މިއަދު ހަވީރު ފެށި މޯލްޑިވްސް މެރިން އެކްސްޕޯ 2022 އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފި އެވެ.
ބޯޓިން ސިނާއަތަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި އިވެންޓު، މެރިން އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 11-13 އަށް ހުޅުމާލޭގައި ސެންޓްރަލް ޕާކްގަ އެވެ. ގިނަ ކުންފުނިތަކެއް ބައިވެރިވެފައިވާ މި އެކްސްޕޯ ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
އެކްސްޕޯ އަށް ޒިޔާރަތްކުރަން ބޭނުންވާ ފާސް އޮންލައިންކޮށް ރަޖިސްޓްރީކޮށްގެން ހޯދޭނެ އެވެ. އޭރުން ކިޔޫގައި ނުޖެހި ފަސޭހައިން ވަދެވޭނެ އެވެ.
މި އަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މިދިޔަ އަހަރުގެ ވެސް މެއިން ސްޕޮންސަރު އެމްޓީސީސީ އެވެ. ކޯ ސްޕޮންސަރުންނަކީ ވެސް މިދިޔަ އަހަރުގެ ކޯސްޕޮންސަރުން ކަމުގައިވާ ކްރޮސްރޯޑްގެ މެރީނާ މެނޭޖުކުރަމުން އަންނަ ޔޫއޭއީގެ މެރިން ސޮލިއުޝަން ކުންފުނި، ޖަލްބޫތު އަދި ރާއްޖޭގައި ލޯންޗް ފަހަރު ބަނދެ ވިއްކާ ގަލްފް ކްރާފްޓް އެވެ.
ހަމައެކަނި ލިވްއެބޯޑާއި، ޔޮޓާއި، މެރިން ޓްރާންސްފޯޓަށް ހާއްސަ ވެގެން 2016ގައި ފެށި މި އިވެންޓު ފުޅާވަމުން ގޮސް، މިހާރު މެރިން ސިނާއަތާ ގުޅުންހުރި ހުރިހާ ބަޔަކަށް ހާއްސަ ބައިތައް އެކްސްޕޯގައި ހިމެނެ އެވެ. މިހާރު އެކްސްޕޯގައި އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ލިވްއެބޯޑުތަކާއި ޔޮޓުތަކާއި، މަސްވެރިކަމުގެ އިތުރުން ވޯޓަ ސްޕޯޓްސް އާއި ލޮޖިސްޓިކްސް ހިމެނެ އެވެ.











