ބާސެލޯނާ (އޮގަސްޓް 26) - ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުންދިޔަ ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓާލިއަން ލީގުގައި ކުޅެމުން އަންނަ ލެއްޗޭ އަށް ބަދަލުވެއްޖެ އެވެ.
މިދިޔަ ސީޒަންގައި ސީރިއާ ބީގެ ޗެމްޕިއަންކަން ހޯދައި، އިޓާލިއަން ސީރިއާ އަށް ޕްރޮމޯޓްވި ލެއްޗޭ އަށް އުމްޓީޓީ ،28، ލޯނު އެއްބަސްވުމެއްގައި ދޫކުރީ މި ސީޒަންގެ ނިޔަލަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން، އުމްޓީޓީގެ މުސާރައިގެ ބައެއް ބާސެލޯނާ އިން ވެސް ދޭނެ އެވެ. އެކަމަކު، ލެއްޗޭ އަށް އުމްޓީޓީ ކުޅޭ މެޗުތަކުގެ އަދަދުން، ބާސެލޯނާ އަށް ބޯނަސްތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
އުމްޓީޓީ އަކީ ބާސެލޯނާ އިން މިދިޔަ ދެ ޓްރާންސްފާގައި ވެސް ދޫކޮށްލަން ބޭނުންވި ކުޅުންތެރިއެކެވެ. ސެވިއްޔާ އިން ބާސެލޯނާއާ އަލަށް ގުޅުނު ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އެ ކްލަބަށް ރަޖިސްޓްރީ ކުރެވެން އޮތީ މި މަހުގެ ނިޔަލަށް އޮތް ޓްރާންސްފާގައި ބައެއް ކުޅުންތެރިން ދޫކޮށްލައިގެނެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސް ކާމިޔާބުކުރިއިރު، އުމްޓީޓީ އަކީ އެ ކާމިޔާބީގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. ސެމީ ފައިނަލްގައި ބެލްޖިއަމް އަތުން ފްރާންސް މޮޅުވީ އުމްޓީޓީ ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ.
އުމްޓީޓީގެ ކެރިއަރުގައި އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އަނިޔާގެ މައްސަލަތަކެވެ. ބާސެލޯނާ އިން ވެސް އޭނާ އަށް ލިބެމުންދިޔަ ފުރުސަތުތައް މަދުވީ އަނިޔާގެ މައްސަލަތަކާ ހެދި އެވެ. މިދިޔަ ސީޒަންގައި އޭނާ ބާސެލޯނާ އަށް ކުޅުނީ އެންމެ މެޗެކެވެ.
ފްރާންސްގެ ގަދަބާރު، ލިޔޯނުން މީގެ ހަ އަހަރު ކުރިން ބާސާ އަށް ބަދަލުވި ފަހުން އޭނާ އެ ކްލަބަށް ކުޅެފައިވަނީ އެންމެ 133 މެޗެވެ.












