ރިޕޯޓުދިވެހި ސިފައިން ތަމަޅަ ހަތިޔާރު ބޯޓެއް ފައްތާލި އާދަޔާ ހިލާފު ވާހަކަ

ދިވެހި ސިފައިން ތަމަޅަ ހަތިޔާރު ބޯޓެއް ފައްތާލި އާދަޔާ ހިލާފު ވާހަކަ

ގއ. ވިލިނގިލީ، ވަކަރުގޭ، ތައްހާނު ނުވަތަ އާއިލާ އާއި ރަހުމަތްތެރިންގެ މެދުގައި މަޝްހޫރު ގޮތުން ނަމަ ހުތާ، މެއި 17، 2007 ވަނަ ދުވަހުގެ ފަތިހު "ޓޫނާ" ދޯނީގައި މަހަށް ނުކުތް އިރު، އެ ދުވަސް ނިމިގެންދާނީ "ފުރާނަ ކިރިޔާ ސަލާމަތްވެގެން" ކަން އޭނާއަށް ކުރިން ވަޒަންކޮށްލަން ވެސް ނޭނގޭ.

ރާއްޖޭގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު ބޯޓު ހުރަވީ ރާއްޖޭގައި ދަތުރު ކުރަނީ: ފައްތާލި ބޯޓުގައި ގިނަ އަދަދެއްގެ ހަތިޔާރު ހުރި -- ފޮޓޯ: އަދަދު
ރާއްޖޭގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު ބޯޓު ހުރަވީ ރާއްޖޭގައި ދަތުރު ކުރަނީ: ފައްތާލި ބޯޓުގައި ގިނަ އަދަދެއްގެ ހަތިޔާރު ހުރި -- ފޮޓޯ: އަދަދު

އެއީ އުމުރުން 14 އަހަރުގައި މަސްވެރިކަމަށް ނުކުތް، 41 އަހަރު އެ މަސައްކަތްކޮށް، 26 ދޯންޏެއްގެ ކައްޕިކަންކޮށްފައިވާ އިބްރާހިމް ތައްހާނަށް ބަޑިއެއް ޖެހި އަޑު އިވުނު ފުރަތަމަ އަދި މިހާތަނަށް އިވުނު ހަމައެކަނި ފަހަރެވެ.

ގއ. ވިލިނގިލީ، ވަކަރުގޭ، ތައްހާނު ނުވަތަ އާއިލާ އާއި ރަހުމަތްތެރިންގެ މެދުގައި މަޝްހޫރު ގޮތުން ނަމަ ހުތާ، މެއި 17، 2007 ވަނަ ދުވަހުގެ ފަތިހު "ޓޫނާ" ދޯނީގައި މަހަށް ނުކުތް އިރު، އެ ދުވަސް ނިމިގެންދާނީ "ފުރާނަ ކިރިޔާ ސަލާމަތްވެގެން" ކަން އޭނާއަށް ކުރިން ވަޒަންކޮށްލަން ވެސް ނޭނގުނެވެ.

"އެމީހުން ބަޑިޖަހަން ފެށީމަ އެންމެން [ފަޅުވެރިން] ވަތަށް ފައިބައި، ތަންތަނަށް ރައްކާވީ. ދެ ފަހަރު ތިން ފަހަރު މަތިން ބަޑިޖެހި. އަޅުގަނޑުމެން ތިބީ 200 ވަރަކަށް ފޫޓު ފަހަތުގަ. ފަހުން ސިފައިން ބުނީ އެ ބޯޓުގައި އޮތް ބޮޑު ދެ ބަޑި ޖެހި ނަމަ އަހަރުމެންގެ ދުވަސް ދިޔައީހޭ،" ތައްހާނު، 55، އެ ދުވަހުގެ ހާދިސާ ހިއްސާ ކުރަމުން ކިޔައިދިނެވެ.

އެ ދުވަހު "ޓޫނާ" ދޯންޏަށް ބަޑިޖެހީ "ސްރީ ކްރިޝްނާ" ނަމަކަށް ކިޔާ އިންޑިއާގެ މަސް ބޯޓަކުންނެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭގައި ތިބީ ސްރީ ލަންކާގެ ސަރުކާރާ ވަކިވެގަތުމަށް އެއިރު މަސައްކަތް ކުރަމުންދިޔަ ތަމަޅަ ޓައިގަރުންގެ "ސީ ޓައިގާސް" އެވެ. އެމީހުން މަސައްކަތް ކުރީ ޓައިގަރުންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ކަމަށްވެ އެވެ.

