ސީދާ ޖަވާބުތައް މަދު، ބަރުލަމާނީ ދިފާއު ވެސް ބަލިކަށިި: ނަޝީދަށް އުނދަގޫ ބައްދަލުވުމެއް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު؛ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީދާ ޖަވާބެއް ނުދެއްވިއިރު، ދެއްވި ޖަވާބުވެސް ދެކޮޅެއް ނުޖެހުނު -- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު؛ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީދާ ޖަވާބެއް ނުދެއްވިއިރު، ދެއްވި ޖަވާބުވެސް ދެކޮޅެއް ނުޖެހުނު -- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

ގިނަ ދުވަސްތަކަކަށްފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވީ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅުއްވާ ވަރުގަދަ ހުށަހެޅުންތައް އިތުރަށް ތަފްސީލް ކޮށްދެއްވުމަށެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމުގެ ނިޔަތުގައި ހުށަހަޅުއްވާ އެ ހުށަހެޅުންތަކުގެ ދިފާއުގައި އެމަނިކުފާނު ދެއްކެވި ގިނަ އުޒުރުތައް، އެ ބައްދަލުވުން ނިމިގެންދިޔައިރު ވެސް، ދެކޮޅު ޖެއްސެވުނު މަންޒަރެއް ނުފެނުނެވެ.

އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާ އެއް ކަމަކީ 35 ޕަސަންޓު ވޯޓު ލިބިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އާދެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމެވެ. އެ އިސްލާހު ނަޝީދު ހުށަހެޅުއްވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނައިރު، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ބަރުތަކެއް ލިބިދީފައި ވާތީ އެ މަގާމަށް އައްޔަން ކުރަން ވާނީ ރައްޔިތުންގެ ރުހުން އޮތް މީހަކު ކަމަށް ބުނެ އެވެ.

އެ އިސްލާހު، ނަޝީދު ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި ރާއްޖެއަށް ވަރަށް މުހިންމެވެ. އެމަނިކުފާނު މިއަދު ވެސް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ، އެމްޑީޕީ އާއި ޕީޕީއެމަށް ވެސް ރައްޔިތުންގެ ތާއީދު އޮތީ ގާތްގަނޑަކަށް 40-45 ޕަސަންޓާ ދެމެދުގަ އެވެ. އެކަމަކު ވެރިކަމަށް އައުމަށް 50 ޕަސަންޓާއި އެއް ވޯޓު ބޭނުންވާ ގޮތަށް ގާނޫނުއަސާސީގައި މިހާރު އޮންނާތީ، ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތް ކުދިކުދި ޕާޓީތަކާއެކު ކޯލިޝަން ހަދަން މަޖުބޫރުވެ އެވެ. އެކަމަށް މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތައް ހެކިދޭކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެއާއެކު ބޮޑެތި ޕާޓީތައް ވެރިކަމަށް އަންނަން މަދުވާ ފަސް ވަރަކަށް ޕަސެންޓް ހޯދަން ރައްޔިތުން ތާއީދު ނުކުރާ ގިނަ ބަޔަކަށް ދައުލަތުގެ މަތީ މަގާމުތަކެއް ދޭންޖެހޭ ކަމީ ނަޝީދު މިއަދުވެސް ތަކުރާރުކުރެއްވި ޝަކުވާ އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ މަދު ބައެއްގެ ތާއީދު އޮތް ބަޔަކު ސަރުކާރުގެ ގިނަ ވުޒާރާތަކުގެ ގިނަ މަގާމުތައް ފުރަމުން ދިޔާމަ އޭގެ ސަބަބުން ނުކުންނަ ހިތްހަމަ ނުޖެހުމާއި އޮނިގަނޑުގެ މައްސަލަ،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސިޔާސީ ލީޑަރުގެ އެ ދިފާއުން އުނިކަމެއް ހާމަވި އެވެ. އެއީ މިހާރު އޮންނަ ގޮތުން، ދެވަނަ ބުރަކުން ނަމަވެސް، އާހިރުގައި ރައީސްކަމަށް އިންތިހާބުވާ ވެރިޔަކީ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮންނަ މީހަކަށް ވާތީ އެވެ. އެ ތާއީދު 35 ޕަސަންޓަށް ކުޑަކުރުމުން، އިންތިހާބު ވާނީ، 65 ޕަސަންޓަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނި ނޫނީ ބޭނުންނުވާ ވެރިއެއްކަމީ، ނަޝީދުގެ އެ ގަބޫލުކުރެއްވުމުގެ އަނެއް ފުށެވެ.

