ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި އެޑިޓާސް ގިލްޑް އިން ފަށައިފި އެވެ.
ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެ އެވެ. މިގޮތަށް މަސްދަރު ހާމަކުރުމަށް އެދި ދައުލަތަށާއި ދައުވާ ލިބޭ މީހާއަށް ވެސް ހުށަހެޅޭނެ އެވެ. އެ ހުށަހެޅުން ދަށު ކޯޓުތަކަށް ވެސް ހުށަހެޅޭނެ އެވެ.
އެ ހާލަތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކެއް މަދަނީ މިންގަނޑުން ސާބިތުވާނަމަ, މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާއަށް މަޖުބޫރު ކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ. އެމްޖޭއޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ, ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ބަޔާންކޮށްފައި ނެތުމާއި ގައުމީ ސަލާމަތުގެ މައްސަލަތައް ފުޅާ ގޮތެއްގައި ގާނޫނުގައި ހިމަނާފައިވުމެވެ. އަދި, ދައުވާ ލިބޭ މީހާއަށް ވެސް މަސްދަރު ހާމަކުރުމަށް ހުށަހެޅެން އޮތުމާއި މަދަނީ މިންގަނޑުން އެކަން ސާބިތު ކުރުމަށް ހިމަނާފައިވުމަކީ ވެސް ކަންބޮޑުވުމެކެވެ.
ގާނޫނު މިގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އަދި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބިލް ތަސްދީގުކޮށްފައިވަނީ ވެސް ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް, އެ ބިލް އިސްލާހު ކުރުމަށް ގޮވާލައި ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ.

ނަމަވެސް, އޭގެފަހުން ރައީސް ސޯލިހް ވަނީ އެމްޖޭއޭއާ ބައްދަލުކޮށް ގާނޫނުގައި ހުރި ކަންބޮޑުވުންތައް އިސްލާހު ކުރުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި, ބަންޑާރަ ނައިބުގެ ފަރާތުން ގާނޫނު އިސްލާހު ކުރުމަށް އާ ބިލެއް ހުށަހަޅާނެ ކަމަށް ވެސް އިޝާރަތް ކުރައްވާފައިވެ އެވެ.
އެކަމަކު, އެމްޖޭއޭއިން މިހާރު ވަނީ އެ ޖަމިއްޔާއިން ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ހިމަނައި, ބިލެއް ޑްރާފްޓްކޮށްފަ އެވެ. އެ ޑްރާފްޓް ބިލަށް ނޫސްވެރިންނާއި އާންމުންގެ ހިޔާލު ހޯދުމަށް ވެސް އެމްޖޭއޭއިން މިއަދު ވަނީ ހުޅުވާލާފަ އެވެ. އެމްޖޭއޭއިން މައުލޫމާތު ދިން ގޮތުގައި, އެ ބިލް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ނޫސްވެރިންގެ ހިޔާލު ހޯދުމަށްފަހު ކުރާނެ އެވެ.
ޖަމިއްޔާތަކުގެ ޑްރާފްޓް ބިލް
އެމްޖޭއޭ އަދި އެޑިޓާސް ގިލްޑްއިން ތައްޔާރުކޮށްފައިވާ ބިލްގައި ބުނަނީ މީޑިއާގައި މަސައްކަތްކުރާ ފަރާތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ލިބިފައިވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ މީޑިއާގައި މަސައްކަތްކުރާ ފަރާތެއްގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެ އެވެ.
މީގެތެރޭގައި މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯންކޯލާ އި ޓެކްސް މެސެޖް ފަދަ މުއާމަލާތްތަކާއި އަރުޝީފް އަދި އެނޫންވެސް އެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެކާއި ގޮތްތަކެއްވެސް ހިމެނޭ ކަމަށެވެ.
ފުރަތަމަ މާއްދާފައި އެހެން އޮތްނަމަވެސް ޓެރަރިޒަމްގެ ކުށެއްގައި މަސްދަރު ހާމަކުރުމަށް އެދި ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ސޮއިކޮށް ދިވެހިރާއްޖޭގެ ހައިކޯޓު ގައި އެދެވިދާނެ އެވެ. މި މާއްދާގެ މަގުސަދަށްޓަކައި ޓެރަރިޒަމްގެ ކުށެއް ކަމަށް ކަމަށް ބުނެފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަމެވެ;
- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛
- ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛
- މުދަލަށް ބޮޑެތި ގެއްލުން ދިނުން؛
- ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛
- އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން؛
- މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން.
ބިލްގައިވާ ގޮތުން މަސްދަރު ހާމަކުރުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ޝަރުއީ ކޯޓުން އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެ އެވެ:
- ކޮންމެހެން މަސްދަރުހަމަކުރަންޖެހޭތޯ
- މަސްދަރު ހާމަކުރުމަކާއި ނުލައިވެސް ތަޙްޤީޤީ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކަމުގެ ހަގީގަތް ހޯދޭނެތޯ
- މަސްދަރު ހާމަކޮށްފިނަމަ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ
- ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު
- މަސްދަރު ހަމާނުކޮށްފިނަމަ ނިކުންނާނެ ނޭދެވޭނަތީ
މިފަދަ މައްސަލައެއްގައި، މައްސަލަ ހުށަހެޅި ފަރާތުގެ ހުށަހެޅުންތަކަށާއި އެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދުދިނުމަށް މަސްދަރު ހާމަކުރަންޖެހޭ ފަރާތަށް އެކަށީގެންވާ ފުރުސަތު، ކޯޓުން ދޭންވާނެ ކަމަށް ވެސް ބިލްގައި ފާހަގަކޮށްފައިވެ އެވެ.












