ލަންޑަން (އޮގަސްޓް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން 2-1 އިން ފުލަމް ބަލިކޮށް ސައްތަ އިން ސައްތަ ރެކޯޑާ އެކު އެއް ވަނަ މަގާމް ދެމެހެއްޓިއިރު، އާލިން ބްރައުޓް ހާލަންޑްގެ ހެޓްރިކާ އެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަހަތުން އަރަައި 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފި އެވެ،
ލިވަޕޫލުން ބޯންމައުތު 9-0 އިން ބަލިކޮށް މި ފަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދިއިރު، މިއީ އެ ކްލަބްގެ ތާރީހުގައި ޕްރިމިއާ ލީގުގައި ހޯދި އެންމެ ބޮޑު މޮޅެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެެވެ.
އާސެނަލް އެއް ވަނައިގައި އޮތީ ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. މިއީ 2004/2005 ވަނަ އަހަރުގެ ސީޒަނަށް ފަހު އާސެނަލުން ލީގުގެ ފުރަތަމަ ހަަތަރު މެޗުން މޮޅުވި ފުރަތަމަ ފަަހަރެވެ. މީގެ ކުރިން އާސެނަލުން ވަނީ އެ ކްލަބްގެ ތާރީހުގައި ތިން ފަހަރެއްގެ މަތިން ހަތަރު މޮޅާ އެކު ލީގު ސީޒަން ފަށައިފަ އެވެ.
ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ބްރައިޓަން ވަނީ މިރޭ އަމިއްލަ ދަނޑުގައި ޕަސްކާލް ގްރޮސްގެ ގޯލުން 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެެވެ. ހަތަރެެއްގައި އޮތް ޓޮޓެންހަމް އާއި ފަސް ވަނައިގައި އޮތް ލީޑްސް އާއި ހަ ވަނައިގައި އޮތް ޗެލްސީ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އަށް ވަނައިގައި ލިވަޕޫލް އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ.
މިކޭލް އާޓެޓާ ޕްރިމިއާ ލީގުގައި އާސެނަލަށް ކޯޗުކޮށްދިން 100 ވަނަ މެޗުގައި އެ ޓީމު މޮޅުވާން ޖެހުނީ ފަހަތުން އަރަ އެވެ. މި މެޗުގައި ފުލަމް އިން 56 ވަނަ މިނިޓްގައި ލީޑުނެގީ އާސެނަލްގެ ގަބްރިއެލް މަގާޅައެސް ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. މި ގޯލު ޖެހީ އަލެކްސަންޑާ މިޓްރޮވިޗް އެވެ. އާސެނަލުން ވަނީ 64 ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބުކާޔޯ ސަކާ އެވެ.
މެޗު އެއްވަރުވާން ދަނިކޮށް އާސެނަލް މޮޅުކޮށްދިން ގޯލު 85 ވަނަ މިނިޓްގައި ޖެހީ ގަބްރިއެލް އެވެ. މިއީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ފުލަމްގެ ކީޕަރު ބާން ލޭނޯ ޕަންޗްކުރަން އުޅުމުގެ ތެރޭގައި އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ގައިގައި ޖެހިފައި ގޯލު ރޮނގުމަތިން ގަބްރިއެލް އަށް ލިބުމުން ޖެހި ގޯލެކެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.
އާސެނަލްގެ ކޯޗުކަމުގައި އާޓެޓާގެ 100 މެޗުގެ ތަފްސީލަށް ބަލާއިރު، 53 މެޗުން ވަނީ މޮޅުވެފަ އެވެ. ސޯޅަ މެޗުން އެއްވަރުވިއިރު، 31 މެޗުން ވަނީ ބަލިވެފަ އެވެ.

ސިޓީގެ ހާލަންޑް މިރޭ ޕެލަސް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ހާލަންޑް ވަނީ މިހާތަނަށް ޕްރިމިއާ ލީގުގެ ހަތަރު މެޗުގައި ހަ ގޯލު ޖަހާފައި.