ބަރުލަމާނީ ނިޒާމުގެ ދިފާއުގައި ހުރި ބާގަނޑުތައް

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަކީ ވަރަށް ގިނަ މަރުހަލާތަކަކުން ކުރެވެން އޮތް މަސަައްކަތަކަށް ވިޔަސް ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި އެ ބަދަލުގެންނެވުމުގެ ޝައުގުވެރިކަން ނަޝީދު މިއަދު ފާޅުކުރެއްވި އެވެ.

އެކަން ކޮންމެހެންވެސް ކުރަންޖެހޭ ސަބަބުތައް ނަޝީދު މިއަދު ލިސްޓުކޮށް ދެއްވި އެވެ. ރައްޔިތުންނާ ގާތުން ހިދުމަތް ކުރެވޭނެ ނިޒާމެކެވެ. ރައްޔިތުން އިންތިހާބު ކުރާ ވަޒީރުންގެ މަޖިލީހެކެވެ. ރާއްޖެ މިހާރު ވެއްޓިފައިވާ އިގުތިސޯދީ ވަޅުގަނޑުން އަރައިގަނެވޭނެ ހަމައެކަނި މަގެވެ.

ބަރުލަމާނީ ނިޒާމަކަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހައްދަވަން ކަމަރު ބަންނަވައިގެން ހުންނެވިއިރު، ނަޝީދު މިއަދު ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވީ، އެ ނިޒާމާމެދު އޮތް ކަންބޮޑުވުންތަކަށް ވެސް ތައްޔާރުވެވަޑައިގެން، ރަނގަޅަށް ޖަވާބު ދެއްވަން ކަމަށް، ވާހަކަ ފެއްޓެވި ގޮތުން ހީކުރެވުނެވެ. އެ ކަންބޮޑުވުންތަކުގެ ތެރެއިން ނަޝީދު ނެންގެވީ، ބަރުލަމާނީ ނިޒާމެއްގައި މެމްބަރުން ފަސޭހައިން "ގަނެލުމުގެ" މިސާލެވެ.

އެކަން އޮޅުންފިލުވައި ދެއްވަމުން ނަޝީދު ވިދާޅުވީ "ފައިސާއަށް ދީލާލާ" ސަބަބު ފެށިގެން އަންނަނީ އެމީހެއްގެ އަމިއްލައަށް އިހުސާސް ކުރެވޭ ނިކަމެތި ކަމުގެ ތެރެއިން ކަމަށެވެ.

"މިހާރު މި ކުރެވޭ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރަކާ، ދެ ބޭފުޅުން އެކުވީމާ އެ ނުކުންނަ ޝަހުސިއްޔަތު، މާ ވަރުގަދަ ޝަހުސިއްޔަތެއް ގޮތުގައި ޕާލިމަންޓަރީ ނިޒާމެއްގައި ފެނިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އެ ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް މެމްބަރުން ވަޒީރުންގެ ގޮތުގައި ތިއްބަވާނެތީ، ފައިސާއަށް ދީލާނުލާ ވާހަކަ އެވެ. ނަޝީދުގެ އެ ދިފާއު ވަރަށް އުއްމީދީ އަދި ދީލަތި ނަޒަރަކުން ބެލި ނަމަވެސް، ހަގީގަތަކަށް ވުން ނާދިރެވެ. އެކަން ނަޝީދު އެ ވިދާޅުވާ ގޮތަށް ވާނެ ނަމަވެސް، އޭގެ އަނެއް ފަޅިއަށް އެމަނިކުފާނު އިޝާރާތެއް ނުކުރައްވަ އެވެ.

