ބާލިން (ސެޕްޓެމްބަރު 3) - ޖަރުމަނު ލީގުގައި މިރޭ ޔޫނިއަން ބާލިންއާ 1-1 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ނަގާލައިފި އެވެ.
ޖަރުމަނު ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތީ ފްރެއިބާގް އެވެ. އެއީ ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާ އެއްވަރަށް ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ފްރެއިބާގް ވަނީ މިރޭ ބަޔާ ލެވަކޫސަން ދަނޑުގައި 3-2 އިން މޮޅުވެފަ އެވެ. ތިން ވަނައިފައި އޮތް ބަޔާނާއި ހަތަރެއްގައި އޮތް ޔޫނިއަން ބާލިންގެ އޮތީ ފަސް މެޗުން 11 ޕޮއިންޓެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ޔޫނިއަން ބާލިން ޓީމުން ވަނީ މެޗުގެ 12 ވަނަ މިނިޓްގައި ބަޔާނާ ދެކޮޅަށް ލީޑުނަގައިފަ އެވެ. މިއީ ކްރިސްޓޮފާ ޓްރެމެލް ނެގި ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ އެއް ފަހަރުން ވޮލީ އަކުން ޝެރާލްޑޯ ބެކާ ޖެހި ގޯލެކެވެ.
ޔޫނިއަން ބާލިން އަށް ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓް އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ބަޔާންގެ ޔޯސުއާ ކިމިކް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ބަޔާނަށް ލިބުނު ކޯނަރެއް ޑިފެންސް ކުރަން ޔޫނިއަން ބާލިން ކުޅުންތެރިން ކުރި މަސައްކަތުގައި އެ ޓީމުގެ އޭރިއާތެރެއިން ދޫވި ބޯޅައެއް ހޯދައި، ކިމިކް ވަނީ އެއް ފަހަރުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ބަޔާނަށް ލީޑުނަގައިދޭން އޭރިއާތެރެއިން ލެރޯއި ސާނޭ ޖެހި ބޯޅަ ޔޫނިއަން ބާލިން ކީޕަރު ފްރެޑެރިކް ރޯނާ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ޔޫނިއަން ބާލިން އިން އަލުން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ޔޫނިއަން ބާލިންގެ ޖޭމީ ލެވެލިން، ބަޔާންގެ ޑަޔޫޓް އުޕަމެކާނީ ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ހުއްޓުވައިފަ އެވެ.
މިއީ މި ފަހަރުގެ ސީޒަނުގައި ބަޔާން އަތުން ޕޮއިންޓް ގެއްލުނު ދެ ވަނަ މެޗެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ އެ ޓީމުގެ ފަރާތުން އަދި ފެންނަނީ އެންމެ ބޭނުންވާ ލެވަލްގެ ކުޅުމެއް ނޫން ކަމަށާއި ވަރަށް ހަލުވި މިނެއްގައި ޓީމުގެ ކަންކަން ރަނގަޅުކުރަން ބޭނުންވާ ކަމަށެވެ.
ޖަރުމަނު ލީގުގައި މިރޭ އައިންޓްރަކްޓް ފްރޭންކްފާޓުން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން އާރްބީ ލައިޕްޒިގު ބަލިކޮށްފަ އެވެ. ސްޓުޓްގާޓާއި ޝާލްކާ 1-1 އިން އެއްވަރުވިއިރު، ކޮލޯން ވަނީ ވުލްފްސްބާގް ދަނޑުގައި އެ ޓީމު އަތުން 4-2 އިން މޮޅުވެފަ އެވެ.












