"އިހު މީހުންގެ ހަބަރުތައް ދެނެގަނެއްޖެ މީހާ އޭނާގެ އުމުރަށް އެތައް ބައިވަރު އަހަރުތަކެއް އިތުރުކޮށްފިއެވެ." އަރަބި ޅެންވެރިޔަކު މިގޮތަށް ވިދާޅުވީ ސަބަބެއް ނެތިއެއް ނޫނެވެ. މާތް ﷲ މިކާއިނާތުގައި ބަދަލުވުމެއް ނުވާ އުސޫލުތަކެއް ލައްވާފައިވެ އެވެ. ކާއިނާތު ފެށުނީއްސުރެ ހިނގަމުން އަންނަނީ މިދެންނެވި ބަދަލުވުމެއް ނެތް ދާއިމީ އުސޫލުތަކުގެ މަތީގައެވެ. އެއްގޮތަކަށެވެ. ވުމާއެކު އެ އުސޫލުތަކުގެ ކުރިމަތީގައި އެކި ޒަމާންތަކުގައި ކާއިނާތުގެ ފުރޮޅުންތަކުގެ މައިގަނޑު ބިނާވެ އަންނާނީ ހަމަ އެއްގޮތްތަކެއްގެ މައްޗަށް ކަމާމެދަކު ޝައްކެތް ނެތެވެ.
އިންސާނާގެ ސިކުނޑި އިބުރަތްތަކުން ފުރިވަރަކަށް ސިކުނޑިން ކަންކަމުގެ ހައްލު ނެރޭ މިންވަރު އަވަސްވެ އެވެ. ތާރީހަކީ އިބުރަތްތަކުގެ މަސްދަރެކެވެ. ތާރީހުގައި ހިނގާފައިވާ ހާދިސާތަކުން ތަފާތު ދަރުސްތަކާއި އިބުރަތް ލިބިގަނެވެ އެވެ. ކީރިތި ޤުރުއާނުގެ ޔޫސުފް ސޫރަތުގެ 111 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެ އެވެ. "ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ އަހުލުވެރިންނަށް އިބުރަތެއް ވާކަން ކަށަވަރެވެ." މިސަބަބަށްޓަކައި ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ވެސް އިސްވެ ދިޔަ އުންމަތްތަކުގެ މީހުންގެ ހަބަރުތައް ހޯދުމަށް އަމުރުކުރައްވާފައިވެ އެވެ. މީގެ އެއް މިސާލަކީ ޣާފިރު ސޫރަތުގެ 82 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތް ﷲ އަންގަވަނީ، "ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެއުރެންނަށް ވުރެ އަދަދުގިނަ، އަދި ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބަޔަކުކަމުގައި އެއުރެން (އެބަހީ، ކުރިން އުޅުނު މީހުން) ވި އެވެ. ފަހެ، އެއުރެން ހޯދައިއުޅުނު ތަކެތި އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ." މިނޫންވެސް މިފަދަ ކިތަންމެ އާޔަތެއް ޤުރުއާނުގައި އައުމުގެ އިތުރަށް ތާރީހީ އެތައް ހާދިސާތަކެއް އެކަންކަމުން އިބުރަތް ލިބިގަތުމަށްޓަކައި ޤުރުއާނުގައި އައިސްފައިވެ އެވެ.
އަލްޢައްލާމާ މުޙައްމަދުލްޣަޒާލީ ލިޔުއްވި މަޙާވިރުލް ޤުރުއާނިލްކަރީމިލް ޚަމްސައޭ ކިޔުނު ފޮތުގައި، އިހު އުންމަތްތަކުގެ މީހުންގެ ވާހަކަތަކަކީ ކީރިތި ޤުރުއާނުގެ އެއް މިޙްވަރުކަމުގައި ބަޔާންކުރައްވާފައިވެ އެވެ. އޭގެ ސަބަބެއް ކަމަށް ޢައްލާމާ ބަޔާންކުރައްވަނީ އިންސާނީ ޖީލުތައް ކުރިއަރައިދިއުމުގައި އިހުގެ އުންމަތްތަކުގެ ނުވަތަ އިހުގެ ހާދިސާތަކުން އިބުރަތް ލިބިގަތުމުގެ މުހިންމުކަމުގެ ބޮޑުކަމެވެ.
