މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން 3,000 ގޯތި ކަނޑާފަައި ދޭން މި ސަރުކާރުން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް, އެއީ ތާއިދު ކުރައްވާ ކަމެއް ނޫންކަން އިދިކޮޅު ލީޑަރު އަބްދުالله ޔާމީން ހާމަކުރައްވައިފި އެވެ.
މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރަން ސަރުކާރުން އިއުލާންކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލެވެނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ރަށެއްގެ ރަށްވެހިކަން ނެތް އަދި އަބަދުވެސް މާލޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށެވެ.
މިހެންވެ ދަފްތަރުގައި ތިބި މީހުނަށް ވެސް ކުރިމަތި ލެވެނީ އިތުރު ތަނެއްގައި ރެޖިސްޓްރީ ވެފައި ނުވާ ނަމަ އެވެ. ދަފްތަރުގައި ތިބި ގާތްގަނޑަކަށް 17،000 އެއްހާ މީހުންގެ ތެރޭގައި ވެސް ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވެސް މި ސަރަހައްދުން ގޯތި ހައްގުވާނެ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.
އަދި މާލެ ސަރަހައްދުން އަގު ހުރި ބިންތަކެއް، ހިލޭ، ވަކި ބަޔަކަށް ލިބޭ ގޮތަށް އުސޫލު އޮތުމަކީ، ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން ސުވާލުކުރުމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ މާލެއަކީ ހުރިހާ ރައްޔިތުންގެ ތަނެއް ކަމަށެވެ. މާލެއަކީ ވެރިކަން ކުރާ ރަށް ކަމަށާއި އެއީ ހަމައެކަނި މާލޭ މީހުންގެ ރަށެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް ގެދޮރުވެރިކަމުގެ ކަންކަން ކުރާއިރު އަބަދުވެސް ސަރުކާރުން ގެދޮރު ދިނަސް ފްލެޓް އެޅިޔަސް މާލޭ މީހުންނަށް ޕޮއިންޓް ލިބޭ އުސޫލުން މާލޭ މީހުންނަށް އިސްކަމެއްދޭ, ހަމަ އެ ސްކީމްގެ ތެރެއިން އެއް ވަރަށް ޝަރުތު ފުރިހަމަވާ މާލޭ މީހުން ނޫން އެހެން މީހުންނަށް ޖާގަ ލިބެން ޖެހޭނެ," ޔާމީން ވިދާޅުވި އެވެ.
ދެވަނަ ފިޔަވަހި ހިއްކަވައި އެތަން ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެއްވި ޔާމީންގެ ސަރުކާރުން ބިނާކުރި ހިޔާ ފްލެޓްތައް ވެސް ހުޅުވާލީ އެ އުސޫލުންނެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭ މީހުންނަށް އެކަނި ހާއްސަކޮށްގެން ސްކީމެއް ހެދުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި އެކަމެއް ނުކުރާނެ ކަމަށެވެ. ގެދޮރުގެ ސްކީމް ހަދާނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ.
އެހެންނަމަވެސް, ޔާމީން ވަނީ މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތްކަން ފާހަގަ ކުރައްވައި, މާލޭގައި އެކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް އިސްކަން ދިނުމަކީ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވާފަ އެވެ. އެހެން ރަށްރަށުގައި ވެސް ބިން ނެތިގެންދާ ހާލަތުގައި ކަން ކުރާނީ އެ އުސޫލުންކަން ޔާމީން ފާހަގަ ކުރެއްވި އެވެ.
ޔާމީން ވިދާޅުވީ, މާލޭ ސަރަހައްދު އަދިވެސް ހިއްކައިގެން ތަރައްގީ ކުރާ ތަންތަނުގައި ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެމީހަކު ބޭނުންނަމަ, ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ އެވެ. އެގޮތުން, ގޯއްޗެއް ނުވަތަ ފްލެޓެއް ކޮންމެ ޒުވާނަކަށް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެކަން ކުރައްވަން އެމަނިކުފާނު ރޭވީ މާލޭ ކައިރިން އިތުރު ފަޅެއް ހިއްކައިގެންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިހާރު ވަނީ ގިރާވަރު ފަޅު ހިއްކައިގެން ގެދޮރު ދޫކުރައްވާނެ ކަމުގެ މަޝްރޫއުއެއް އިއުލާން ކުރައްވާފަ އެވެ. މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިދިޔަ އޭޕްރިލް މަހު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
އެގޮތުން، ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް އެ ދުވަހު އިއުލާނުކުރެއްވި އެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުންދާއިރު, ގިނަ ބަޔަކު މިހާތަނަށް ވަނީ ފޯމް ވެސް ހުށަހަޅާފަ އެވެ. ސަރުކާރުން އެންމެފަހުން ވެސް ބުނީ ފާޑުކިޔުންތައް އޮތަސް, ސިޔާސަތު ބަލަދު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.











