އިސްތަންބޫލް، ތުރުކީ (އޮގަސްޓް 25) - ޔުއެފާ އިން ހޮވި އަަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ އަށް ދީފި އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރެއާލްގެ ކާލޯ އަންޗެލޮޓީ އެވެ. އަންޗެލޮޓީ ވާދަކުރީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ޔާގެން ކްލޮޕްއާ އެވެ. އަންޗެލޮޓީ އަށް 526 ޕޮއިންޓް ލިބުނުއިރު، ކްލޮޕް ދެ ވަނަ އަށް ދިޔައީ 210 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނަ ހޯދި ގާޑިއޯލާ އަށް ލިބުނީ 108 ޕޮއިންޓެވެ.
އުމުރުން 34 އަހަރުގެ ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ރެއާލުން 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ހޯދިއިރު، މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ބެންޒެމާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ 523 ޕޮއިންޓުންނެވެ. ދެ ވަނަ އަށް ދިޔައީ 122 ޕޮއިންޓް ހޯދި މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ އެވެ. އަދި ތިން ވަނަ އަށް ދިޔައީ 118 ޕޮއިންޓް ހޯދި ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ބެންޒެމާ (ކ) އާއި ޔުއެފާ ރައީސް ޗެފެރިން (މ) އަދި މޮޅު އަންހެން ކުޅުންތެރިޔާ ޕުޓޭޔާސް
މިދިޔަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ބެންޒެމާ އަށް ހާއްސަ އަހަރެކެވެ. ރެއާލާ އެކު ޗެމްޕިއަންސް ލީގާއި ލަލީގާ އަދި ސްޕެނިޝް ސުޕަ ކަޕް ހޯދިއިރު، ފްރާންސާ އެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި އެވެ. ކްލަބް ލެވަލްގައި ޖުމްލަ 46 މެޗު ކުޅުނު ބެންޒެމާ ވަނީ އެ ޓީމަށް 44 ގޯލު ޖަހައި 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
"މިއީ އަހަރެން މި އެވޯޑް ހޯދި ފުރަތަމަ ފަހަރު. މިއީ ވަރަށް އުފާވެރި ވަގުތެއް. އަހަރެން އެންމެ ހިތްހަމަޖެހެނީ ޓީމަށް ކާމިޔާބު ހޯދައިދެވުނީމަ،" ބެންޒެމާ ބުންޏެވެ.
މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދާނެ ކަމަށް ގިނަ ބަޔެއްގެ ފޭވަރިޓަކީ ވެސް ބެންޒެމާ އެވެ. އޭނާ ބެލޮންޑިއޯގެ ގަދަ 30 ކުޅުންތެރިންގެ ނޮމިނޭޝަން ތެރޭގައި ވެސް ހިމެނެ އެވެ.
ޔުއެފާ އިން ހޮވި އެންމެ މޮޅު އަންހެން ކޯޗަކީ އިންގްލެންޑްގެ ސަރީނާ ވައިގްމަން އެވެ. އޭނާ ވަނީ އިންގްލެންޑަށް ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބުކޮށްދީފަ އެވެ. ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް ލިބުނީ އިޓަލީގެ ލެޖެންޑަރީ ކޯޗު އަރީގޯ ސާޗީ އަށެވެ.