ހޫދު ސޫރަތުގެ 120 ވަނަ އާޔަތުގައިވެއެވެ. "އަދި ރަސޫލުންގެ ހަބަރުތަކުގެ ތެރެއިން މިއެންމެހާ ހަބަރުތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި ހަބަރުތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، ހައްގު ތެދުބަސްފުޅެވެ. އަދި މުއުމިންތަކުންނަށް ވައުޒަކާއި، ހަނދާންކޮށްދިނުމެކެވެ." އަދި ޠާހާ ސޫރަތުގެ 99 ވަނަ އާޔަތުގައިވެއެވެ. "އިސްވެދިޔަ އުންމަތްތަކުގެ ހަބަރުތަކުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަނީ، އެފަދައިންނެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ހަޒުރަތުން ކަލޭގެފާނަށް ޤުރުއާން ދެއްވީމެވެ." އަދި ހޫދު ސޫރަތުގެ 100 ވަނަ އާޔަތުގައިވަނީ "އެއީ ރަށްތަކުގެ ހަބަރުތަކުގެ ތެރެއިން ބަޔެކެވެ. ތިމަންރަސްކަލާނގެ އެ ހަބަރުތައް ކަލޭގެފާނަށް ކިޔައިދެއްވަމެވެ. ގާއިމުވެހުރި ރަށްތަކާއި، ނެތި ހަލާކުވެގެންދިޔަ ރަށްތައް އޭގެތެރެއިންވެ އެވެ." އަދި އަލްއަޢުރާފު ސޫރަތުގެ 176 ވަނަ އާޔަތުގައި މާތް ﷲ އަމުރުކުރައްވާފައިވެއެވެ. "ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ."
ތާރީހު ދިރާސާކުރުމުގެ ފައިދާތައް ނުލާހިކު ގިނަގުނައެވެ. ތާރީހު ދިރާސާކުރުމުން ނަބިއްޔުންނާއި ރަސޫލުންގެ ހަބަރުތައް އޮޅުންފިލައެވެ. އެކި ޒަމާންތަކުގައި އުޅުއްވި މުޖައްދިދިނުންނާއި މުޞްލިޙުންގެ ހަބަރުތައް އެނގި ދަސްވެ އެވެ. ދައުލަތްތައް ބިނާކުރުމާއި ދެމެހެއްޓުމާއި ވެއްޓިދިއުމުގެ ސަބަބުތަކާއި ގޮތްތަކާއި މަގުތައް ދެނެގަނެވެއެވެ. އެތައް ދައުލަތެއް ފެށިގެން ގޮސް ކުރިއަރައި ނިމިގެންދިޔަ ގޮތް ތާރީހު އަހަރެމެންނަށް ބުނެދެއެވެ. ދައުލަތްތަކަށްވެސް ވަނީ ދުނިޔޭގެ އެހެން ކޮންމެ އެއްޗެކޭ އެއްފަދައިން ސަބަބުތަކުގެ ގާނޫނަށް ކިޔަމަންގަތުމެވެ. އެސަބަބުތަކުގެ ގާނޫނާއި ކާއިނާތުގެ ބަދަލުވުމެއް ނެތް ނާމޫސްތަކާއި ދާއިމީ ސުންނަތުގެ އަމަލީ ފިލާވަޅުތައް ތާރީހު އަހަރެމެންނަށް ކިޔައިދެ އެވެ.
