އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ ބަންދުން ދޫކޮށްލައިފި އެވެ.
ވެލިގަނޑު ރިސޯޓުގައި ހުއްޓާ ނާޒިމް ހައްޔަރުކުރުމަށްފަހު، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ޖެހި އެވެ. ބަންދުގެ އެ މުއްދަތު ހަމަވުމުން، ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް ޖެހި އެވެ.
އެ މުދައްތު މިއަދަށް ވަނީ ހަމަވެފަ އެވެ.
ނާޒިމް މިރޭ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ހަމަވުމުން ފުލުހުންނެވެ. އޭނާގެ ބަންދު އިތުރުކުރަން ކޯޓަށް ނުގެންދަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް, ފުލުހުން މިހާރު ވަނީ މައްސަލާގެ ތަހުގީގު ނިންމައި, ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ.
އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ބަދުއަހުލާގީ ވީޑިއޯގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމްގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ބަންގްލަދޭޝްގެ އަލަމްގީރު ހައްޔަރުކުރި އެވެ. އެ ތިން މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.

ނާޒިމް ހައްޔަރުކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުގައި ތަހުގީގީ އިޖުރާއަތްތައް ހިންގަމުން ދަނީ މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށެވެ.
މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.













