ރެކޯޑު އަދަދެއްގެ ކުދިންނާ އެކު މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން މިނީ ބާސްކެޓްބޯޅަ ފެސްޓިވަލް ފަށައިފި އެވެ.
އެމްބީއޭ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މި މިނީ ބާސްކެބޯޅަ ފެސްޓިވަލްގައި މާލޭގެ 12 ސްކޫލަކުން 1300 އަށް ވުރެ ގިނަ ކުދިން ބައިވެރިވެ އެވެ.
މި ފެސްޓިވަލްގައި ވާދަކުރާ ސްކޫލުތަކަކީ، މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް، އިއްޒުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ގާޒީ ސްކޫލް، ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލް، އިސްކަންދަރު ސްކޫލް އަދި ހިރިޔާ ސްކޫލް އެވެ.
މި ކޭމްޕާއި ގުޅޭގޮތުން ވާހަކަދައްވަމުން އެމްބީއޭގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ ފަސް އުމުރުފުރައަކަށް ބަހާލައިގެން ކުރިއަގެންދާ މި ފެސްޓިވަލަކީ ބާސްކެޓްބޯޅައިގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ފެސްޓިވަލް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށް ސްކޫލްތަކުން ދޭ އެހީތެރިކަމާއި، ކޯޗުންނާއި ބާސްކެޓްބޯޅަ އެކި އެކަޑެމީތަކުން ލިބެމުން އަންނަ އެއްބާރުލުން އެޑަމް ފާހަގަކުރެއްވި އެވެ.
"މީގަ އެބަ އުޅޭ 7 އަހަރުން ދަށް، 8 އަހަރުން ދަށް، 9 އަހަރުން ދަށް، 10 އަހަރުން ދަށް، އަދި 11 އަހަރުން ދަށް. ވަރަށް ބައިވަރު ކުދިން މިއީ. މުޅި ބާސްކެޓް އާއިލާގެ އެހީތެރިކަމާއިއެކު މިވަރުގެ އިވެންޓެއް މި ކުރިއަށްގެންދެވެނީ" އެޑަމް ވިދާޅުވި އެވެ.

ބާސްކެޓްބޯލް ފިއެސްޓާގެ ތެރެއިން: ފިއެސްޓާ އަށް މި ފަހަރު ލިބޭ ތަރުހީބު ވަރަށް ބޮޑު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މި ފެސްޓިވަލްގައި ސްކޫލްތަކަށް އިރުޝާދު ދެމުން އަންނަ ކޯޗުން ފާހަގަކުރާ ގޮތުގައި މި ފެސްޓިވަލަކީ ބާސްކެޓްބޯޅައިގެ ކުރިއެރުމަށް ބޭނުންތެރި ކަމެކެވެ. އެންމެ ޅަ އުމުރުގައި ބާސްކެޓްބޯޅަ އަށް ކުދިން ޝައުގުވެރިކުރުވައި މި ކުޅިވަރުގައި ކުރިއަށްދާން ހުޅުވާލެވޭ މުހިންމު ދޮރެއްގެ ގޮތުގައި ކޯޗުން ސިފަކުރި އެވެ.
"އަޅުގަނޑު ބުނާނީ މިއީ މި ފަހަކަށް އައިސް ބާސްކެޓްބައި އެސޯސިއޭޝަނުން ނެގި އެންމެ ރަނގަޅު ނިންމުމޭ. ވަރަށް ރަނގަޅު ފެށުމެއް މިއީ، ބާސްކެޓަށް އިންގިލާބީ ކުރިއެރުމެއް ގެނެވޭނެކަމެއްގެ ގޮތުގައި އަޅުގަނޑު މި ފެސްޓިވަލް ދެކެނީ. އިންޓަ ސްކޫލުގައިވެސް މި ވާދަކުރާ އެންމެ ޅަ ކުދިންނަކީ 10 އަހަރުގެ ކުދިން. އެހެންވީމަ އައަށްވުރެ ކުޑަ ކުދިންނަށް މިކަހަލަ ގޮތަކަށް ފެސްޓިވަލެއް ބޭއްވީމަ އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ." ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް އިރުޝާދު ދެމުން އަންނަ ކޯޗު އިއްޔާސް އިބްރާހިމް (އިއްލެ) ބުންޏެވެ.
އިއްލެ ބުނީ ކޮންމެ އަހަރަކުވެސް މި މުބާރާތް ބޭއްވުން ވަރަށް މުހިންމު ކަމަށާއި، ދުރާލާ މި މުބާރާތަށް ތައްޔާރުވާން ވަގުތު ލިބިއްޖެ ނަމަ މި އަށް ވުރެ ގިނަ ކުދިން މީގެ ތެރެއިން ފެންނާނެ ކަމަށެވެ. އަދި މި ކުދިން ރަނގަޅަށް ތަމްރީންކުރެވި ކުރިއަށް ގެންދެވިއްޖެ ނަމަ އުމުރުފުރާގެ ޓީމުތައް ނެގުމުގައި ވާދަވެރި މާހައުލަކުން ޓީމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް ގައުމީ ސީނިއާ ފިރިހެން ޓީމަށް އިރުޝާދު ދެމުން އަންނަ ކޯޗު ބުންޏެވެ.
