ލަންޑަން (ސެޕްޓެމްބަރު 2) - ޗެލްސީން ބާސެލޯނާގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ގެންދިޔައިރު، ލިވަޕޫލުން ލޯން ޑީލެއްގެ ދަށުން ޔުވެންޓަސްގެ އާތޫރް މެލޯގެ ސޮއި ހޯދައިފި އެވެ.
މެންޗެސްޓާ ސިޓީން ވަނީ ޓްރާންސްފާގެ ފަހު ދުވަހު ބޮރޫޝިއާ ޑޯޓްމަންޑްގެ ޑިފެންޑަރު، މެނުއަލް އަކަންޖީގެ ޑީލް ނިންމައިފަ އެވެ.
އާސެނަލްގެ ކޮންޓްރެކްޓް އުވާލައި، އޮބާމަޔަން ޖެނުއަރީ ފަހު ކޮޅުގައި ބާސެލޯނާ އަށް ބަދަލުވެ އެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ގެބޮން ގައުމީ ޓީމުން މި އަހަރު ރިޓަޔާކުރި އޮބާމަޔަން، 33، ވަނީ ބާސެލޯނާ އަށް ކުޅެދިން 24 މެޗުގައި 13 ގޯލު ޖަހައިފަ އެވެ. ޗެލްސީން ވަނީ އޮބާމަޔަންގެ ސޮއި ހޯދަން ބާސެލޯނާ އަށް 14 މިލިއަން ޑޮލަރުގެ އަގެއް ދައްކައިފަ އެވެ.
ޗެލްސީގެ އާ ވެރިޔާ، އެމެރިކާގެ މަހުޖަނު ޓޮޑް ބޮލީގެ ދައުރުގެ ފުރަތަމަ ޓްރާންސްފާ މާކެޓްގައި އެ ޓީމުން ވަނީ 278 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެއީ ޖުމްލަ އެކު ހަތް ޓްރާންސްފާ ފީގެ ގޮތުގަ އެވެ. ޗެލްސީން ގަތް ކުޅުންތެރިންނަކީ ބްރައިޓަންގެ މާކް ކުކުރޭލާ، ނަޕޯލީގެ ކަލީދޫ ކުލިބާލީ، މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން، އެސްޓަން ވިލާގެ ކާނޭ ޗުކުމުއޭކާ، ލެސްޓާ ސިޓީގެ ވެސްލީ ފޮފާނާ، ބާސެލޯނާގެ އޮބާމަޔަން އަދި ޝިކާގޯގެ ގޯލްކީޕަރު ގަބްރިއެލް ސްލޮނީނާ އެވެ.
ޓްރާންސްފާގެ ފަހު ދުވަހު ޗެލްސީން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްގެ މިޑްފީލްޑަރު ޑެނިސް ޒަކާރިއާގެ ސޮއި ހޯދައިފަ އެވެ. ޗެލްސީން ބޭނުންނަމަ މި ސީޒަން ނިމުމުން އޭނާގެ ކޮންޓްރެކްޓް، 38 މިލިއަން ޑޮލަރުގެ ފީ އަކަށް ދާއިމީ ކުރެވޭނެ އެވެ. ޗެލްސީން އިއްޔެ ވަނީ އޭސީ މިލާންގެ ރަފައެލް ލެއާއޯ ގަންނަން 110 މިލިއަން ޑޮލަރުގެ ޕެކޭޖެއް ހުށަހަޅައިފަ އެވެ. އެކަމަކު، މިލާނުން ވަނީ އެ އޮފާ އަނބުރާ ފޮނުވާލައިފަ އެވެ.
ޗެލްސީން ވަނީ އެ ޓީމުގެ ސްޕެނިޝް ފުލްބެކް، މާކޯސް އަލޮންސޯގެ ކޮންޓްރެކްޓް އުވާލައި، ބާސެލޯނާ އަށް ބަދަލުވާން އޭނާ އަށް ފުރުސަތު ފަހިކޮށްދީފަ އެވެ. ހިލޭ ޓްރާންސްފާއެއްގެ ދަށުން އަލޮންސޯ ބާސެލޯނާ އަށް ސޮއިކުރާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާ އިން ހިލޭ ޑީލެއްގެ ތެރެއިން ކުރިން އާސެނަލާއި ރެއާލް ބެޓިސް އަށް ކުޅުނު ހެކްޓަ ބެލެރިންގެ ސޮއި ވެސް ވަނީ ހޯދައިފަ އެވެ.
