ބާސެލޯނާ (އޮގަސްޓް 18) - މިއީ ބާސެލޯނާ އަށް ކުޅެން ރަނގަޅު ވަގުތެއް ކަމަށާއި ކެރިއަރުގައި އާ ޗެެލެންޖެއް ނަގައިގެން މި ވަގުތު އެންމެ ބޮޑު ފޯކަސް އަކީ ބާސެލޯނާގެ އަސްލު މަގާމަށް އެ ކްލަބް ގެންދަން އެހީތެރިވެ ދިނުން ކަމަށް ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.
އަށް ވަރަކަށް އަހަރު ބަޔާން މިއުނިކަށް ކުޅެދިނުމަށް ފަހު ލެވަންޑޯސްކީ، 33، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ބަދަލުވީ 55 މިލިއަން ޑޮލަރަށެވެ. މިިދިޔަ ދެ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑްސް ހޯދި ލެވަންޑޯސްކީ ނުވިއްކަން ބަޔާނުން އެންމެ ފުރަތަމަ އުޅުނު ނަމަވެސް އެންމެ ފަހުން ގޮތްދޫކޮށް ބަޔާނުން ލެވަންޑޯސްކީ ބޭނުންވާ ގޮތަށް ޑީލް ކުރިއަށްގެންދިޔައީ އެވެ.
ސްޕެއިނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ލެވަންޑޯސްކީ ބުނީ ބާސެލޯނާގެ ހުށަހެޅުމެއް އޭނާ އަށް އެބައޮތްކަން އެނގުނު ހިސާބުން އެ ޕްރޮޕޯސަލާ މެދު ޕޮޒިޓިވް ވިސްނުމެއް އައި ކަމަށާއި މި ވަރުގެ ކްލަބެއްގެ ޗެލެންޖެއް ނެގުމަށް ޝައުގުވެރިކަން އުފެދުނު ކަމަށެވެ.
"އަހަރެންގެ ނަޒަރުގައި ބާސެލޯނާ އިން (ބޮޑެތި މުބާރާތްތަކުގެ) ތަށި ނުހޯދައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަކޮށްފި. މިހާރު މި އޮތީ އެ ފަދަ ކާމިޔާބީ ހޯދަން އެންމެ ރަނގަޅު ވަގުތު. އަހަންނަށް ޔަގީން މި ކްލަބަށް އެކަން ކުރެވޭނެކަން،" ލެވަންޑޯސްކީ ބުންޏެވެ.
"މި ކްލަބް އޮންނަން ޖެހޭ މަގާމަށް ގެންދަން އެހީވެދޭން ބޭނުން،"
ޕޮލެންޑްގެ ލެޗް ޕޮޒްނަން އަށް ކުރިން ކުޅުނު ލެވަންޑޯސްކީ ބޮޑަށް ފާހަގަވާން ފެށީ 2010 ވަނަ އަހަރު ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އައި ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. ފަހުން 2014 ވަނަ އަހަރު ބަޔާން އަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ ވަނީ ބަޔާނާ އެކު އަށް ފަހަރު ޖަރުމަނު ލީގު ހޯދައިފަ އެވެ.
އަދި ބަޔާނާ އެކު ގިނަ އިންޑިވިޖުއަލް ޓްރޮފީ ހޯދި ލެވަންޑޯސްކީ ވަނީ އެ ކްލަބަށް ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދޭން ވެސް އެހީތެރިވެދީފަ އެވެ.
"އަހަރެން ކެރިއަރުގެ އެންމެ ރަނގަޅު ލެވަލްގައި ހުރެ އެއް ލީގެއްގައި ކުޅެ ނިންމާލަން ބޭނުމެއް ނުވި، ޖަރުމަނު ލީގުގައި ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް. ދެން، އަހަންނަށް ޝައުގުވެރި ލީގަކަށް ފެނުނީ ލަލީގާ އެއީ ބާސެލޯނާ އަށް އައި ސަބަބެއް،" ލެވަންޑޯސްކީ ބުންޏެވެ.
"ޖަރުމަނުގައި އަހަރެން ބަޔާން ސަޕޯޓަރުން ހިތް ރުހޭ ގިނަ ކާމިޔާބީތަކެއް ހޯދައިދެވުނު، އުންމީދަކީ މި ސީޒަން ނިމޭއިރު ބާސެލޯނާ ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ކާމިޔާބެއް ހޯދުން،"
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ރަޔޯ ވަޔެކާނޯއާ 0-0 އިން އެއްވަރުވެފަ އެވެ. ބާސެލޯނާގެ ދެ ވަނަ މެޗު އޮތީ އާދިއްތަ ދުވަހުގެރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.












