ނުހިންގާ މީޑިއާތަކަށް އެމްއެމްސީ އިންތިހާބުގައި ފުރުސަތު ނުދޭން އައިއެފްޖޭއިން ގޮވާލައިފި

Aug 25, 2022, 12:54 PM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭން: ނުހިންގާ މީޑިއާތަކަށް އެމްއެމްސީ އިންތިހާބުގައި ފުރުސަތު ނުދޭން ވަނީ ގޮވާލާފައި - ފޮޓޯ: އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭން: ނުހިންގާ މީޑިއާތަކަށް އެމްއެމްސީ އިންތިހާބުގައި ފުރުސަތު ނުދޭން ވަނީ ގޮވާލާފައި - ފޮޓޯ: އަދަދު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގައި ނުހިންގާ މީޑިއާތަކާއި ނޫސްތަކަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމިއްޔާ, އައިއެފްޖޭ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފި އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ން މިދިޔަ ހަފުތާ ތެރޭ ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ނޫސް ބަޔާނުގައި ބުނީ މީޑިއާ ކައުންސިލްގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކަކަށް ވެސް ލިބިގެންވާތީ، ނޭދެވޭ ނަތީޖާ ވަރަށް ބޮޑު ކަމަށެވެ.

އެމްއެމްސީގެ އިންތިހާބުގެ ތާރީހު މި ހަފުތާގައި އިއުލާންކޮށްފައިވާއިރު، އައިއެފްޖޭ އާއި އެމްޖޭއޭއިން ދެކޭ ގޮތުގައި، ގަވާއިދުން މަސައްކަތް ނުކުރާ މީޑިއާތައް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދިނުމުން އެއްކިބާ ކުރަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

"މިގޮތަށް ބަދަލު ގެނެސްފިނަމަ، ސައްހަ މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ތަމްސީލު ކުރެވޭނެކަން ކަށަވަރު ވެގެންދާނެ," އައިއެފްޖޭގެ ބަޔާނުގައިވެ އެވެ.

އެމްއެެމްސީގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އަންނަ ޑިސެމްބަރު މަހު ނިމޭތީ އެ ކައުންސިލްގެ މެމްބަރު ކަަމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މި ހަފުތާގެ ހޯމަ ދުވަހު އިއުލާން ކުރުމަށްފަހު, މިއަދު ވަނީ އެ އިއުލާން ބާތިލްކޮށްފަ އެވެ. ނަމަވެސް, އިއުލާން ބާތިލްކުރި ސަބަބެއް ހޯމް މިނިސްޓްރީން ނުބުނެ އެވެ.

މިދިޔަ ހޯމަ ދުވަހު ހޯމް މިނިސްޓްރީން އިއުލާން ކޮށްފައި އޮތީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލެވޭ ގޮތަށެވެ.

އައިއެފްޖޭއިން އިތުރަށް ބުނި ގޮތުގައި ސިޔާސީ ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ 'ޝެލް މީޑިއާ ކުންފުނިތަކު'ގެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލަން ޖެހެ އެވެ. އަދި އެ ތަހުގީގުގެ ހޯދުންތައް ދެ ފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ވެސް އައިއެފްޖޭއިން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

އެއް ހަފްތާގެ މުއްދަތަށް އައިއެފްޖޭއިން ރާއްޖެއަށް ޒިޔާރަތްކުރިއިރު އެ ޖަމިއްޔާގެ މިޝަނުން ވަނީ ނޫސްވެރިންނާއި އެޑިޓަރުންނާއި ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިތުރުން މި ދާއިރާގެ އިސް ފަރާތްތަކާއި ގާނޫނީ މާހިރުންނާ ބައްދަލުކޮށްފަ އެވެ. މި މަޝްވަރާތަކުގައި ފާހަގަކުރެވުނު ގޮތުގައި، ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކަކީ މި ދާއިރާގެ ފަރާތްތަކުގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ނަމަވެސް ރާއްޖޭގައި ފުރިހަމަ އަދި ދިރުންހުރި މިނިވަން މީޑިއާއެއް ކުރިއެރުވުމަށް ހުރަސްއެޅޭ އެހެނިހެން މައްސަލަތައް ވެސް އައިއެފްޖޭގެ ސަމާލުކަމަށް ވަނީ އައިސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"ނޫސްވެރިން އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް ބުނެ ނުވަތަ ދުވާލެއްގެ މައްޗަށް ވަކި އަދަދަކަށް ހަބަރު ނުއުފައްދާ ކަމަށް ބަލައި މީޑިއާ ކުންފުނިތަކުން ނޫސްވެރިންގެ މުސާރަ އުނިކުރުމުގެ ސިޔާސަތެއް ފުޅާ ދާއިރާއެއްގައި ގެންގުޅެމުންދާކަން އެނގުމުން އައިއެފްޖޭ އިން ނުހަނު ކަންބޮޑުވި. މި އުސޫލަކީ ނޫސްވެރިންގެ މަސައްކަތެރިކަމުގެ ހައްގުތަކަށް (ލޭބާ ރައިޓްސް) އަރައިގަތުން. މިއީ ފެންވަރު ރަނގަޅު ނޫސްވެރިކަމެއް އާލާކުރުމަށް މަގުފަހިވާނެ ކަމެއް ނޫން،" އައިއެފްޖޭ އިން ބުންޏެވެ.

އޭގެއިތުރުން ވަޒީފާގެ އެއްބަސްވުމެއް ނެތުމާއި، ނޫސްވެރިން، ހާއްސަކޮށް ފްރީލާންސް ނޫސްވެރިން އެކްރެޑިޓޭޝަން ހޯދުމުގައި ހުރި ހުރަސްތައް ވެސް ފާހަގަކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.

"މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބޭނުން ނުހަނު ބޮޑަށް އެބައޮތް. އެކަން ކުރެވޭނީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ އޮނިގަނޑު ހަރުދަނާ ކޮށްގެން." އައިއެފްޖޭއިން ބުންޏެވެ.

އައިއެފްޖޭއިން ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތުން
  • މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން އެ ތަންތަނަށް ސިޔާސީ ނުފޫޒު ފޯރުން
  • ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުޅާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ހައްގުތައް ނިގުޅައިގަތުން
  • ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތުތައް ނެތުން
  • އެކަށީގެންވާ މުއްދަތެއްގައި މައުލޫމާތު ނުލިބުމާއި ސަރުކާރާއި ދައުލަތުގެ އެކި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ދިގު މުއްދަތެއް ހޭދަވުން

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox