ލަންޑަން (އޮގަސްޓް 25) - އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
މިދިޔަ އަހަރުގެ ލީގު ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ބަލިވި ޗެލްސީ އަށް ވަނީ 2019 ވަނަ އަހަރުގެ ފައިނަލުގައި ސިިޓީ އަތުން ވެސް ޕެނަލްޓީގައި ނާކާމިޔާބުވެފަ އެވެ. އެންމެ ފަހުން ލީގު ކަޕް ކުޅުނު ހަތް ފަހަރުގެ ތެރެއިން ފަސް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސިޓީ އެވެ. މި ފަހަރު ސިޓީން މުބާރާތް ފަށަން ޗެލްސީއާ ކުޅެން ޖެހުމަކީ އެ ޓީމަށް ވެސް ޗެލެންޖެކެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ވެސް މި ފަހަރުގެ ލީގު ކަޕްގައި އޮތީ އުނދަގޫ ފެށުމެކެވެ. ޔުނައިޓެޑުން ތިން ވަނަ ބުުރުގައި ކުޅޭނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ އެވެ. އާސެނަލުން ތިން ވަނަ ބުރުގައި ކުޅޭނީ ބްރައިޓަންއާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ލިވަޕޫލުން ތިން ވަނަ ބުރުގައި ކުޅޭނީ އަމިއްލަ ދަނޑުގައި ޑާބީއާ ދެކޮޅަށެވެ.
ޕްރިމިއާ ލީގުގެ އެހެން ޓީމުތަކަކަށް ވެސް ވަނީ އުނދަގޫ ފެށުމެއް ދިމާވެފަ އެވެ. އެ ގޮތުން ވުލްވްސް އިން ކުޅޭނީ ލީޑްސް ޔުނައިޓެޑާ އެވެ. ނިއުކާސަލް ޔުނައިޓެޑުން ކްރިސްޓަލް ޕެލަސްއާ ކުޅޭއިރު، ބޯންމައުތު ބައްދަލުކުރާނީ އެވަޓަންއާ އެވެ.
މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ބަލާއިރު ލީގު ކަޕްގެ ތިން ވަނަ ބުރުގެ މެޗުތައް އޮންނާނީ ނޮވެމްބަރު 8-10 އަށެވެ.












