މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ ބައިނަލްއަގުވާމީ ވަރުގަދަ ތިން މުބާރާތެއްގައި ވާދަކޮށްފަ އެވެ. އެންމެ ފުރަތަމަ އެމެރިކާގެ އޮރެގޯންގައި ކުރިއަށްދިޔަ، އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. އެ އަށް ފަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގަ އެވެ.
އެ ތިން މުބާރާތުގައި ދުނިޔޭގެ މަތީ ފަންތީގެ އެތުލީޓުންނާ ދެކޮޅަށް ސާއިދު، 30، ކުރަން ޖެހުނީ އެކި ތަޖުރިބާ އެވެ. އެކި ހާލަތްތަކުގައި އެކި ކަންކަމާ ކުރިމަތިލައި، ތަފާތު ތިން ގައުމެއްގެ ތިން މާހައުލެއްގައި ސާއިދު ވަނީ ރޭސްތަކުގައި ދުވެފަ އެވެ.
އެ ރޭސްތަކަށް ފަހު ސާއިދު، އިއްޔެ ފެށި މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް ނުކުތީ ރަނގަޅު އަޒުމެއްގައި ކާމިޔާބު މުބާރާތެއް ނިންމާލުމުގެ އުންމީދާ އެކު އެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހު ސާއިދު ވާދަކުރި ދެ އިވެންޓުން ވެސް ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެ ގޮތުން ފިރިހެނުންގެ 4 ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ދިވެހި ސިފައިންގެ ކްލަބްގެ ރިލޭ ޓީމުގައި ސާއިދު ހިމެނެ އެވެ.
އިއްޔެގެ އިވެންޓްގައި އެއް ވަނަ ހޯދި، ސިފައިންގެ ޓީމުން ރޭސް ނިންމީ 3 މިނިޓް 30.21 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ ޓައިމިން އަކީ 3 މިނިޓް 36.01 އެވެ. އަދި ތިން ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރޭސް ނިންމީ 3 މިނިޓް 39.45 ސިކުންތެވެ.

ސާއިދު ރިލޭ އިވެންޓްގައި ދުވަނީ: ދިވެހި ސިފައިންގެ ކްލަބުން 4 ގުނަ 400 މީޓަރު ރިލޭގައި ދުވިއިރު ސާއިދު ޓީމުގައި ހިމެނޭ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު
އިއްޔެ ހަވީރު އޮތީ ސާއިދުގެ ރަސްމީ އިވެންޓް، 100 މީޓަރު ދުވުމެވެ. އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގައި ފުރަތަމަ ހީޓްތަކެއް ބާއްވަން އޮތް ނަމަވެސް ފަހުން ދުވުންތެރިންގެ އަދަދަށް ބަލާފައި ނިންމީ ފައިނަލް އެކަނި ބޭއްވުމަށެވެ.
ސަތޭކަ މީޓަރު ރޭހުން ސާއިދު ރަން މެޑަލް ހޯދީ 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ އިބާދުﷲ އާދަމްގެ ޓައިމިން އަކީ 10.76 ސިކުންތެވެ. އަދި ތިން ވަނަ ހޯދީ އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ، އިބްރާހިމް ނާހިލް ނިޒާރު އެވެ. އޭނާގެ ޓައިމިން އަކީ 11.03 ސިކުންތެވެ.
"އިންޝާﷲ، ދެން ހުރި އިވެންޓްތައް ވެސް ރަނގަޅުވާނެ ކަމުގެ އުންމީދުގައި މި ހުރީ،" ސާއިދު "އަދަދު" އަށް ބުންޏެވެ. "ގޭމްސްތަކަށް ފަހު ވެސް ޓްރެއިނިން އަށް ވިސްނައިގެން މަސައްކަތްތަކެއް ކުރީމަ މި މުބާރާތުގައި އެކަން އެ ފެންނަނީ،"
ސާއިދަށް ދެން އޮތީ މިއަދުގެ އިވެންޓްތަކެވެެ. އެ ގޮތުން މިއަދު ހެނދުނު ސާއިދު ވާދަކުރާނީ 400 މީޓަރު ދުވުމުގެ ހީޓް އެކެއްގަ އެވެ. އެ ހީޓްގައި ދެން އޮތީ، ޒިފިއަސް ސްޕޯޓްސް ކްލަބްގެ އަޝްހަމް ފާރޫގު ހުސެއިން، ސާއިދު ސްޕޯޓްސްގެ ޔޫސުފް އާއިޝް މުހައްމަދު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުހައްމަދު ނައްފާޒް ނަޔާޒް އަދި ރައުހަތު ސްޕޯޓްސް އެކެޑަމީގެ މުހައްމަދު ލީވާން އިބްރާހިމް އެވެ.
މެންދުރު ފަހު ސެޝަންގައި ސާއިދު ވާދަކުރާނީ 200 މީޓަރު ރޭހުގެ ހީޓް ދޭއްގަ އެވެ. މި ހީޓްގައި ސާއިދު ވާދަކުރަން އޮތީ ސިފައިންގެ އަހުމަދު މައުމޫރު އާއި ހުސެއިން ރިޒާ (ކުޑަރިޒާ)، މެރަތަން ރަނާސް މޯލްޑިވްސްގެ އަލީ އަޝްފާގު (ދަގަނޑޭ)، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަހުމަދު ނަޖުދާން އަބްދުﷲ، ރައުހަތު ސްޕޯޓްސް އެކެޑަމީގެ އިބްރާހިމް ނާހިލް ނިޒާރު، ނަސީރު ސްޕޯޓްސް އެެކެޑަމީގެ މުހައްމަދު ރައުމް ރިޔާޒް އަދި ޒިފިއަސްގެ އަޝްހަމް އެވެ.










