ނިއުކާސަލް (އޮގަސްޓް 27) - ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓްގެ ގޯލްކީޕަރު ކެވިން ޓްރަޕް އަށް މެންޗެސްޓާ ޔުނައިޓެޑުން ލިބުނު އޮފާ ދޫކޮށްލުމުން އެ ޓީމުން ނިއުކާސަލް ޔުނައިޓެޑްގެ ގޯލްކީޕަރު މާޓިން ޑުބްރާވްކާ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑްގެ ދެ ވަނަ ކީޕަރަކަށް މިިދިޔަ ސީޒަނުގައި ހުރި ޑީން ހެންޑަސަން ވަނީ މި ސީޒަން ފެށުމުގެ ކުރިން ލޯނަކަށް ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެފަ އެވެ. ޔުނައިޓެޑްގެ އެއް ވަަނަ ކީޕަރު ޑޭވިޑް ޑެހެއާ އަށް ޗެލެންޖެއް ދީ އެއް ވަނަ މަގާމަށް ވާދަަކުރެވޭނެ ރަނގަޅު ކީޕަރެއް ހޯދަން، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ދިޔައީ ޓްރާންސްފާ ބާޒާރުގައި މަަސައްކަތް ކުރަމުންނެވެ.
އެ ގޮތުން ޓެން ހާގް ފުރަތަމަ ގަންނަން ބޭނުންވީ ޔޫރޮޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އައިންޓްރަކްޓް ފްރޭންކްފާޓްގެ އެއް ވަނަ ގޯލްކީޕަރު ޓްރަޕް އެވެ. ޔުނައިޓެޑްގެ ދެ ވަނަ ކީޕަރަކަށް މި ވަގުތު ހުރީ ޓޮމް ހީޓަން އެވެ. އޭނާއާ މެދު ޓެން ހާގްގެ ވިސްނުން އެހާ ރަނގަޅެއް ނޫނެވެ. ކުރިން ޕީއެސްޖީ އާއި ކައިސަސްލައުޓަން އަށް ކުޅެފައިވާ ޓްރަޕް، 32، އަކީ ފައިން ކުޅޭ ބޯޅަތަކުގައި ރަނގަޅު ކީޕަރަކަށް ވާތީ ޓެން ހާގް އޭނާ އަށް ވަރަށް ޝައުގުވެރިވެ އެވެ.
އެކަމަކު، ޓްރަޕް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ޔުނައިޓެޑްގެ ހުށަހެޅުމަކާ ގުޅޭގޮތުން އޭނާއާ ފްރޭންކްފާޓުން މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު، މި ވަގުތު ފްރޭންކްފާޓް ދޫކޮށް އެހެން ޓީމަކަށް ދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ޓްރަޕް ވަނީ ބުނެފަ އެވެ.

ފްރޭންކްފާޓް މެޗެއްގެ ތެރެއިން ޓްރަޕް އުފާފާޅުކުރަނީ: ޔުނައިޓެޑްގެ ހުށަހެޅުމެއް ޓްރަޕް ވަނީ ދޫކޮށްލާފައި.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މިހާރު މަޝްވަރާ ކުރަނީ ނިއުކާސަލްގެ ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ، 33، ގެންދިއުމަށެވެ. ޔުނައިޓެޑާ އެކު ޑުބްރާވްކާގެ ޑީލް މަޝްވަރާކުރާކަން ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ވަނީ މީޑިއާ އަށް ވެސް ކަށަވަރުކޮށްދީފަ އެވެ.
ހޯވް ބުނީ ޓީމުގެ މުހިންމު ކުުޅުންތެރިންގެ މުސްތަގުބަލާ ގުޅޭ ކަންކަން ނިންމުމަކީ އޭނާގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށެވެ.
ނިއުކާސަލް އިން މި ފަހަރުގެ ޓްރާންސްފާގައި ބާންލީ އަށް ކުޅެމުން އައި އިނގިރޭސި ކީޕަރު ނިކް ޕޯޕް ގެނެސްފައިވާއިރު، ނިއުކާސަލްގެ ގޯލު ބަލަހައްޓަމުން އަންނަނީ އޭނާ އެވެ. ސްޕާޓާ ޕްރާގަށް ކުރިން ކުޅުނު ޑުބްރާވްކާ ހޯދަން ޔުނައިޓެޑުން ފުރަތަމަ ހަ މިލިއަން ޑޮލަރުގެ އޮފާއެއް ހުށަހަޅަން ނިންމި ނަމަވެސް މިހާރު ޔުނައިޓެޑްގެ ވިސްނުމަކީ އެއް ސީޒަނުގެ ލޯން ޑީލެއް ދިނުމެވެ.
ޔުނައިޓެޑުން މި ވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އަޔަކްސްގެ ބްރެޒިލް ވިންގް، އެންތަނީ ގެންނާށެވެ. އެންމެ ފަހުން ޔުނައިޓެޑުން އެންތަނީ ގަންނަން ކުރި 90 މިލިއަން ޑޮލަރުގެ ބިޑް ވެސް އަޔަކްސް އިން އަނބުރާ ފޮނުވާލީ އެވެ. އެންތަނީ، ހުރީ ޔުނައިޓެޑާ ގުޅެން ބޭނުންވެފަ އެވެ. އެކަމަކު، އަޔަކްސް އިން ވަނީ މި ފަހަރުގެ ޓްރާންސްފާގައި އެންތަނީ ވިއްކައިނުލާނެ ކަމަށް ބުނެފަ އެވެ.












