ރާއްޖޭގެ ތަޖުރިބާކާރު ފިރިހެން އަމްޕަޔަރު, އައްޒާމް އިބްރާހިމް އާއި އައިޝަތު އަލީފާ އަށް އޭޝިއަން ޖޫނިއާ އެންޑް ކެޓޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އޮފިޝަލްކަން ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އޭޝިއަން ޖޫނިއާ އެންޑް ކެޓޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ އޭޝިއާ ސަރަހައްދުގައި ބާއްވާ 19 އަހަރުން ދަށުގެ އެންމެ މަތީ ފަންތީގެ މުބާރާތެވެ. ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތް މި އަހަރު މި ބާއްވަނީ ކޮވިޑް-19ގެ ސަބަބުން މިދިޔަ ދެ އަހަރު ނުބާއްވާ އޮތުމަށް ފަހުގަ އެވެ.
އޭޝިއަން ޖޫނިއާ އެންޑް ކެޓޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި 17 ގައުމަކުން ވާދަކުރެ އެވެ. އެއީ އިންޑިއާ، ޗައިނާ، ބަންގްލަދޭޝް، ބަހްރެއިން، ހޮންކޮން، އިރާން، ޖަޕާން، ކަޒަކިސްތާން، ދެކުނު ކޮރެއާ، ލާއޯސް، މެލޭޝިއާ، ނޭޕާލް، ގަތަރު، ސިންގަޕޫރު، ތައިލެންޑް، ޗައިނީސް ޓައިޕޭ އަދި އުޒަބަކިސްތާން އެވެ.

ރާއްޖޭގައި މި އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ މުބާރާތުގެ ތެރެއިން އަމްޕަޔަރު، އައްޒާމް (ކ) އާއި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ.
މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި އަމްޕަޔަރުކަން ކުރަމުން އަންނަ އައްޒާމް އިބްރާހިމް އަކީ ރާއްޖޭގެ ފިރިހެން އަމްޕަޔަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އަމްޕަޔަރެވެ. ގިނަ އަހަރުތަކެއް ވަންދެން ލޯކަލް ގިނަ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް އައްޒާމް ވަނީ އަމްޕަޔަރުކަން ކޮށްފަ އެވެ.
ބައިނަލް އަގުވާމީ ލެވަލްގައި އައްޒާމްގެ މަސައްކަތްތަކަށް ބަލާއިރު، އެންމެ ފާހަގަކުރެވޭ އެއް ކަމަކީ މި އަހަރުގެ ކުރީކޮޅު މާލޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އެސިސްޓަންޓް ޗީޕް ރެފްރީކަން ކުރުމެވެ. އެންމެ ފަހުން އައްޒާމް އަމްޕަޔަރުކަންކުރި ބޮޑު މުބާރާތަކީ 2021 ވަނަ އަހަރު ދޯހާގައި އޮތް އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕެވެ.
އަލީފާ އަކީ ރާއްޖޭގައި ހުރި ހަމައެކަނި އަންހެން ޓީޓީ އިންޓަނޭޝަނަލް އަމްޕަޔަރެވެ. އަލީފާ ވަނީ މާލޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވެސް ގިނަ މެޗުތަކެއްގައި އަމްޕަޔަރުކަން ކޮށްފަ އެވެ.

މާލޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ މުބާރާތުގެ ތެރެއިން އަލީފާ.-- ފޮޓޯ: އަދަދު
ކުރިން ގައުމީ ޓީމަށްވެސް ކުޅެފައިވާ އަލީފާ އަމްޕަޔަރުކަން ކުރަން ފެށިތާ މިވީ 10 އަހަރެވެ. އޭނާގެ ފުރަތަމަ މުބާރާތަކީ ލަންކާގައި 2016 ވަނަ އަހަރު އޮތް ސަރަހައްދީ ޖޫނިއާ މުބާރާތެވެ.
ރާއްޖޭގެ ޓީޓީ އަމްޕަޔަރުންނަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުން ފުރުސަތު ހޯދަމުން އަންނަ އަމްޕަޔަރުންނެވެ. އެ ގޮތުން އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސަރަހައްދީ އެކި ލެވެލްގެ ޓީޓީ މުބާރާތްތަކުގައި ދިވެހި އަމްޕަޔަރުންނަށް ފުރުސަތު ލިބިފައިވެ އެވެ.
މީގެ އިތުރުން މިދިޔަ މަހު ނިމުނު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ރާއްޖޭގެ ޓީޓީ އަމްޕަޔަރު މުހައްމަދު ޔާމީން ވަނީ ވަރުގަދަ މެޗުތަކެއްގައި އިންސާފުކޮށްފަ އެވެ.
ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ރެފްރީން/އަމްޕަަޔަރު/ ޓެކްނިކަލް އޮފިޝަލުން އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި އެކި ފަންތީގެ މުބާރާތްތަކާއި ކުޅިވަރު ގޭމްސްތަކުން ފުރުސަތު ހޯދަމުންނެވެ. އެ ގޮތުން ގޭމްސްތަކާއި މުބާރާތްތަކުގެ ވަރުގަދަ މެޗުތަކުގައި އިންސާފުކުރުމުގެ ފުރުސަތު ހޯދުމުގެ އިތުރުން، އިސް ރެފްރީއެއްގެ ޒިންމާ ވެސް ނަގާފައިވެ އެވެ.