ސިޓީ ކޮޅަށް މިރޭގެ މެޗުގައި ފުރަތަމަ 21 މިނިޓް ތެރޭ ކްރިސްޓަލް ޕެލަސް އިން ދެ ގޯލު ޖެހި އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ޕެލަސް އިން ލީޑުނެގީ ސިޓީގެ ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި 21 ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ޔަކީމް އެންޑަސަން ބޮލުން ގޯލުގެ ކަނަށް ފޮނުވާލައި، ޕެލަސްގެ ލީޑުފުޅާކޮށްދިނެވެ.
މެޗުން ސިޓީ މޮޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ހެޓްރިކް ހެދި ހާލަންޑް އަށެވެ. ސިޓީން ދެ ވަނަ ހާފުގައި ހަތަރު ގޯލު ވެސް ޖެހިއިރު، އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިިދިނީ 53 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ އެވެ. ސިލްވާ ޖެހި ބޯޅަ ގޯލަށް ވަނީ ޕެލަސްގެ ޖެފްރީ ޝްލަޕް ފައިގައި ޖެހިފަ އެވެ. ހާލަންޑް މެޗުގެ 62 ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ ފިލް ފޯޑެން ނެގި ހުރަހަކުން ބޮލުން ޖެހި ގޯލުންނެވެ.
ސިޓީ އަށް ލީޑުނަަގައިދިން ގޯލު ހާލަންޑް ޖެހީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ބެނާޑޯ ސިލްވާ ނެގި ހުރަހެއް ސްޓޯންސް ފައިގައި ޖެހިފައި ހާލަންޑަށް ލިބުނު ވަގުތު އޭނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ސިޓީގެ އިލްކާއި ގުންޑޮގާން ދިން ބޯޅައެއް ހިފައިގެން ޕެލަސްގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ހަދައި، ސިޓީ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގުގެ ފުރަތަމަ ތިން މެޗުގައި މޮޅެއް ނުލިބި އޮތް ލިވަޕޫލުން މިރޭ ވަނީ ފުރަތަމަ ހާފުގައި ބޯންމައުތު ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ. މިއީ އެ ކްލަބްގެ ތާރީހުގައި ވެސް ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި ފަސް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ބޯންމައުތު ގޯލަށް ބޯޅަ ފޮނުވާލަނީ: މިއީ މި ސީޒަނުގައި ފިރްމީނޯގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނުނު މެޗު.
ލިވަޕޫލަށް ލީޑުނަގައިދިނީ ތިން ވަނަ މިނިޓްގައި ލުއިޒް ޑިއާޒް ބޮލުން ޖެހި ގޯލުންނެވެ. ހަ ވަނަ މިނިޓްގައި އޭރިއާބޭރުން 18 އަހަރުގެ ހާވީ އެލިއަޓް ޖެހި ގޯލުން ލިވަޕޫލް ލީޑުފުޅާކުރި އެވެ. މެޗުގެ 28 ވަނަ މިނިޓްގައި އޭރިއާބޭރުން ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހިއިރު، 31 ވަނަ މިނިޓްގައި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ލިވަޕޫލުން ފުރަތަމަ ޖެހި ތިން ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ފިރްމީނޯ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި ވާޖިލް ވެން ޑައިކް ލިވަޕޫލްގެ ފަސް ވަނަ ގޯލު ޖެހި އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި ބޯންމައުތުގެ ކްރިސް މެފަޕް އަތުން ބައިކޮޅަށް ވަން ގޯލާ އެކު ލިވަޕޫލުން ހަ ވަނަ ގޯލެއް ޖެހި އެެވެ. މި ލަނޑު ބަލައިގަތީ ވީއޭއާރް އިން ބަލައިފަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ފިރްމީނޯ ލިވަޕޫލްގެ ހަތް ވަނަ ގޯލު ޖެހިއިރު، މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން 100 ވަނަ ގޯލެވެ.
