ވަކި މީހަކާ އެކު މާނަހުރި ރަނގަޅު ވާހަކައެއް ދައްކަން ކުރާ ހުރިހާ މަސައްކަތެއް ފަނުފުލުން ދާން ފެށުމުން އަމިއްލަ މީހާގެ ނިޔަތާއި ވާހަކަ ދެއްކުމުގެ ގާބިލުކަމާ މެދު ވެސް ސުވާލު އުފެދޭ ފަހަރު އާދެ އެވެ. މި ހަނގުރާމައެއްގައި ހިތާއި ނަފުސުގެ ހަމަޖެހުން ގެއްލި ސިކުނޑި ސުމަކަށް ދާއިރު ވެސް ހިއްވަރު ދޫނުކޮށް ކުރިއެރުމެއް ލިބޭތޯ މަސައްކަތް ކުރަނީ ކޮންމެ ވެސް ހިސާބަކުން ބުނަން އުޅޭ ވާހަކަ ދެކެވި ދޭން އުޅޭ މެސެޖު އޮޅުންފިލުވައިދެވޭނެ ކަމަށް ހިތަ އެވެ. އެކަމަކު، ގަބޫލުކުރާށެވެ. ތި ކުރާ ހިއްވަރުގެ ބޭނުމެއް ނެތެވެ. ބައެއް މީހުންނާ ދުޅަހެޔޮކޮށް ވާހަކަދެއްކުން ހަމަ އުނދަގުލީ އެވެ. އެފަދަ މީހުންނާ ވާހަކަ ދައްކަން މަސައްކަތްކޮށް ގައިގެ ހަކަތަ ދުއްވާލުމަށްވުރެ، އެކަން ހުއްޓާލުން މާ ރަނގަޅުވާނެ އެވެ.
އަމިއްލަ ނަފްސާމެދު ބޮޑާވެ، އެހެން މީހުން ދައްކާ ވާހަކަ އަޑުއަހައި އެކަމަށް އިޖާބަދޭން ނުކުޅެދޭ މީހުންނަށް ކަމެއް ވިސްނައިދޭން އުޅުމުގެ ފައިދާއެއް ނެތެވެ. ބޭކާރުވާނީ ތިމާގެ ވަގުތެވެ.
ރިލޭޝަންޝިޕް އެކްސްޕާޓް، ތެރަޕިސްޓް އަދި ނިއުޔޯކްޓައިމްސް ބެސްޓް ސެލިން އޯތާ ގެ ލަގަބު ވެސް ހޯދާފައިވާ ލިޔުންތެރިޔާ، ނެޑްރާ ގްލަވާ ތައްވާބް، އޭނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބައެއް މީހުންނާ ވާހަކަދައްކައިގެން ކުރިހޯދަން އުނދަގޫ ބައެއް ސަބަބުތައް ހިމަނާފައިވެ އެވެ.
އަމިއްލަ ދިފާއުގައި ދައްކާނެ ވާހަކަ ހުހެއް ނުވާނެ
އިންސެކިއުރިޓީސް ގިނަވި ވަރަކަށް އަނެކާ ދައްކާ ވާހަކަ އަޑުއަހައި، އެކަންކަމަށް ވިސްނުން ހިންގުމުގެ ބަދަލުގައި ދިފާއުގައި ވާހަކަދައްކަން އަވަސް ވާނެ އެވެ. މި އާދައިގެ ސަބަބުން މިފަދަ މީހުންނާ ވާހަކަދައްކައިގެން އަމިއްލަ އަށް ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށްދޭން އުނދަގޫވެ އެވެ.
އަބަދުވެސް މުހިއްމު ވާނީ އޭނަ ބޭނުންވާ ގޮތް
މިކަހަލަ މީހުންނާ އަމުދުން ދުރުވާންޖެހެ އެވެ. 'ޓޮކްސިކް' މީހުންނޭ ބުނަނީ މިކަހަލަ މީހުންނަށެވެ.

ދައްކާ ވާހަކަ ވެސް އޭނަގެ ވާހަކައަކަށް ބަދަލުކޮށްލާނެ
ކިޔައިދޭން އުޅޭ ވާހަކައަކީ ތީނަ އާ ބެހޭ ވާހަކައަކަށް ވަންޏާ އެކަން ހަޖަމެއް ނުވާނެ އެވެ. އަމުދުން ތީނަގެ ރަނގަޅު ވާހަކައެއް، ނޫނީ ކުރެވުނު ރަނގަޅު ކަމެއްގެ ސަބަބުން ލިބުނު މޮޅެއްގެ ވާހަކަ ދައްކައިފިނަމަ، އޭނަ، އެއަށްވުރެ މޮޅުކަމެއް ކޮށްގެން އެއަށްވުރެ މޮޅު ކަންތައްތަކެއް ހާސިލުކުރި ގޮތް ދައްކަން ހިފާނެ އެވެ.
ތީނަގެ ވާހަކަ އެހެން މީހުން ކައިރީ ދައްކާނެ
ބައެއް މީހުންނަކީ މީހުން ވާހަކަ ދެއްކުމުގައި އުފާ ހޯދާ ބައެކެވެ. މިފަދަ ގިނަ މީހުން އިތުބާރު ނުހިފަހައްޓާނެ އެވެ. ނެތް ތަނުގައި ބޭޒާރުކުރާނެ އެވެ. ނަމަ ނަމަ މިކަހަލަ މީހެއް ކައިރީ ދައްކަން ނުޖެހޭ ވާހަކައެއް ނުދައްކާށެވެ.
ދައްކާ ވާހަކަ އަޑު ނާހައި ތީނަ ކުރަންވީ ކަންކަން ކިޔައިދޭނެ
ފާރަކާ ވާހަކަ ދެއްކިޔަސް މާ ރަނގަޅުވާނެއޭ ހީވާނެ އެވެ. ތިމާ ދައްކަން އުޅޭ ވާހަކަ އަޑު ނާހައި އަމިއްލައަށް ނިންމާ ނިންމުންތަކެއް އިއްވާފައި ކަންކުރަންވީގޮތުގެ ފައްޗެއް އަމުނާލުމުން ހިތައް ހައްތަހާ ތުރާ ދޭނެ އެވެ. ދުވަހަކު ހިތްހަމައެއް ނުޖެހޭނެ އެވެ.
ދޭނީ ގޯސް ނަސޭހަތް
އެއީ ހެޔޮއެދޭ މީހަކަށް ނުވަންޏާ ހިތުގެ އުދާހާއި ޖަޒުބާތުގައި ޖެހޭ ވަގުތު އިހުސާސްތައް އެމީހަކަށް ބަންޑުންކުރުމުގެ ބޭނުމެއް ނެތެވެ. ރަނގަޅު ނަސޭހަތެއް ނުދޭނެ އެވެ. ހަމްދަރުދީ ނުވާނެ އެވެ. ވިޔަސް، ވާނީ ފަލީހަތެވެ.
މިފަދަ މީހުންނަށް ހީވާނީ އެންމެ ހެޔޮ ވިސްނެނީ އެމީހުންނަށް ކަމަށެވެ. ވާހަކަދައްކަން އުނދަގޫވަނީ މިހެންވެ އެވެ. ދުވަހަކު ކުރިނާރާހެން ހީވަނީ އެހެންވެ އެވެ.









