ޖޮހޭނެސްބާގް، ދެކުނު އެފްރިކާ (އޮގަސްޓް 12) - އެފްރިކާގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގެ ބޭނުމުގައި 100 މިލިއަން ޑޮލަރުގެ އަގުހުރި އެފްރިކަން ސުޕަ ލީގެއް ބާއްވަން އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީއޭއެފް) އިން ނިންމައިފި އެވެ.
މިދިޔަ ބުދަ ދުވަހު ޓެންޒާނިއާގައި ބޭއްވި ސީއޭއެފްގެ 44 ވަނަ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއޭއެފްގެ ރައީސް، ދެކުނު އެފްރިކާގެ ބިލިއަނަރު ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ ޒަމާނުއްސުރެ އެފްރިކާ ފުޓްބޯޅައިގައި "ފައިސާއެއް ނެތް" ކަމަށް ދެކެވޭ ވާހަކަތަކަށް ސުޕަ ލީގުގެ ސަަބަބުން ހައްލު ލިބޭނެ ކަމަށެވެ.
މިހާރު އޮތްގޮތުން އެފްރިކާގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ސީއޭއެފް ޗެމްޕިއަންސް ލީގު ޗެމްޕިއަނަށް ލިބެނީ 2.5 މިލިއަން ޑޮލަރެވެ. އެއީ މުބާރާތަށް ޖުމްލަ އެކު ކުރާ 12.5 މިލިއަން ޑޮލަރުގެ ތެރެއިންނެވެ.
އެފްރިކާގެ ތިން ސަރަހައްދަކުން ޖުުމްލަ 24 ޓީމު ބައިވެރިކޮށްގެން، ބާއްވާ ސުޕަ ލީގު ފަށާނީ މިހާރު އޮތްގޮތުން އަންނަ އަހަރު އޮގަސްޓް މަހުގަ އެވެ. އެއީ 2024 ވަނަ އަހަރުގެ މެއި މަހު ނިމޭ ގޮތަށް ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކާ އެއް ތާވަލަކަށެވެ.
އަލަށް ފަށާ ސުޕަ ލީގުގައި ބައިވެރިވާ 24 ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ތައްޔާރީތަކަށް 3.5 މިލިއަން ޑޮލަރު ލިބޭނެ އެވެ. ޗެމްޕިއަން ޓީމަށް 11.6 މިލިއަން ޑޮލަރު ދޭނެ އެވެ.
"ސުޕަ ލީގާ އެކު އަންނާނެ އެންމެ ބޮޑު ބަދަލަކީ އެފްރިކާ ކްލަބްތައް ހަމައެކަނި ކްލަބް ހިންގާ މީހުންގެ އަމިއްލަ ޖީބުން ކުރާ ހަރަދަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުން،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.
އެފްރިކާ ފުޓްބޯޅައިގެ ތަޖުރިބާކާރުން ސުވާލު އުފައްދާ ކަމަކީ ސުޕަ ލީގު ބާއްވަން މި ފަންޑް ލިބެނީ ކޮން ގޮތަކަށްތޯ އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި، މޮޓްސެޕޭ ވިދާޅުވީ ފަންޑަކީ ސްޕޮންސަރުން މެދުވެރިކޮށް ލިބޭ ފައިސާ ކަމަށާއި އެކަންކަން ފަހުގެ ތާރީހެއްގައި އިއުލާނު ކުރެވޭނެ ކަމަށެވެ.
އެފްރިކާގެ ބައެއް ކްލަބްތަކުން ދެކޭ ގޮތުގައި ބޮޑު ފައިސާގެ އިނާމްތަކެއް ދީގެން ކުރިއަށްގެންދަން ނިންމާފައިވާ މި ސުޕަ ލީގަކީ ފީފާގެ ރައީސްގެ މަގާމުގައި އިންފަންޓީނޯ އިތުރު ދައުރަކަށް ބެހެއްޓުމަށް އެފްރިކާގެ ގައުމުތަކުގެ ވޯޓު ހޯދަން ކުރާ ކަމެކެވެ.
އެ ތުހުމަތުތަކަށް މޮޓްސެޕޭ ދެއްވީ ފިނި ޖަވާބެކެވެ. މޮޓްސެޕޭ ވިދާޅުވީ އިންފަންޓީނޯ އަކީ އޮޅުވާލައިގެން ކަންކަން ކުރުމަށް ވުރެ ތާއީދު ބޮޑު ރައީސެއް ކަމަށެވެ.