ލިވަޕޫލުން އާތޫރް ގެނައީ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް
ލިވަޕޫލަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ކުޅުންތެރިން މަދުވެފައިވަނީ މިޑްފީލްޑަރުންގެ ތެރެއިންނެވެ. މި ވަގުތު އަނިޔާގައި ތިބި މިޑްފީލްޑަރުންނަށް ބަލާއިރު، ތިއާގޯ އަލްކަންޓާރާ، ކާޓިން ޖޯންސް، އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން އަދި ނަބީ ކެއިޓާ ހިމެނެ އެވެ
އެހެންވެ، މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އެ ޓީމުން މިޑްފީލްޑަރެއް ގެންނާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ބުނެފަ އެވެ.
މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތުގައި ލިވަޕޫލުން ފާރަލި ކުޅުންތެރިންގެ ތެރޭގައި އާރްބީ ލައިޕްޒިގުގެ ކޮންރަޑް ލައިމާ، ބާސެލޯނާގެ ފްރެންކީ ޑި ޔޯން އަދި އެސްޓަން ވިލާގެ ޑަގްލަސް ލުއީޒް ވެސް ހިމެނެ އެވެ. އެކަމަކު، ލިވަޕޫލުން ނިންމީ، ލޯން ޑީލެއްގެ ދަށުން ޔުވެންޓަސްގެ އާތޫރު ގެންނާށެވެ. ޔުވެންޓްސްއާ ހަވާލާދީ އިޓަލީގެ މީޑިއާގައި ރިޕޯޓްކުރި ގޮތުގައި އާތޫރުގެ ލޯން އެއްބަސްވުން ދާއިމީ ކުރަން ބޭނުންނަމަ އެކަން ކުރަން ލިވަޕޫލުން 38 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ގަތް ތިން ކުޅުންތެރިއަކަށް 110 މިލިއަން ޑޮލަރު ހަރަދުކުރި އެވެ. އެއީ ބެންފީކާގެ ޑާވިން ނޫނޭޒް، ފުލަމްގެ ފަބިއޯ ކަވާލިއޯ އަދި އެބަޑީންގެ ކަލްވިން ރަމްސީ ގަންނާށެވެ. އާތޫރްގެ ލޯން ފީގެ ގޮތުން ފަސް މިލިއަން ޑޮލަރު ދޭން ވެސް ލިވަޕޫލުން ވަނީ އެއްބަސްވެފަ އެވެ.
އަކަންޖީ އަކީ ސިޓީ އަށް ބޭނުންތެރި ޓްރާންސްފާއެއް
ކަކުލަށް ލިބިފައިވާ އަނިޔާއަކުން ރަނގަޅުވާން ސިޓީގެ ސްޕެއިން ޑިފެންޑަރު، އައިމެރިކް ލަޕޯޓް ވަނީ މި ސީޒަން ފެށުމުގެ ކުރިން އޮޕަރޭޝަނެއް ކޮށްފަ އެވެ. ސިޓީން އާ ޑިފެންޑަރަކަށް އިންވެސްޓް ކުރަން ނިންމާފައި އޮތީ ރަނގަޅު ޑީލެއް ލިބިއްޖެނަަމަ އެވެ. އެ ގޮތުން ޑޯޓްމަންޑަށް ކުޅެމުން އަންނަ ސްވިޒަލެންޑް ގައުމީ ޓީމުގެ އަކަންޖީ އަކީ ސިޓީ އަށް ބޭނުންތެރި ޓްރާންސްފާ އެކެވެ.
ސިޓީން އަކަންޖީ ގަތީ ޑޯޓްމަންޑަށް 17 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. އުމުރުން 27 އަހަރުގެ އަކަންޖީ ވަނީ ސިޓީއާ އެކު 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ. ހަތަރު އަހަރާއި ބައި ވަންދެން ޑޯޓްމަންޑަށް ކުޅުނު އަކަންޖީ ވަނީ ޖުމްލަ އެކު އެ ޓީމަށް 158 މެޗު ކުޅެދީފަ އެވެ.
ޕެޕް ގާޑިއޯލާގެ ސިޓީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ހަތަރު ކުޅުންތެރިއަކަށް 140 މިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. އެއީ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑާއި އަކަންޖީ އަދި އަންޑަލެކްޓްގެ ސާޖިއޯ ގޯމޭޒް އަދި ލީޑްސް ޔުނައިޓެޑްގެ ކެލްވިން ފިލިޕްސް ގަންނަން ކުރި ހޭދަ އެވެ.












