ބާލިން (އޮގަސްޓް 22) - ޖަރުމަނު ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ރަށުންބޭރުގައި 7-0 އިން ބޮކުމް އަތުން މޮޅުވެއްޖެ އެވެ.
ބޮކުމް ދަނޑުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިިނިޓްގައި އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ލެރޯއި ސާނޭ ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ. މިއީ ފާއިތުވި ހަ މަސް ތެރޭ ސާނޭ ޖަރުމަނު ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.
މެޗުގެ 25 ވަނަ މިނިޓްގައި ޔޯސުއާ ކިމިކް ނެގި ކޯނަރަކުން މަތައިސް ޑި ލިޓް ވަނީ ބޮލުން ގޯލެއް ޖަހައި ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ ޑި ލިޓް ބަޔާން ފުރަަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 33 ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން ވަނީ ބަޔާންގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯމަން ދިން ބޯޅައަކުން އޭރިއާތެރެއަށް ހުސްކޮށް އަރައި، ސަޑިއޯ މާނޭ ވަނީ ބަޔާނަށް ހަތަރު ވަަނަ ގޯލެއް ޖަހައިދީފަ އެވެ.
ބޮކުމް އިން ދެ ވަނަ ހާފު ފެށިގެން ކުޅުން ރަނގަޅުކުރިއިރު، ބަޔާނުން ވަނީ މެޗުގެ 60 ވަނަ މިނިޓްގައި ފަސް ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ކޯމަން އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން މާނޭ ޖެހި ގޯލެކެވެ.
އޭގެ ނުވަ މިނިޓް ފަހުން ސާނޭގެ އެޓޭކެއް ހުއްޓުވަން ބޮކުމްގެ ކްރިސްޓިއަން ގަމްބޯއާ ކުރި މަސައްކަތުގައި އޭނާ ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ. ބަޔާންގެ ހަތް ވަނަ ގޯލު ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. އޭރިއާގެ އަރިމަތީގައި ހުރެފައި ސާޖް ގްނަބްރީ ޖެހި ބާރު ބޯޅަ ތިރިތިރިން ގޮސް ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ބޮކުމް އިން ވަނީ ބަޔާން އަތުން 4-2 އިން މޮޅުވެފަ އެވެ. އެކަމަކު، އަމިއްލަ ދަނޑުގައި ރޭ 7-0 އިން ބަލިވުމުން ބޮކުމް އިން ދެކޭގޮތުގައި މިއީ އެ ކްލަބްގެ 174 ވީ ތާރީހުގައި އެންމެ ބޮޑު ނާކާމިޔާބީ އެވެ.