ދިވެހިން ސިފައިން ކޯސްޓްގާޑުގެ "ހުރަވީ" ގައި ނުކުމެ އެ ބޯޓު ހިފުމަށް މަސައްކަތްކޮށް، ވަރުގަދަ 12 ގަޑިއިރުގެ ކުރިމަތިލުމަކަށްފަހު ގއ. އަތޮޅު ކަނޑަށް އެ ބޯޓު ފައްތާލައި ފަސް މީހަކު ހައްޔަރު ކުރި އެވެ. އަދި އެމީހުންގެ އަތުން ފަހުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަމަޅަ ޓައިގަރުންގެ މާސިންގާ ބޮޑު ފްލޯޓިން ބަޑިގުދަނެއް ސްރީ ލަންކާގެ ނޭވީ ސިފައިންނަށް ހޯދުނެވެ.

މިއީ ނޮވެމްބަރު 3، 1988 އަށް ފަހު ދިވެހި ސިފައިން ބޭރުގެ ބަޔަކާ ހަމަލާ ބަދަލު ކުރި ހަމައެކަނި ފަހަރެވެ. މިއީ އެއިރު ލިޔެފައި ހުރި ހަބަރުތަކުން މައުލޫމާތު ނަގައިގެން އަދި ތައްހާނުގެ ކުރު އިންޓަވިއުއަކަށް ބިނާކޮށް އެ ހާދިސާއަށް ފުރޮޅިގެން އައި ގޮތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

އިންޑިއާގެ މަސް ބޯޓު ފޭރިގަތުން

ސްރީ ކްރިޝްނާ ރަޖިސްޓްރީކޮށްފައި އޮތީ އިންޑިއާގެ ކެރެލާގެ ކޮލަމް ކިޔާ އަވަށެއްގަ އެވެ. ރަޖިސްޓްރީ ނަމްބަރަކީ KFO 7339 ALP 2749 އެވެ. މިއީ މަސްވެރި އުޅަނދެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ގާތްގަނޑަކަށް 80 ފޫޓުގެ ބޯޓެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ބޯޓުގެ އިންޑިއާގެ ކޮލަމުން މަސްވެރިކަން ކުރަން ނައްޓާލީ ރާއްޖެ ކަނޑުން ފެނުމުގެ ދެ މަސް ކުރިން މާޗް މަހުގެ ތެރޭގަ އެވެ. ބައެއް ނޫސްތަކުން ބުނެފައި ވަނީ އެ ބޯޓު ފުރީ މާޗް 4، ގައި ކަމަށެވެ. ބައެއް ނޫސްތަކުގައި އެ ތާރީހު ކަމަށް ލިޔެފައި އޮތީ މާޗް 7، ވަނަ ދުވަހެވެ. ޔަގީންވާ އެއް ކަމަކީ ބޯޓު ފުރިއިރު އޭގައި ހަތިޔާރެއް ނެތެވެ.

ހާދިސާގެ ފަހުން އެނގުނު ގޮތުގައި ގަޑިއަކު ފަހެއް ނުވަތަ ހަ މޭލަށް ދުވާ އެ ބޯޓުގައި އިންޑިއާގެ 12 ފަޅުވެރިއަކު ތިއްބެވެ. ނަމަވެސް އެތަނުން ސައިމަން ސޯޒާ ނަމަކަށް ކިޔާ، އެ ބޯޓުގެ އިންޖިނިއަރު ފިޔަވައި ދެން ތިބި މީހުން، ބޯޓު ފޭރުނު މީހުން ކަނޑަށް އުކާލީ ކަމަށްވެ އެވެ.

އޭގެ ފަހުން ވަރަށް ގިނަ، އެކި ބާވަތްތަކުގެ ބަޑި އެ ބޯޓަށް އެރުވި ކަމަށް މަލަޔާމަން ބަހުން ވާހަކަ ދައްކާ ސައިމަން ސޯޒާ ފަހުން ކިޔައިދީފައިވެ އެވެ. އަދި މަސް ބޯޓުގެ އެހެން ފަޅުވެރިން ކަނޑަށް އުކާލުމަށްފަހު އޭނާ ބޯޓުގައި ބެހެއްޓީ އިންޖީނަށް ކަމެއް ދިމާވެއްޖެ ނަމަ އެކަން ހައްލު ކުރުމުގެ ވިސްނުމުގައި ކަމަށް ބެލެވޭ ކަމަށް ވެސް ސައިމަން ސޯޒާ ބުނެފައިވެ އެވެ.

ތައްހާނަށް އަދި ޓޫނާގެ ފަޅުވެރިންނަށް ހަނދާނުން ނުފިލާނެ ދުވަހެއް

ޓޫނާ ދޯނީގެ ކައްޕި ތައްހާނާއި އެ ބޯޓުގެ 40 ފަޅުވެރިން މެއި 17، 2007 ގައި މަސްވެރިކަން ކުރަން ދިޔައީ ލ. އަތޮޅަށެވެ. ބޭރުގެ އުޅަނދު އެންމެ ފުރަތަމަ އެ ދޯންޏަށް ފެނުނީ ހެނދުނު 7:00 ޖެހިއިރު ބާނަން ތިއްބާ ކައިރިން އަޅާފައި ދަނިކޮށެވެ. ބޯޓުގެ ފަހަތުގައި ވިންޗާއި ދާ އަޅާފައި ހުރުމުން އެއީ ބޭރުގެ މަސް ބޯޓެއްކަން އެއިރު އުމުރުން 41 އަހަރުގެ ތައްހާނު ޔަގީން ކުރި އެވެ.