ތާރީހު ދިރާސާކުރުމަކީ އިހުމީހުންގެ ތަޖުރިބާތައް ލިބިގަނެވޭ ކަމެކެވެ. އެ މީހުންގެ އަސަރުތަކުން އިބުރަތްތަކާއި ދަރުސްތައް ހޯދައިގެނެވޭ ވަސީލަތެކެވެ. ނަފުސުތަކަށް އަސަރުކުރުވުމަށް ދިރިހުރި މިސާލުތަކާއި ވާޤިޢީ ނަމޫނާތަކަށްވުރެ އަސަރުގަދަ އެއްޗެއް ނުވެއެވެ. ތާރީހު ދިރާސާކުރުމަކީ އަނެކުންގެ ތަޖުރިބާތަކުން ލިބޭ ހިތްވަރުގައި އަހަރެމެންގެ ނަފުސުތައް އީޖާބީ ވިސްނުމުންނާއި އުންމީދީ ރޫޙުން ފުރާލެވޭ ކަމެކެވެ.
ދުނިޔެއަކީ އެމައްޗަށް އެތަކެއް އަހަރުތަކެއް ވެފައިވާ ތަނެކެވެ. އެތަނުގެ ކުރިއެރުންތައް މިއަދާ ހަމައަށް އައިރު އެތައް ބުރެއް ޖަހާފައިވެއެވެ. އިންސާނާއާ ހަވާލުކުރެވިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ދުނިޔެ އިމާރާތްކުރުމެވެ. ދުނިޔެއަކީ ހުހަށް އޮތް ތަނެއް ނޫނެވެ. ދުނިޔެއަކީ އުމްރާނީ ގޮތުން އެތައް ޒަމާންތަކެއްވީ ކުރިއެރުންތަކެއް ހިއްސާވެފައިވާ ތަނެކެވެ. މިހާ ގިނަ ދުވަސްވީ ތަނެއް ކުރިއަރުވާ އިމާރާތްކުރުމަށް ނުހަނު ގިނަ އިލްމުތަކާއި އެނގުންތައް ބޭނުންވެއެވެ. ތަޖުރިބާތަކެއް ކުރަންޖެހެއެވެ. ނަމަވެސް އިންސާނަކު އަމިއްލައަށް މާޒީގެ ކަމަކާ ނުލައި އޭނާގެ މުޅި އުމުރު އަމިއްލަ އައު ތަޖުރިބާތައް އީޖާދުކުރުމުގައި ދުއްވާލަންވެއްޖެ ނަމަ ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. މިއާ ހިލާފަށް އޭނާ ހަދަން އުޅޭ ތަޖުރިބާ އިހު ކުރި މީހުން ކުރުމުން ނަތީޖާ ލިބުނު ގޮތްތަކަށް ބަލާއިރު، އެނަތީޖާ ތަފާތުކުރަން ބޭނުންނަމަ އޭނާގެ މަސައްކަތުން ތަފާތުކުރަންވީ ކޮން ހިސާބެއް ކޮން ގޮތަކަށް ކަން އެނގޭނެ އެވެ.
ތާރީހާމެދު އިހުމާލުވާ މުސްލިމުންނާ މުހާތަބުކޮށް އުސްތާޒު ރަޝީދު ރިޒާ ވިދާޅުވެ އެވެ. އިސްވެދިޔަ އުންމަތްތަކުގެ ތާރީހުތައް ދެނެގަތުމާއި، ޒަމާނީ ހަޟާރަތްތަކުގެ ހަބަރުތައް ދަތުމާއި، ހިސާބުތަކާއި ސަރަހައްދުތައް އެނގުމާއި، އިޖުތިމާއީ ކަންކަން އެނގުނުމަކީ، ދީނުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ދެކެނީ ކިހިނެއް ވެގެން ހެއްޔެވެ؟ އެއީ ޤުރުއާން ގާއިމުކޮށް، ހައްގާއި ބާތިލު ވަކިކޮށް ވަޒަންކުރުމުގެ ބޭނުންކުރުން ނޫން ހެއްޔެވެ؟








