އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި މިއަދު ދެ ވަަނަ ޑިވިޝަންގެ ބިސްބުުރު ސްޕޯޓްސް ކްލަބް އަތުން 10-0 އިން މޮޅުވެ، ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިފި އެވެ.
ކުއާޓާ ފައިނަލްގައި ސަސް ކުޅެންޖެހޭނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި، ސަސް ތިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ހަ ވަނަ މިނިޓުގައި ސަސްގެ ފުރަތަމަ ލަނޑު ޖެހީ ފޯވަޑް އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. ސަސްގެ މުހައްމަދު ޝަހާއު (ބޭލް) ޕެނަލްޓީ އޭރިޔާ ތެރެއަށް ދިން ތުރޫ ޕާހެއް ކޮންޓުރޯލް ކޮށްލުމަށް ފަހު، އިއްބެ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ދިވެހި ޕްރިމިއާ ލީގު ހަތް ވަނައިގައި ނިންމާލައި، ރެލިގޭޝަން ޕްލޭއޮފްގައި ވާދަކުރަންޖެހިފައިވާ ސަސްގެ ދެ ވަނަ ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި ޑިފެންޑަރު އައިހަމް އަހުމަދު (އައިހު) އެވެ. ޕެނެލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން އައިހަމް ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ 34 ވަނަ މިނިޓުގައި އިއްބެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް އަމާޒުކޮށްލައި، ސަސްގެ ތިން ވަނަ ލަނޑު ޖެހީ ސަހާއު އެވެ.
ދެ ވަނަ ހާފުގައި ސަސްގެ އަލީ ނަސޫހް އަލީ (ޕިލާ) އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަހުމަދު ހުސާމް، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އަހުމަދު ހަމީދު އަދި އަހުމަދު އައިހަމް އަދި ފުރަތަމަ ހާފުގައި ވެސް ލަނޑެއް ޖެހި އައިހަމް އަހުމަދު ވަނީ އެ ޓީމަށް އިތުރު ލަނޑުތައް ޖަހައިދީފަ އެވެ.
އެފްއޭ ކަޕްގެ ފުރަތަމަ ކުއާޓާ ފައިނަލްގައި މިރޭ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އެވެ.
އެފްއޭ ކަޕް އެންމެ ފަހުން ފުރިހަމަކޮށް ބޭއްވީ 2017 ވަނަ އަހަރެވެ. އެފްއޭ ކަޕް 2020 ވަނަ އަހަރު ފެށި ނަމަވެސް، ކޮވިޑް-19އާ ގުޅިގެން އެ މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ. އޭރު އޮތީ ޓީމުތައް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.