އެއީ ބަރުލަމާނީ ނިޒާމެއްގައި ވެސް، މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވަޒީރުކަމަކަށް ނާދެވޭނެ ކަމެވެ. އެއާއެކު، ދެ މަގާމު މަސްހުނި ވެގެން، އެ އުފެދޭ ޝަހުސިއްޔަތުގެ ދަހިވެތި ކަމުގައި، ވަޒީރުކަން ނުލިބޭ މެމްބަރުން ޕާޓީ ބަދަލުކޮށް ސަރުކާރު ވައްޓާލާކަމީ ބަރުލަމާނީ ނިޒާމު އޮންނަ އެހެން ގައުމުތަކުން ތާއަބަދު ފެންނަމުންދާ ހަގީގަތެވެ.

ވެރިކަމަށް ފައި ނެގުމާއި ހަރަދު ކުރުން ވެސް އޯކޭ

މިދިޔަ ޖޫން މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވުމުން، އެކަމާ ދެކޮޅަށް ނަޝީދު ތެދުވެވަޑައިގެންނެވި އެވެ. އޭރު ވިދާޅުވީ މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާމެދު ވިސްނާ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ. އަދި މިއީ އަމިއްލަ އުއްމީދު އިސްކޮށް، ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ނަޝީދު ހަމަ އެ މަސައްކަތް ކުރެއްވުން މިއަދު ދިފާއު ކުރެއްވި އެވެ. އައްޑަނައަކަށް ނެންގެވީ ދައުލަތް ހިންގުމުގެ އޮނިގަނޑެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ނިޒާމު ބަދަލުކުރުމަކީ ގައުމުގައި ހުރި ހުރިހާ މައްސަލަތަކެއްގެ ހައްލެވެ.

އެކަމަށް މަގު ކޮށަން، ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ފިއްތުންތަކެއް ހުރި ދަނޑިވަޅެއްގައި ބަޖެޓު ނުކުރާ ގައުމީ އިންތިހާބެއް ބޭއްވުން ވެސް އެމަނިކުފާނަށް މިހާރު މައްސަލައަކަށް ނުވި އެވެ. މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރަން ގޮވާލެއްވި ނަޝީދަށް، ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ހަރަދުވާނެ ކަމަށް ބެލެވޭ 60 މިލިއަނެއްހާ ރުފިޔާ ވެސް މިހާރު ބޮޑެއް ނުވި އެވެ.

"...އަޅުގަނޑު ދަންނަވަނީ މިބާވަތުގެ ކަންކަމާ ދިމާލަށް ދަތުރުކުރާއިރު އޮނިގަނޑަށް ބައްލަވާށޭ. މި 60 މިލިއަން ރުފިޔާއަކީ ކުރަން ރަނގަޅު ހަރަދެއް، އެއީ ކުރަން އެންމެ ރަނގަޅު ހަރަދު،" ނަޝީދު ވިދާޅުވި އެވެ.

ސްރީލަންކާގެ މިސާލު ނަންގަވައި ނަޝީދު އިތުރަށް ވިދާޅުވީ މިވަގުތު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރަން ޖެހޭ ހަރަދަކީ ކުރަން އެންމެ ރަނގަޅު ހަރަދު ކަމަށެވެ. މިގޮތުން، ހަރަދު ކުޑަ ކުރުމަށް ދައްކަން ޖެހޭ އުނދަގޫ ގިނަ ވާހަކަތަކެއް މަޖިލީހުގައި ދައްކަން ޖެހޭ ކަމަށާއި އެކަމަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމަކަށްވާތީ، އެ ނިޒާމު ގެންނަން މިވަގުތު ފައިސާ ހަރަދުކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައްޔާޒްގެ ތާއީދު ރަނަށް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަވެރިކަން ބޮޑުވެ، ހޫނުވި އިންތިހާބުގެ ތެރެއިން، ނަޝީދު ވަނީ ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކާއެކު، އެ ޕާޓީ ތެރެއިން "ބްރޯ" ހެދެން އުޅޭ ކަމުގެ ތުހުމަތުތަކެއް ވެސް ކުރައްވާފައިވެ އެވެ. އަދި ނަޝީދު އިސްވެ، މިނިސްޓަރުގެ ކަމުން ފައްޔާޒް ވަކި ކުރުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ.

