ޕެރިސް (އޯގަސްޓް 16) - ތިން ވަނަ ފަރާތްތަކުން ނުފޫޒު ފޯރުވާތީ ފީފާ އިން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ފެޑެރޭޝަން ސަސްޕެންޑްކޮށްފި އެވެ.
މީގެ މާނަ އަކީ، ބައިނަލްއަޤްވަމީ ފުޓްބޯޅައިގައި ހުރިހާ ހަރަކާތްތަކުގެ އިންޑިއާ ސަސްޕެންޑްވުމެވެ. އަދި އޮކްޓޯބަރު މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް އެ ޤައުމުގައި ކުރިއަށްދާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ބުނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު އޭއައިއެފްއެފް އަށް ފޯރުމަކީ ފީފާގެ ގަވައިދުގެ ދަށުން "ވަރަށް ސީރިއަސް މައްސަލައެއް" ކަމަށެވެ. ފީފާ އިން ބުނީ އޭއައިއެފްއެފް އަށް އެ އިދާރާ ހިންގުމުގެ ފުރިހަމަ ކޮންޓުރޯލް ލިބެންދެން މި ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.
ފީފާ އިން ބުނީ މި ސަސްޕެންޝަނާ ގުޅިގެން އަންހެނުންގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް އިންޑިއާގައި ނުބޭއްވޭނެ ކަމަށެވެ. އަދި ފީފާ އާއި އިންޑިއާގެ ސްޕޯޓްސް މިނިސްޓްރީއާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި މި ކަމުގައި ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އިންޑިއާ ސަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި މި އަހަރުގެ މެއި މަހު ކޯޓުން ނިންމީ، އިންޑިއާ ފުޓްބޯޅައިގެ ރައީސް ޕްރަފުލް ޕަޓޭލްގެ ލީޑަޝިޕް ނިމުމަކަށް ގެނެސް ކަންކަން ހައްލުކޮށް އާ އިންތިހާބަކަށް ދިއުމަށް ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރުމަށެވެ. އެ ކޮމިޓީއާ ހަވާލުކުރި ޒިންމާގެ ތެރެއިން، ފީފާ އިން އެންގީ އިއްޔެގެ ނިޔަލަށް ލަސްވެގެން އިންޑިއާ ފުޓްބޯޅައިގެ ކަންކަމުގައި ހައްލެއް ހޯދުމަށެެވެ. އެކަމަކު، އެ މުއްދަތު ހަމަވާން ގާތްވިއިރު ވެސް އިންޑިއާ އިން އެކަން ކޮށްފައިނުވާތީ ފީފާ އިން ފިޔަވަޅު އެޅީ އެވެ.
އިންޑިއާ ފުޓްބޯޅައިގެ ރައީސްގެ މަގާމުގައި ތިން ދައުރުކުރެއްވި، ޕަޓޭލްއާ ދެކޮޅަށް އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ކޯޓަށް މައްސަލަ ހުށަހެޅީ 2020 ވަނަ އަހަރު ޑިސެމްބަރު މަހަށް އޭނާގެ ދައުރުހަމަވިއިރު ވެސް އިންތިހާބު ބާއްވާފައި ނުވާތީ އެވެ.
މިނިސްޓްރީން އޭރު ބުނަމުންދިޔައީ އިންޑިއާ ފުޓްބޯޅައިގެ އިސް ވެެރިންގެ ގޮތުގައި ޕްރަފުލްގެ ލީޑަޝިޕްގެ މެމްބަރުން ތިބީ ގާނޫނީ ހައިސިއްޔަތަކުން ނޫން ކަމަށެވެ.
އިންޑިއާ ސުޕްރީމް ކޯޓުން އޭއައިއެފްއެފްގެ އިންތިހާބު ބޭއްވުމަށް އިރުޝާދު ދިނުމާ ގުޅިގެން، ފީފާ އިން ވަނީ އޭއައިއެފްއެފް ސަސްޕެންޑްކޮށް، އަންހެނުންގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ރައިޓްސް އަތުލާނެ ކަމުގެ އިންޒާރު މި މަހުގެ ފަސް ވަނަ ދުވަހު ދީފަ އެވެ.












