ހަނދަށް ދާން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އުފެއްދި އާ، ބިޔަ ރޮކެޓު ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް) ލޯންޗުކުރުން ހަފުތާއެއްގެ ތެރޭގައި ދެ ވަނަ ފަހަރަށް ފަސްކޮށްފި އެވެ.
ހޮނިހިރު ދުވަހު ރޮކެޓް ލޯންޗުކުރަން ތައްޔާރުވި ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ހައިޑްރޮޖެން ލީކުވާން ފެށި އެވެ. އަދި ކޮންޓްރޯލަރުންނަށް އެ ލީކު ނުހުއްޓުވުނެވެ.
ދެން އެ ރޮކެޓް ލޯންޗު ކުރުމުގެ ފުރުސަތު ނާސާއަށް ލިބޭނީ އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހުގަ އެވެ.
އެސްއެލްއެސްއަކީ ނާސާއިން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ ރޮކެޓެވެ. އެ ރޮކެޓް ދުނިޔޭގެ ބިމުން ނައްޓާލުމުގެ ބާރު ލިބެނީ ތިން މިލިއަން ލީޓަރުގެ ދިޔާ ހައިޑްރޮޖެން އާއި އޮކްސިޖެން އަންދައިގެންނެވެ.
ހޮނިހިރު ދުވަހު ރޮކެޓް ލޯންޗުކުރަން އޭގެ ހައިޑްރޮޖެން ޓޭންކަށް ގޭސް އަޅަން ފެށުމާ އެކު އެލާމް ޖެއްސުނެވެ. އެއާ އެކު ލީކެއް އުޅޭކަން ކޮންޓްރޯލަރުންނަށް އެނގުނެވެ.
މި ފެށޭ ހަފުތާގައި ރޮކެޓް ލޯންޗު ނުކުރެވިއްޖެ ނަމަ، އިތުރު އިންޖިނިއަރިން މަސައްކަތަށް އަނބުރާ ގެންދާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެ ނަމަ މި މިޝަން އިތުރަށް ފަސްކުރަން މަޖުބޫރު ވާނެ އެވެ.
އެސްއެލްއެސްގެ ފުރަތަމަ ދަތުރުގައި އިންސާނަކު ނެތި ދަތުރު ކުރަން ހަމަޖެހުނު ނަމަވެސް، އާޓެމިސް ޕްރޮގްރާމްގެ ދަށުން މުސްތަގްބަލުގައި އެ ރޮކެޓުގެ އެހީގައި އިންސާނުން ހަނދަށް ދަތުރު ކުރާނެ އެވެ.
އެ ރޮކެޓު ޖައްވަށް ދަތުރުކޮށް، ދުނިޔެއާ ވަރަށް ދުރުން އޮރަޔޯން ނަމަކަށް ކިޔާ ކެޕްސޫލެއް ދޫކުރަން ހަމަޖެހިފައިވެ އެވެ. އޭގެ ފަހުން ހަނދު ވަށައި ބުރު ޖެހުމަށް ފަހު ދުނިޔެއަށް ދަަތުރުކޮށް، ޕެސިފިކް ކަނޑުގެ ހިސާބަކަށް ތިރިކުރާނީ ހަ ހަފްތާ ފަހުންނެވެ.
ފުރަތަމަ ދަތުރުގައި އޮރަޔޯން ކެޕްސޫލްގައި އެއްވެސް އެސްޓްރޮނޯޓަކު ނުތިބޭނެ އެވެ. އެކަމަކު މި ދަތުރުގައި ކަންކަން ރަނގަޅަށް ގޮސްފި ނަމަ 2024 އިން ފެށިގެން ހިންގާ މިޝަންތަކުގައި އެސްޓްރޮނޯޓުން ބައިވެރިވާނެ އެވެ.