ނަމަވެސް މިއަދު ވަނީ ފައްޔާޒަށް ތައުރީފު ކުރައްވާ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއިދު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ހުރިހާ ބޭފުޅުންނާ ވެސް ވާހަކަދައްކަވަމުން ގެންދަވަން ބޭނުން، އަދި ހާއްސަކޮށް ފައްޔާޒް އިސްމާއީލް، ތަކުރާރު އަޅުގަނޑު އެބަކުރަން، އޭނާއަކީ ޑައިނެމިކް ބޭފުޅެއް، ކަންތައްތައް ކުރައްވާ ބޭފުޅެއް އަދި ހިންގުންތެރި ބޭފުޅެއް، އަދި އެ ބޭފުޅާއާއެކީ މަސައްކަތް ކުރުމަށް އަޅުގަނޑު އެދޭނަން،" ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒާ ދެކޮޅަށް ސިޔާސީ ގޮތުން މީގެ ކުރިން މަސައްކަތް ކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަމަށް ދާދި ފަހުން ނަޝީދު ވިދާޅުވެފައި އޮއްވައި، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ފައްޔާޒަށް އެމަނިކުފާނު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ.

ނަމަވެސް، ކުރިން ކުރެއްވި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް ދެއްވަން ނަޝީދު މިއަދު ވަނީ ދެކޮޅު ހައްދަވާފަ އެވެ. ވިދާޅުވީ ހުރިހާ ބޭފުޅުންނާ އެކުގައި ވެސް "ވަރަށް ރަނގަޅަށް މަސައްކަތް ކުރަން" އެދޭ ކަމަށެވެ.

"4 ފޮޓޯ"ގެ މަންޒަރު ބަދަލުވެއްޖެ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް އެންމެ ބޮޑަށް ސުވާލު އަމާޒުވި އަނެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް އެމަނިކުފާނު އަތްފުޅުގައި ހުންނެވި ކަމަށް ވިދާޅުވެފައި ވުމުންނެވެ.

ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބު ނުދެއްވަން އުޅުއްވުމަށް ފަހު ނަޝީދު ވިދާޅުވީ ރައީސްގެ ފޮޓޯތަކުގެ ވާހަކަ ދެއްކެވީ އެމްޑީޕީގެ ގުނަވަނެއްގެ އެތެރޭގައި ކަމަށާއި އެއީ ވަކި މަފްހޫމެއްގައި ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފޮޓޯތަކެއްގެ ވާހަކަ ދެއްކެވީ "ކޮންމެ މީހެއްގެ ކޮންމެ ފޮޓޯއަކާ ދޭތެރޭގައި ވެސް ތަހުގީގުކުރަން ޖެހޭނީ އެއް ހަމައަކުން ކަން ފާހަގަކޮށްދޭން" ވެގެންނެވެ.

"އަޅުގަނޑުގެ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކަށް ވެސް އެބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާންކުރާ ގޮތަށް، އެއާއި މެދު އަމަލުކުރަން ޖެހޭނެކަން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ބުނެ ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އަޅުގަނޑާ ގުޅޭ ގޮތުން ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އެހުރިހާ ކަމެއް ވެސް ހިނގަމުން ދާން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރޭން،" ލިއުމެއް ބައްލަވައިގެން ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ ޖަވާބު ދެއްވަމުން ވެސް އެމަނިކުފާނު ވިދާޅުވީ އެއަށް ފަހު ދެން އެ ވާހަކަ ނުދައްކަވާނެ ކަމަށެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެއީ މިއަދުގެ ބްރީފިންގެ މައުލޫއިން ބޭރު ސުވާލެއް ކަމަށެވެ.

އެމަނިކުފާނު މަަސައްކަތް ކުރެއްވީ ރައީސަށް ތުހުމަތެއް ކުރެއްވި ކަމަށް ހެދީ ނޫސްވެރިން ލިއުނު ހެޑްލައިންތަކުން ކަމަށް ދެއްކެވުމަށެވެ. އެ ހެޑްލައިންތަކާ ގުޅުވައިގެން އިތުރު ސުވާލު ކުރީމާ އެކަމުގެ އަސްލު ގެއްލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox