މެޑްރިޑް (އޮގަސްޓް 22) - ރޮބަޓް ލެވަންޑޯސްކީ ޖެހި ދެ ގޯލާ އެކު 4-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އިން މި ފަހަރުގެ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ބާސެލޯނާ އިން މި ފަހަރު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ރަޔޯ ވަޔެކާނޯއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެކަމަކު، ރޭގެ މެޗު ފެށިގެން 44 ސިކުންތު ތެރޭ ލެވަންޑޯސްކީ ވަނީ ބާލްޑޭ މާޓީނޭޒް ދިން ބޯޅައަކުން ގޯލު ޖަހައި ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ.
އެކަމަކު، ބާސެލޯނާ އަށް ލީޑު ހިފަަހައްޓައިލެވުނީ ފަސް މިނިޓެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ސޮސިއެޑާޑްގެ ސްވިޑެން ފޯވާޑް އަލެކްސަންޑަ އައިސާކް ބޯޅަ ހިފައިގެން ވަދެ، ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ބޯ މަތިން ގޯލަށް ބޯޅަ ފޮނުވާލައި ނަތީޖާ ހަަމަހަމަކުރި އެވެ.
ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު، ދެ ވަނަ ހާފް ފެށިގެން ހަތް ވަނަ މިނިޓްގައި ސޮސިއެޑާޑްގެ ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ބާސެލޯނާ އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ 66 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ޖެހި ގޯލުންނެވެ. މިއީ ބަދަލަކަށް ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަންސޫ ފާޓީ ދިން ބޯޅަ އަކުން ޑެމްބެލޭ ޖެހި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން ފާޓީ ދިން ބޯޅައަކުން އޭރިއާތެރެއިން ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
މެޗުގެ 78 ވަނަ މިނިޓްގައި ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖެހީ ފާޓީ އެވެ. މިއީ ސޮސިއެޑާޑް ޑިފެންޑަރެއް ފައިގައި ޖެހިފައި ފަަހަތަށް އައި ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ފާޓީ ޖެހި ގޯލެކެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޔެރެމީ ޕީނޯ އާއި ޖެރާޑް މޮރޭނޯގެ ގޯލުތަކާ އެކު ވިޔަރެއާލުން ވަނީ 2-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކް ބިލްބާއޯ އިން ވަނީ 1-0 އިން ވެލެންސިއާގެ މައްޗަށް ކުރިހޯދައިފަ އެވެ.