ހިރިޔާ ސްކޫލާއި ގާޒީ ސްކޫލަށް އިރުޝާދު ދެމުން އަންނަ ކޯޗު އަހުމަދު ޒަމީލް (ޒަމްބެ) ބުނީ މި ފެސްޓިވަލަކީ އެކަޑެމީތަކުގެ ކުރިއެރުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ. އަދި މިއީ ޒުވާން އާ ކޯޗުން ބާސްކެޓްގެ ތެރޭގައި ކުރިއަށްދިޔުމަށާއި ތަޖުރިބާ ހޯދަން ރަނގަޅު މުބާރާތެއްގެ ގޮތުގައި ޒަމްބެ ބުންޏެވެ.
"ފުރަތަމަ ފަހަރާ ބަލާއިރު ރަނގަޅުކަމެއް މިއީ. ކޮންމެ އަހަރަކު މި މުބާރާތް ބޭއްވުން މުހިންމީ. މީގަ އެބަހުރި އެކަޑެމީތަކަށްވެސް ގިނަ ފައިދާތަކެއް. މިސާލަކަށް އެކަޑެމީ ތަކުގައި ދާއިމީކޮށް ކުދިން ޕްރެކްޓިސް ކުރަން އެންރޯލް ވާނެ. އޭގެ ސަބަބުން އެކަޑެމީތަކުގެ ކޯޗުން އިތުރުކޮށް ގިނަ ފުރުސަތު ލިބޭނެ. ކުދިންގެ ޕޮޓެންޝިއަލް ހުރިކަން އެބަފެނޭ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މުބާރާތަށް ޓީމްތަކުން އައިއިރުވެސް" މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އެކަޑެމީކަމަށްވާ ސްޓާސް ބާސްކެޓްބޯޅަ އެކަޑެމީ ހިންގަމުން އަންނަ ޒަމްބެ ބުންޏެވެ.

ބާސްކެޓްބޯޅަ ފިއެސްޓާގެ ތެރެއިން: ރާއްޖޭގެ ބާސްކެޓްބޯޅަ ކޯޗުން ދެކޭ ގޮތުގައި މި ފަދަ އިވެންޓެއްގެ ތެރެއިން ހުނަރުހުރި ކުދިން ފާހަގަކުރަން ވެސް ފަސޭހަވެގެންދާނެ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އިސްކަންދަރު ސްކޫލަށް އިރުޝާދުދެމުން އަންނަ ކޯޗު ގުރެއިޝް އަފުރާހު (ގުރޭ) ބުނީ މި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށް މި ކަހަލަ ގޮތަކަށް ބާއްވާ މިއީ ފުރަތަމަ ފެސްޓިވަލް ކަމަށާއި، މިއީ ބާސްކެޓްބޯޅައިގެ މުސްތަގުބަލެއް ބިނާކުރަން ބަލާއިރު، ތަފާތެެއް ގެނެވޭނެ ކަމެއް ކަމަށެވެ.
"ދިހަ ވަރަކަށް އަހަރު ކުރިން ފެނުނު މަންޒަރު ހަނދާންވަނީ. އެކުވެނީގައި އޮތް ފެސްޓިވަލުގެ ހަނދާންތައް. ސްކޫލް ބަންދު ތަކުގައި އަހަރަކު ދެ ފެސްޓިވަލް އޮވޭ. އޭރު އެއީ ވައިޑީޕީ ފެސްޓިވަލެއް. އޭތި އަލުން އަނބުރާ މިއައީ. ވަރަށް ތަފާތު އިހުސާސެއް މި ކުރެވުނީ." ގައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗު ބުންޏެވެ.
"މި އަހަރު މި ފެސްޓިވަލް ބޭއްވުމާއިއެކު ކޮންމެ އަހަރަކުވެސް މި މުބާރާތް އޮންނާނެކަމަށް ކުދިންވެސް ޕޭރެންޓުންވެސް އުއްމީދު ކުރާނެ. އެހެންވީމަ އެސޯސިއޭޝަނަށްވެސް ފެސްޓިވަލް ބާއްވަން މަޖުބޫރުވާނެ. ދެން މީގެއިން އެކަޑެމީތަކަށް ކުދިން ގިނައިން ލިބޭނެ. އެ ކުދިންނަށް އިރުޝާދުދޭން އެކަޑެމީތަކުން އާ ކޯޗުން ނަގާނެ، ވަރަށް ގިނަ ފައިދާ ކުރާނެ އޭގެ ސަބަބުން. ޖުމްލަކޮށް މުޅި ބާސްކެޓް ކޮމިއުނިޓީ ވަރުގަދަ ވާނެ އެހެންވީމަ" ގުރޭ ކޯޗު ބުންޏެވެ.
ޖުމްލަކޮށް ބަލާއިރު، މި ފަދަ ފެސްޓިވަލެއް މި ގޮތަށް ބޭއްވުމަކީ މުޅި ބާސްކެޓް ކޮމިއުނިޓީ އަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ.












