ކާއްޑޫ ބިޑު ބާތިލުކުރި މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީ ގޮވައިގެން ކޯޓަށް

ރާއްޖޭގެ ރަށެއް: އެންމެ ފަހުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ކުއްޔަށް ދިނީ ހަތަރު ރަށެއް. -- ފޮޓޯ: އަންސްޕްލޭޝް

ރާއްޖޭގެ ރަށެއް: އެންމެ ފަހުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ކުއްޔަށް ދިނީ ހަތަރު ރަށެއް. -- ފޮޓޯ: އަންސްޕްލޭޝް

އެންމެ ފަހުން ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ތ. ކާއްޑޫ ތަރައްގީކުރަން ހުށަހެޅި ބިޑު ބާތިލުކުރި މައްސަލައިގައި ބިޑު ހުށަހެޅި ކުންފުނިން ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކާއްޑޫއަށް ބިޑު ހުށަހެޅި ހަމައެކަނި ފަރާތް ކަމުގައިވާ ޖަރުމަނުގެ ކްރޭމާ ޖީއެމްބީއެޗް އިންނެވެ.

ކްރޭމާއިން ޓޫރިޒަމާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އެ ކުންފުނިން ހުށަހެޅި ބިޑު ޑޮކިއުމެންޓް އެ މިނިސްޓްރީން ބާތިލުކުރީ ރަށްތައް ދޫކުރާނެ އުސޫލުތައް ބަޔާންކުރާ "އިންސްޓްރަކްޝަން ޓު ބިޑާސް" ނުވަތަ "އައިޓީބީ"ގެ މާއްދާތަކާ ހިލާފަށް ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ކްރޭމާއިން ކޯޓުގައި އެދެނީ އެ ކުންފުނީގެ ބިޑު ބަލައިގަނެ، ބިޑު ޑޮކިއުމަންޓުގައި ބުނާ ޝަރުތުތަކާ އެއްގޮތަށް ލެޓާ އޮފް އެވޯޑު ދޫކުރުމަށާއި ކާއްޑޫގައި ރިސޯޓެއް ތަރައްގީކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ދިނުމަށެވެ. އަދި މައްސަލަ ނިމެންދެން ކާއްޑޫ އެހެން ފަރާތަކަށް އެއްވެސް ބޭނުމެއްގައި ދިނުން މަނާކޮށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ކްރޭމާއިން ކޯޓުގައި ބުނީ އެ ކުންފުނީގެ ބިޑަކީ އައިޓީބީގައި ބުނާ މާއްދާތަކާ އެއްގޮތަށް ސައްހަ ބިޑެއް ކަމުން ބިޑު ބާތިލުނުވާނެ ކަމަށާއި، އެ ކުންފުންޏަށް ބިޑު ކާމިޔާބުވެފައިވާ ކަމަށެވެ. މިހެންކަމުން މި ރަށް އެހެން ބަޔަކަށް ދިނުމަކީ އެ ކުންފުންޏަށް "ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެފައިވާ" ކަމަށް އެ ކުންފުނިން ކޯޓުގައި ބުނެފައިވެ އެވެ.

މިކަންކަމަށް ރައްދު ދެމުން ޓޫރިޒަމްގެ ފަރާތުން ވަކާލާތުކުރަމުން ބަންޑާރަ ނައިބު އޮފީހުން ކޯޓުގައި ބުނީ ބިޑު ބާތިލުކުރީ އައިޓީބީގެ 25 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މި މާއްދާގައި ބުނަނީ މިނިސްޓްރީން ބޭނުންވެއްޖެ ނަމަ ބިޑް ޕްރޮސެސް އެއްކޮށް ނުވަތަ ވަކި ރަށަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ހުރިހާ ބިޑެއް ބާތިލުކޮށް، ނުވަތަ އެ ބިޑު ބަލައިނުގަތުމުގެ ފުރިހަމަ އިހުތިޔާރު ޓޫރިޒަމަށް ލިބޭ ކަމަށެވެ.

މިހެންކަމުން ކްރޭމާއިން އޮފާ ލެޓާ ދޭން އެދުނު ނަމަވެސް، އެ ސިޓީ ދޫކުރުމާއި ނުކުރުމަކީ މިނިސްޓްރީއަށް ލިބިދީފައިވާ އިހުތިޔާރީ ބާރެއް ކަމަށާއި އެ އޮފާ ނުލިބޭހާ ހިނދަކު އެ ރަށުގެ މައްޗަށް ކުންފުނީގެ މައުޟޫއީ ހައްގެއް ނޯންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލައިގެ ވަގުތީ އަމުރު ކޯޓުން ނެރުނީ ޓޫރިޒަމް މިނިސްޓްރީއާ އެއްކޮޅަށެވެ.

އެގޮތުން ދައުލަތުން ފާހަގަކުރި ވާހަކަތަކަށް ބާރު ދެމުން ވަގުތީ އަމުރުގެ މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ގާޒީ ނިމާލް ޖުނެއިދުގެ ނިންމުމުގައި ވަނީ އޮފާ ލެޓާ ދޫކޮށްފައި ނުވާއިރު ކާއްޑޫގެ މައްޗަށް ކްރޭމާގެ ހައްގެއް އުފަންވެފައިވާ ކަމަށް ބުނެވިދާނެ ކަމުގައި ނުދެކޭ ކަމަށެވެ.

ކްރޭމާއިން އެދުނު ގޮތަށް ވަގުތީ އަމުރެއް ނުނެރުނު ނަމަވެސް ބިޑު ބާތިލުކުރީ އައިޓީބީއާ ހިލާފަށް ކަމާ ބުނާ މައްސަލައިގެ ޝަރީއަތް ކުރިޔަށް ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox