ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ފުރަމުންދާ ފޯމު މަޖިލީހަށް ހުށަހަޅާނެ ތާރީހެއް ބުނުމަށް އެ މަސައްކަތް ކުރާ މެމްބަރުން ދެކޮޅު ހަދައިފި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން ކުރީގެ ރައީސް ނަޝީދު ވަކި ކުރުމަށް ސޮއި ހޯދަން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ޖިނާއީ ކުށެއްގެ ތުހުމަތު އެޅުއްވުމުންނެވެ. ނަޝީދު ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ 22 ސޮއި އެ މަސައްކަތް ކުރާ މެމްބަރުން މިހާރު ހަމަކޮށްފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރި މެމްބަރުން ވިދާޅުވީ މައްސަލަ މަޖިލީހަށް ނުވައްދަން މަޝްވަރާ ކުރެވިފައިނުވާ ކަމަށާއި އެހެންނަމަވެސް މަޖިލީހަށް މައްސަލަ ވައްދާނެ ތާރީހެއް ބުނެދޭން ނޭނގޭ ކަމަށެވެ.
"ނިޒާމުގެ މަޝްވަރާއަކާ ގުޅިގެން ވެސް އެ މައްސަލަ ހުށަހެޅުން ހުއްޓާލުމުގެ އެއްވެސް މަޝްވަރާއެއް ނުކުރޭ،" ރައްޔިތުން މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމްޑީޕީ ޕީޖީ ގްރޫޕުގައި ސީނިއާ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެ މައްސަލަ ހުށަހަޅާނީ "އެންމެ މުނާސަބު" ވަގުތުގައި ކަމަށެވެ.

"އެ ހުށަހަޅަންވީ މުނާސަބު ވަގުތު އައިސް ޖެހުމުން އަޅުގަނޑުމެން އެ މައްސަލަ ހުށަހަޅާނަން،" ޣަފޫރު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އަރިސް އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ވެސް މައްސަލަ ހުށަހަޅަން އުޅޭ ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމާ ގުޅިގެން ބައެއް މެންބަރުން ވާހަކަ ދެއްކެވި ކަމާއި ދެން އެނގެނީ ނޫސްތަކުގައި ރިޕޯޓް ކޮށްފައި އޮތް މިންވަރެއް ކަމަށެވެ.
"އަޅުގަނޑު [ރައީސް ސޯލިހަށް ތާއީދު ކުރައްވާ] ބައެއް މެންބަރުން ކައިރީ އަހައިވެސް ލިން، އެ މެންބަރުން ވެސް ބުނަނީ އަދި ނޭނގެއޭ، ތިމަންނަމެން ސޮއިނުކުރަމޭ،" މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވި އެވެ.
ނަޝީދާއެކު ތިއްބެވި ބައެއް މެމްބަރުން ވިދާޅުވީ އެމަނިކުފާނު ރިޔާސަތުން ވަކި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވަނީ މަދު މެމްބަރުންތަކެއް ކަމަށެވެ.
"ބައެއް މެންބަރުން އެކަހަލަ ވާހަކަތަކެއް ދެއްކެވި، އެނގިފަ އޮތް ގޮތުން މަދު މެންބަރުންތަކެއް ސޮއި ވެސް ކުރީ، މާ ބޮޑަކަށް ތި ކަމެއް ހިނގާހެނެއް ހިއެއް ނުވޭ،" އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ބަހުސް ފަށަން ބޭނުން ވަނީ 22 މެންބަރުންގެ ސޮޔެވެ.
ރައީސް ސޯލިހު ޖިނާއީ ކުށެއް ކުރެއްވި ކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ރައީސަށް ކުރެއްވި ތުހުމަތެއް ނޫން ކަމަށް ނަޝީދު ފަހުން ވިދާޅުވެފައިވެ އެވެ. ނަޝީދު، ސޯލިހަށް ތުހުމަތުތަކެއް ކުރެއްވި ކަމަށް ބުނެ ނޫސްތަކުގެ ސުރުހީގައި އެ ވާހަކަ ޖެހީ ނޫސްވެރިން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކަށް ވެސް އެބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާންކުރާ ގޮތަށް، އެއާއި މެދު އަމަލުކުރަން ޖެހޭނެކަން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ބުނެ ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އަޅުގަނޑާ ގުޅޭ ގޮތުން ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އެހުރިހާ ކަމެއް ވެސް ހިނގަމުން ދާން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރޭން،" ނަޝީދު ކުރެއްވި ތުހުމަތުތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެ އެވެ.












