ދޯހާ، ގަތަރު (އޮގަސްޓް 26) - ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ޑިމާންޑް ބޮޑުކޮށް އޮތީ އާޖެންޓީނާގެ މެޗުތައް ކަމަށް ގަތަރު ވޯލްޑް ކަޕްގެ އޮގަނައިޒިން ކޮމިޓީން ބުނެފި އެވެ.
ގަތަރު ނެޝަނަލް ނިއުސް އެޖެންސީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ގަތަރު ވޯލްޑް ކަޕްގެ އޮގަނައިޒިން ކޮމިޓީގެ ޗީފް، ނާސިރު އަލް ކަތޭރު ވިދާޅުވީ ނޮވެމްބަރު 22 ވަނަ ދުވަހު އާޖެންޓިނާ އިން ސައުދީ އަރަބިއްޔާއާ ކުޅޭ މެޗާއި ނޮވެމްބަރު 26 ވަނަ ދުވަހު އާޖެންޓީނާ އިން މެކްސިކޯއާ ބައްދަލުކުރާ މެޗަކީ "އެންމެ ގިނަ ރިކުއެސްޓް" ލިބިފައިވާ ދެ މެޗު ކަމަށެވެ.
މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އާޖެންޓީނާގެ މެޗުތަކުގެ ޓިކެޓްގެ ޑިމާންޑް ބޮޑުވެފައިވަނީ މިއީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުވުމެވެ.

ގަތަރު ވޯލްޑް ކަޕްގެ އޮގަނައިޒިން ކޮމިޓީގެ ޗީފް، ނާސިރު އަލް ކަތޭރު: އޭނާ ވަނީ ޓިކެޓްގެ ކަންކަން ދިޔައީ އެންމެ ރަނގަޅަށް ކަމަށް ވިދާޅުވެފައި.-- ފޮޓޯ: އޭއެފްޕީ
އާޖެންޓީނާ އިން ސައުދީ އާއި މެކްސިކޯއާ ކުޅޭ މެޗުތައް މިހާރު ކުޅެން ރާވާފައިވަނީ ޑިސެމްބަރު 18 ވަނަ ދުވަހު ގަތަރު ވޯލްޑް ކަޕް ފައިނަލް ކުޅެން ހަމަޖެހިފައިވާ 80،000 ސަޕޯޓަރުންނަށް ވަދެވޭ ލުސައިލް ސްޓޭޑިއަމްގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮންލައިންކޮށް ޓިކެޓް ވިއްކާލަން ހުޅުވާލިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި މެކްސިކޯ އާއި އާޖެންޓީނާގެ މެޗު ޓިކެޓް ވަނީ ހުސްވެފަ އެވެ..
މި މަހު ކުރީކޮޅުގައި ފީފާ އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން މިހާތަނަށް 2.45 ޓިކެޓް ވަނީ މިހާތަނަށް ވިކި ހުސްވެފަ އެވެ. މުޅި ވޯލްޑް ކަޕަށް ޖުމްލަ އެއްކޮށް ޗާޕުކުރީ 3.2 މިލިއަން ޓިކެޓް އެވެ. މީގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ޓިކެޓް ދޭން ޖެހެނީ ފީފާގެ ސްޕޮންސަރުންނާއި ޕާޓްނަރުންނަށެވެ.
އެންމެ ގިނަ އަދަދެއްގެ ޓިކެޓް ގަތް ގައުމުތަކަކީ އާޖެންޓީނާ އާއި މެކްސިކޯގެ އިތުރުން ގަތަރު، އެމެެރިކާ، އިންގްލެންޑް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ފްރާންސް، ބްރެޒިލް އަދި ޖަރުމަނެވެ. އޮގަނައިޒިން ކޮމިޓީން އުންމީދުކުރާ ގޮތުގައި 32 ގައުމު ވާދަކުރާ ވޯލްޑް ކަޕް ބަލަން ގަތަރަށް މަދުވެގެން 1.2 މިލިއަން މީހުން ޒިޔާރަތްކުރާނެ އެވެ.
މިހާރު އޮތްގޮތުން ގަތަރު ވޯލްޑް ކަޕް ފަށާނީ އަންނަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ގަތަރާއި އެކުއެޑޯ ބައްދަލުކުރާ މެޗުންނެވެ.












