ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ އަގު ހެޔޮކޮށްފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ އެސްޓީއޯއިން ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.97ރ. ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 16.32ރ. ކަމަށެވެ.
ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 16.55ރ. އަށެވެ. ޑީސަލް ލީޓަރެއް 16.77ރ. އަށެވެ.
ދުނިޔޭގެ ބާޒާރުގައި ގިނަ ދުވަސްތަކެއް ވަންދެއް ތެލުގެ އަގު ފުލެމުން ދިއުމާ ގުޅިގެން، ރާއްޖޭގައި ވެސް ވިއްކާ ތެލުގެ އަގު އެތައް ފަހަރެއްގެ މަތިން ވަނީ ބޮޑުކޮށްފަ އެވެ. އަދި ތެޔޮ އިމްޕޯޓްކުރަން ކުރާ ހޭދަ ވަނީ އެތައް ގުނައަކުން މަތިވެ، ދައުލަތުގެ ބަޖެޓަށް ވެސް ބާރުބޮޑުވެފަ އެވެ.
ތެޔޮ އަގު ހެޔޮ މިކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފެށުމުންނެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޕީކަށް ފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވަމުން ދިޔުމާ ގުޅިގެން ޖުލައި މަހު ރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރި ހޭދަ ވަނީ ކުޑަވެފަ އެވެ.
ކަސްޓަމްސްއިން މަހަކު އެއްފަހަރު ނެރޭ އިމްޕޯޓް އެކްސްޕޯޓް ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 919 މިލިއަން ރުފިޔާގެ އަގުހުރި ތެޔޮ ރާއްޖެ އެތެރެކުރި އެވެ. އޭގެ ކުރީ ތިން މަހުގައި ކޮންމެ މަހަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ތެޔޮ އިމްޕޯޓުކުރި އެވެ.









