ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖު އަންނަ މަހުގެ 13-18 އަށް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބައިނަލްއަގްވާމީ ކުޅުންތެރިންނާއިއެކު ވާދަކޮށްލުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ހޯދައިދިނުމުގެ ބޭނުމުގައި ފެށި މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2011 ގަ އެވެ. އޭގެ ފަހުން ދެ އަހަރު ބޭއްވުމަށްފަހު 2014ގައި ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް މެދުކަނޑާލަން ޖެހުނެވެ.
މަރާމާތުތަކަށް ފަހު އެކުވެނި ހުޅުވައި އަނެއްކާ ވެސް މި މުބާރާތް ބޭއްވީ 2019ގަ އެވެ. އޭގެ ފަހުން ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފަ އެއް ނުވެ އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖު އަކީ ދުނިޔޭގެ މަތީ ފަންތީގެ ބެޑްމިންޓަން ތަރިން ވާދަކުރާ ބީޑަބްލިއުއެފް ސާކިޓްގައި ހިމެނޭ މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ ރޭންކިންގެ ގަދަ 100ގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް 2019 ގައި ވެސް ވާދަކުރި އެވެ. އެ ކުޅުންތެރިންނާއެކު ދިވެހިރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންނާއި އަަރަމުން އަންނަ ޒުވާން ކުޅުންތެރިންވެސް ވާދަކުރި އެވެ.
މިއަހަރުގެ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 11 ވާ އާދިއްތަ ދުވަހެވެ. މިހާރު ވެސް މި މުބާރާތުގައި ވާދަކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން އެތުލީޓުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
މިފަހަރުގެ މުބާރާތުގެ އެކި އިވެންޓުތަކުގެ ޗެމްޕިއަނުންނަށް ފައިސާގެ އިނާމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ލަގްޒަރީ ހޮޓެލްތަކުގެ ހޮލިޑޭ ޕެކޭޓްތައް ވެސް ދޭ ގޮތަށް ވަނީ ނިންމާފަ އެވެ.
ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖަކީ ސަރަހައްދުގެ ޒުވާން ޗެމްޕިއަނުންނަށް ވިދާލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. މިގޮތުން މި ވަގުތު ދުނިޔޭގެ ރޭންކިންގައި ތިބި ބައެއް އިންޑިއާ ކުޅުންތެރިންނަކީ ޒުވާން އުމުރުގައި މި މުބާރާތުން ފާހަގަވި ކުޅުންތެރިންނެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި އިންޑިއާގެ މަލްވިކާ ބަންސޯދަކީ މިވަގުތު ދުނިޔޭގެ ސިންގަލްސް ރޭންކިންގެ 45 ވަނަ އެވެ. އޭނާގެ ފަހަތުން ދެވަނަ ހޯދި މިޔަންމާގެ ތެތު ތުޒާރަކީ ދުނިޔޭގެ ރޭންކިންގެ 74 ވަނަ އެވެ.












