ބާސެލޯނާ (އޮގަސްޓް 21) - ސެވިއްޔާ ދޫކޮށް ބާސެލޯނާއާ އަލަށް ގުޅުނު ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އެ ކްލަަބަށް ރަޖިސްޓްރީ ކުރެވޭނީ ކުޅުންތެރިންތަކެއް ވިއްކާލައިގެން ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެެ.
ލަލީގާގެ ފައިނޭންޝަލް ގަވައިދުތަކަށް ނުފެފޭތީ، ބާސެލޯނާއާ އަލަށް ގުޅުނު ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އުނދަގޫތައް ކުރިމަތިވި އެވެ. އެކަމަކު، މި ސީޒަންގެ ލަލީގާގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގެ ކުރިން އެ ޓީމުން ވަނީ ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކޮށް، އަލަށް ގުޅުނު ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނާއި ކޮންޓުރެކްޓް އާކުރި ކުޅުންތެރިން ރަޖިސްޓްރީކޮށްފަ އެވެ.
ރަޖިސްޓްރޭޝަން ފުރިހަމަ ނުކުރެވި، ފުރަތަމަ މެޗުގައި ނުކުޅެވުނީ ކޫންޑޭ އަށެވެ. ލަލީގާގާއި މިރޭ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒަވީ ބުނީ ކޫންޑޭ ރަޖިސްޓްރީ ކުރެވޭނީ ކުޅުންތެރިންތަކެއް ވިއްކާލައިގެން ކަމަށެވެ.
"މި ވަގުތު އިތުރު މައުލޫމާތެއް ނެތް. މި ތިބީ ސްޓޭންޑްބައިގައި. ކޫންޑޭ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް އަދި ލީޑަރެއް. ކޫންޑޭގެ ރަޖިސްޓްރޭޝަނަށް ވާ ގޮތެއް ބަލަން މި ތިބީ،" ޒަވީ ބުންޏެވެ.
"ކުޅުންތެރިންތަކެއް ވިއްކާލައިގެން ކޫންޑޭ ރަޖިސްޓްރީކުރެވެން އޮތީ."

ބާސެލޯނާގެ އިވެންޓެއްގެ ތެރެއިން ޒަވީ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
މެންޗެސްޓާ ޔުނައިޓަޑުން ބާސެލޯނާގެ ނެދަލޭންޑްސް މިޑްފީލްޑާރު ފްރެންކީ ޑި ޔޯން އަށް ޝައުގުވެރިވެ އެވެ. އެ ކްލަބުން ބާސެލޯނާ އަށް ހުށަހެޅި ޓްރާންސްފާ ފީ އެ ކްލަބުން ގަބޫލްކުރި ނަމަވެސް، ޑި ޔޯން އެހެން ކްލަބަކަށް ބަދަލުވާން ބޭނުންނުވާތީ، އެ ޓްރާންސްފާ އޮތީ ކޮޅެއްގައި ނުޖެހިފަ އެވެ.
ބާސެލޯނާގެ ފޯވަޑް، ޕިއޭ އެމެރިކް އޮބާމަޔަން އާއި މެމްފިސް ޑީޕާއީ އަށް ކްލަބުތަކުން ޝައުގުވެރިިވި ނަމަވެސް، އެ ކުޅުންތެރިންގެ ޓްރާންސްފާތައް އަދި ވަކި ގޮތަކަށް ނުނިމޭ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.
"އަދި އެ ކުޅުންތެރިން (ޑީޕާއީ އަދި އަބަމަޔަން) އަކީ އަދި ބާސާގެ ކުޅުންތެރިން. އެހެންވީމަ، މާދަމާ މެޗުގައި އެ ދެ ކުޅުންތެރިން ބޭނުންކުރާނަން،" ޒަވީ ބުންޏެވެ.
ބާސެލޯނާ އިން އަންނަނީ އެ ޓީމަށް ކުޅޭ ޑެންމާކްގެ ފޯވާޑް މާޓިން ބްރައިތުވެއިޓް އާއި ޑިޕާއިގެ ކޮންޓްރެކްޓް އުވާލަން މަޝްވަރާ ކުރަމުންނެވެ. ޓްރާންސްފާ ފީއެއް ނުދައްކައި، ޑިޕާއި ލިބޭނަމަ ޔުވެންޓަސް އިން އޮތީ އެ ޑީލަށް މަރުހަބާ ކިޔަން ތައްޔާރަށެވެ.
ޗެލްސީން އޮބާމަޔަން ގަންނަން ކުރި 18 މިިލިއަން ޑޮލަރުގެ ބިޑް ބާސެލޯނާ އިން އަނބުރާ ފޮނުވާލި ނަމަވެސް، ޗެލްސީން އަގުބޮޑުކޮށް، އިތުރު ބިޑެއް ކުރުމުގެ ފުރުސަތު އެބައޮތެވެ.












