އެމެރިކާގެ ހަނގުރާމަ މަތީ ދެ މަނަވަރު ޓައިވާން ކައިރިން ދަތުރު ކުރަމުންދާ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން އިއުލާންކޮށްފި އެވެ.
މިއީ މި އޯގަސްޓް މަހުގެ ކުރީކޮޅު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރަށް ފަހު އެމެރިކާ ކަނޑުގެ ސިފައިން ހިންގާ މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.
ޕެލޯސީގެ ދަތުރާ ގުޅިގެން ޗައިނާ އާއި އެމެރިކާގެ ގުޅުމަށް އަސަރުކޮށްފައިވާ އިރު، ޗައިނާއިން ރައްދުގައި ބޮޑު އަސްކަރީ ތަމްރީންތަކެއް ޓައިވާން ކައިރީގައި ހިންގި އެވެ.

މީގެ ކުރިން ވެސް އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުގެ ކަނޑުގެ ސިފައިން ޓައިވާން ކައިރިން ދަތުރުކޮށްފައިވެ އެވެ.
އެމެރިކާއިން ބުނީ މި ފަހަރު ދަތުރު ކުރަނީ ޔޫއެސްއެސް އެންޓިއެޓަމް އާއި ޔޫއެސްއެސް ޗާންސެލާވިލް ކަމަށެވެ. އެއީ މިސައިލް ފޮނުވުމުގެ ގާބިލްކަން ހުރި ދެ ބޯޓެވެ.
ޗައިނާގެ ސިފައިން އާދީއްތަ ދުވަހު ބުނީ ދެ ބޯޓުގެ ދަތުރު މޮނީޓާ ކުރަމުންދާ ކަމަށާއި ހަމަލާއެއް ދީފި ނަމަަ ރައްދު ދޭން ތައްޔާރަށް ތިބި ކަމަށެވެ.
ޓައިވާނުން ބުނީ ބޯޓުތަކުގެ މިސްރާބު ހުރީ ދެކުނަށް ކަމަށާއި ދަތުރު މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި ކަންކަން އޮތީ އާއްމު ހާލަތުގައި ކަމަށް ވެސް ބުންޏެވެ.
ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެއް ކަމަށެވެ. އެކަމަކު ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ.
ޗައިނާގެ ތަަނެއްގެ ގޮތުގައި ޓައިވާން ބޭއްވުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ފަސްނުޖެހޭނެ ކަމަށް ޗަައިނާއިން ތަކުރާރުކޮށް ބުނެފައިވެ އެވެ.
އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ.
ނަަމަވެސް އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކަ އެވެ. އެއީ ޗައިނާގެ ހަމަލާއަކުން ދިފާއުވުމުގެ ހައްގު ދިނުމަށް ކަމަށް ބުނެ އެވެ.










