނިން ހެދި ކުޅުންތެރިއެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި އިންޓަ ސްކޫލް މުބާރާތުގެ 14 އަހަރުގެ ކެޓަގަރީން ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދައިފަ އެވެ.

ޒޯޔާ، ފިރުޝާނާ އަދި މާޝާގެ ޓްރަޔަލްގެ މުއްދަތަކީ ތިން މަސް ކަމުގައި ވިޔަސް، މި ތިން ކުޅުންތެރިން މި ޓްރަޔަލްގައި ކުރާ މަސައްކަތް ބެލުމަށް ފަހު، އެކަށީގެންވާ ޓާގެޓްތަކެއް ހާސިލްކޮށްފިނަމަ ތިން ކުޅުންތެރިންނަށް ވެސް އަންނަ އަހަރުގެ ނިޔަލަށް ރިވައިވަލްއާ އެކު ޓްރެއިނިން ކުރިއަށްދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ކުޅުންތެރިންގެ ޓްރެއިނިންތައް ވެސް ކުރިއަށްގެންދާނީ ރިވައިވަލްގެ ފުލްޓައިމް ކޯޗު، ނަޝްފާން މުހައްމަދު އެވެ.

ރިވައިވަލްގެ ކޯޗު ނަޝްފާނަކީ ބައިނަލްއަގުވާމީ އަދި ގައުމީ ލެވަލްގައި ގިނަ އަހަރުތަކެއް ކުޅެފައިވާ އަދި ކޯޗިންގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ. ދާދި ފަހުން ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެއް ވަނަ އަންހެން ޑަބަލްސް ޕެއާ، އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ކުޅުނުއިރު، ކޯޗެއްގެ ގޮތުގައި ބައިވެރިވީ ނަޝްފާން އެވެ.

ރިވައިވަލް އަކީ 2019 ވަނަ އަހަރު ޖުލައި މަހު އެއް ވަނަ ދުވަހު ވުޖޫދުވި ކްލަބެކެވެ. އެ ކްލަބުން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކާއި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ. މީގެ އިތުރުން ބެޑްމިންޓަނުން އެކި ކުޅުންތެރިންނަށް ރަނގަޅު ކެރިއަރެއް ބިނާކުރުމަށް ފުރުސަތު ފަހިކޮށްދޭން ސްކޮލަޝިޕްތައް ވެސް ރިވައިވަލްގެ ފަރާތުން އަންނަނީ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox