ޕެރިސް (އޮގަސްޓް 13) - ހަތް ފަަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ލިއޮނަލް މެސީ އަށް މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ގަދަ 30 ކުޅުންތެރިންގެ ތެރެއިން ޖާގަ ގެއްލިއްޖެ އެވެ.
ޕީއެސްޖީ އަށް މިހާރު ކުޅެމުން އަންނަ މެސީ، 35، ވަނީ 2005 ވަނަ އަހަރު ފެށިގެން އައި ކޮންމެ އަހަރެއްގައި ނޮމިނޭޓްވެފަ އެވެ. އެކަމަކު، އެންމެ ފަހުން ބެލޮންޑިއޯގެ ހަތް ވަނަ އެވޯޑް ހޯދި، މެސީ އަށް މިދިޔަ ސީޒަނުގައި ޕީއެސްޖީގައި ދެއްކި ކުޅުމަށް ބަލާފައި، ބެލޮންޑިއޯ ޖަޖިން ޕެނަލުން ނިންމީ މެސީ ނުހިމަނާށެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީ ޖޯޒީގައި މެސީ ޖެހީ 11 ގޯލެވެ. މެސީގެ އިތުރުން މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް 28 މެޗުން 13 ގޯލު ޖެހި، ބްރެޒިލްގެ ނޭމާ ވެސް ބެލޮންޑިއޯ ގަދަ 30 ގައި ނެތެވެ. އަދި އިންޓަ މިލާންގެ ފޯވާޑް ލަޓާރޯ މާޓީނޭޒަށް ވެސް ގަދަ 30 ނޮމިނޭޝަނުން ޖާގަ ނުލިބުނެވެ.
އެންމެ ގިނައިން ބެލޮންޑިއޯ ހޯދުމުގެ ރެކޯޑް އޮތީ މެސީ އަތުގަ އެވެ. މެސީ، ބެލޮންޑިއޯ އެވޯޑް ހާސިލްކުރި އަހަރުތަަކަކީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 އެވެ.
ފްރާންސް ފުޓްބޯލް މެގަޒިންގެ ފަރާތުން މީގެ ކުރިން ކަލަންޑަރު އަހަރަކު އެއްފަހަރު ދެމުން އައި ބެލޮންޑިއޯ އެވޯޑް ސީޒަނަކު އެއްފަހަރު ދޭ ގޮތަށް އެވޯޑްގެ ފޯމެޓް ބަދަލުކުރީ މި އަހަރު މާޗް މަހު އެވެ. މި ފަހަރުގެ ނޮމިނޭޝަންތަކަކީ މިދިޔަ ސީޒަނުގެ ކުޅުމަށް ބަލައިގެން އައި ނޮމިނޭޝަންތަކެކެވެ.
ބެލޮންޑިއޯ އެވޯޑްގެ ފޯމެޓް ބަދަލުކުރަން ފްރާންސް ފުޓްބޯލް އިން ނިންމާފައިވަނީ ޖަޖުންގެ އަދަދު ވެސް މަދު ކުރުމަށް ފަހު އެވެ. މީގެ ކުރިން 170 ޖަޖުންގެ މެދުގައި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވި ނަމަވެސް ދެން އެ އެވޯޑަށް އިންސާފުކުރާނީ 100 ޖަޖުން/ނޫސްވެރިންގެ ޕެނަލުންނެވެ. އަދި އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމުގައި ކުރިން 100 ޖަޖުން ވޯޓުލި ނަމަވެސް މިހާރު އޮތްގޮތުން އެ އަދަދު ވަނީ 50 އަށް ކުޑަކޮށްފަ އެވެ.
ބެލޮންޑިއޯ ހަފްލާ އޮތީ އަންނަ އޮކްޓޫބަރު މަހު 17 ވަނަ ދުވަހު ޕެރިހުގަ އެވެ.
މި ފަހަރުގެ އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިން
ތިބައު ކޯޓުއާ (ރެއާލް މެޑްރިޑް)، ރަފައެލް ލެއާއޯ (އޭސީ މިލާން)، ކްރިސްޓޮފާ އެންކުންކޫ (ލައިޕްޒިގު)، މުހައްމަދު ސަލާހު (ލިވަޕޫލް)، ޔޯސުއާ ކިމިކް (ބަޔާން މިއުނިކް)، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް (ލިވަޕޫލް)، ވިނީޝިއުސް ޖޫނިއާ (ރެއާލް މެޑްރިޑް)، ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ލުއިޒް ޑިއާޒް (ޕޯޓޯ-ލިވަޕޫލް)، ކަރިމް ބެންޒެމާ (ރެއާލް މެޑްރިޑް)، ރޮަބަޓް ލެވަންޑޯސްކީ (ބަޔާން މިއުނިކް)، ރިޔާދު މާރޭޒް (މެންޗެސްޓާ ސިޓީ)، ކަސެމީރޯ (ރެއާލް މެޑްރިޑް)، ސޮން މިން ހެއުން (ޓޮޓެންހަމް)، ފަބީނިއޯ (ލިވަޕޫލް)، މައިކް މައިންގްނޯން (އޭސީ މިލާން)، ހެރީ ކޭން (ޓޮޓެންހަމް)، ޑާވިން ނޫނޭޒް (ބެންފީކާ)، ފިލް ފޯޑެން (މެންޗެސްޓާ ސިޓީ)، ސަޑިއޯ މާނޭ (ލިވަޕޫލް)، ސަބެސްޓިއަން އަލެއާ (އަަޔަކްސް)، ލޫކަ މޮޑްރިޗް (ރެއާލް މެޑްރިޑް)، އެންޓޯނިއޯ ރޫޑިގާ (ޗެލްސީ)، ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް)، ކެވިން ޑިބްރޭނާ (މެންޗެސްޓާ ސިޓީ)، ޑޫސާން ވްލަހޯވިޗް (ފިއޮރެންޓީނާ-ޔުވެންޓަސް)، ވާޖިލް ވެން ޑައިކް (ލިވަޕޫލް)، ޔާއޯ ކަންސޭލޯ (މެންޗެސްޓާ ސިޓީ)، ކީލިއަން އެމްބާޕޭ (ޕީއެސްޖީ)، އާލިން ބްރައުޓް ހާލަންޑް (ޑޯޓްމަންޑް)