ލިވަޕޫލްގެ އަށް ވަނަ ގޯލު ޖެހީ ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން އެރި ފަބިއޯ ކަވާލިއޯ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ކަވާލިއޯ ވޮލީ އަކުން ޖެހި މި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލަކަށް ކުޅެން އެރި ކޮސްޓާސް ސިމިކާސް އެވެ. އޭގެ ފަސް މިނިޓް ފަހުން، ސިމިކާސް ނެގި ކޯނަރަކުން ޑިއާޒް ވަނީ ލިވަޕޫލްގެ އަށް ވަނަ ގޯލެއް ޖަހައިފަ އެވެ. މި މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހަށް ގޯލު ޖަހަން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.
މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ޓީމެއް ނުވަ ގޯލުން މޮޅުވި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ޔުނައިޓެޑުން ވަނީ 1995 ވަނަ އަހަރު އިސްޕްވިޗް ޓައުން އާއި މިދިޔަ ސީޒަނުގައި ސައުތެމްޓަން އަތުން ނުވަ ގޯލުން މޮޅުވެފަ އެވެ. އަދި ލެސްޓާ އިން 2019 ވަނަ އަހަރު ސައުތެމްޓަން ދަނޑުގައި ނުވަ ގޯލުން މޮޅުވި އެވެ.

ލެސްޓާ ކޮޅަށް ގޯލު ޖެހުމަށް ފަހު ޗެލްސީގެ ސްޓާލިން (ކ) އާއި ރީސް ޖޭމްސް އުފާފާޅުކުރަނީ
ޗެލްސީން މިރޭ ލެސްޓާއާ ދެކޮޅަށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 28 ވަނަ މިނިޓްގައި އެ ޓީމުގެ ޒުވާން މިޑްފީލްޑަރު، ކޮނާ ގެލަގާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ލެސްޓާ އިން ކޯނަރެއްގައި ގޯލެއް ޖެހި ނަމަވެސް ވީއޭއާރް އިން ނިންމީ އެ ގޯލު ބަލައިނުގަންނާށެެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޗެލްސީން ދެ ވަނަ ހާފު ފެށިގެން ދެ ގޯލު ޖެހި އެވެ. ދެ ލަނޑު ވެސް ޖެހީ ރަހީމް ސްޓާލިން އެެވެ. މި ދެ ގޯލު ޖެހުމުގެ އިތުރުން ސްޓާލިން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ. ލެސްޓާ އަށް ހާވީ ބާންސްގެ ގޯލުން އުންމީދެއް ލިބުނުއިރު، ނަތީޖާ ހަމަހަމަކުރަން ޖޭމީ ވާޑީ އާއި އަޔޯޒީ ޕެރޭޒް ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އަޔޯޒީ ޕެރޭޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ޗެލްސީން މިރޭގެ މެޗު ކުޅެން ޖެހުނީ އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބެންޗުގައި ނެތި އެވެ. ޓުޗެލް ހުރީ ބެންޗަށް ނާދެވޭ ގޮތަށް އެއް މެޗުގެ ސަސްޕެންޝަނެއްގަ އެވެ. އޭނާ ސަސްޕެންޑްކޮށްފައިހުރީ މި މަހު 14 ވަނަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެެމެދު ހިނގި އަރާރުމެއްގެ މައްސަލައިގަ އެވެ.
ލީގުގައި މިރޭ ދެން ކުޅުނު މެޗުގައި ބްރެންޓްފޯޑާއި އެވަޓަން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަތަރު ކްލަބްގެ ތެރޭގައި ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ އެވަޓަން ހިމެނެ އެވެ. އެވަޓަންގެ އިތުރުން މޮޅެއް ނުލިބި ދެން އޮތީ ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ އަދި ވުލްވްސް އެވެ. އެވަޓަން އާއި ލެސްޓާ ހަަތަރު މެޗު ކުޅުނުއިރު، ވުލްވްސް އާއި ވެސްޓް ހޭމް އަދި ކުޅުނީ ތިން މެޗެވެ.