"އަބަދުވެސް އެ ބޯޓު ދަތުރު ކުރަމުންދިޔައީ ހުވަދޫ ކޮޅަށް. ހަމަ ބޯޓެއް ކައިރި ކުރާއިރަށް އެހެން ދިމާލަކަށް ދުއްވަން ފަށަނީ. އެގޮތުން އެނގިއްޖެ އެއީ ވަގަށް ވަދެގެން އުޅުނު ބޯޓެއްކަން،" ވިލިނގިލީގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ތައްހާނު ބުންޏެވެ.

ސްރީ ކްރިޝްނާގެ ހަރަކާތްތައް ހުރި ގޮތުން ތައްހާނު ނިންމީ އޭގެ ފަހަތުން ދިޔުމަށެވެ. މަސް ބާނައި ނިންމައިގެން 9:00 ޖެހިތަނާ ޓޫނާ ދޯނި ނައްޓާލީ ބޭރުގެ ބޯޓު ހުއްޓުވުމުގެ ނިޔަތުގަ އެވެ. އެކަމަކު އެ ބޯޓު އެއިރު އޮތީ ފެންނަ ފަށުން އޮބާލައިފަ އެވެ. ނަމަވެސް ޓޫނާ ދޯނިން ދޫނުދީ ދުއްވުމުގެ ނަތީޖާއެއްގެ ގޮތުން މެންދުރު ކުރިން ގާތްގަނޑަކަށް 11:00 ޖަހާކަންހާއިރު ސްރީ ކްރިޝްނާ ހޯދި އެވެ. އަދި މަޑުމަޑުން ބޯޓު އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެވޭތޯ ތައްހާނުމެން މަސައްކަތް ކުރި އެވެ. އެކަމަކު ދެންވީ ޓޫނާ ދޯނީގެ އެކަކު ވެސް ހިތަށް އެރި ކަމެއް ނޫނެވެ.

"އަޅުގަނޑުމެން އެ ބޯޓަށް ފާރަލަމުން، އަތްދަށުކުރަމުން، އަތްދަށުކުރަމުން އަޅުގަނޑުމެން އުޅުނީ އަސްލު އެ ބޯޓަށް އަރަން. ދެން އެ ބޯޓު މަޑު ނުކުރީމަ އޭގެ ކުރިމައްޗަށް ދެ ސެޓު ވާ އެޅީ. ގާތްގަނޑަކަށް 500 މީޓަރުގެ ވާ އެޅިން. ވާ އަޅާފަ އަޅުގަނޑުމެން ފަހަތަށް ޖެހުނު ވަގުތު، ތަންތަނުގައި ފާރައަަށް ތިބޭއިރު ގެންގުޅޭ ކަހަލަ ބޮޑު ބަޑިތަކެއް ހިފައިގެން ބަޔަކު ނުކުތީ. ފުރަތަމަ ޖެހީ ވަލަށް. ދެން އަޅުގަނޑުމެންނާ ދިމާލަށް ޖަހަން ފެށީ،" އެ ބިރުވެރި ވަގުތުގެ ކަންތައް ހިނގި ގޮތް ކިޔައިދެމުން ތައްހާނު ބުންޏެވެ.

ޓޫނާ ދޯންޏާ ދިމާލަށް ޖެހި ބަޑީގެ ވަޒަންތައް އެރީ ލޮނަށް އަދި މައްޗަށެވެ. ބަޑިޖެހުމާއެކު މިއީ އާދައިގެ ދޯންޏެއް ނޫންކަން ވިސްނި، ޓޫނާ ދޯނި ފަހަތަށްޖެހި ވިލިނގިލީގައި ހުންނަ ގއ. އަތޮޅު އޮފީހަށް ގުޅައި ހާދިސާގެ މައުލޫމާތު ދިނެވެ. އޭގެ ފަހުން ޓޫނާ ވެސް ދުއްވީ ރަށަށް ދިޔުމަށެވެ. އެކަމަކު، ބަޑިޖެހި ބޯޓު ފިލައިގެން ގޮސްފާނެތީ އަނެއްކާ ވެސް ބިރު ކަނޑާލާފައި ބޭރު ބޯޓު ފެންނަ ފަށުގައި ތިބީ އެވެ.

ބޭރުގެ ބޯޓަކުން ރާއްޖޭ ކަނޑުގައި ހަތިޔާރާއެކު ހަރަކާތްތެރިވާކަން ޓޫނާ ދޯނިން ސަރުކާރަށް އެންގުމާއެކު ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ދިޔަ އެވެ. އަދި ވަގުތުން ސިފައިންނަށް ވެސް އެކަން އެންގި އެވެ. ސިފައިން ފުރަތަމަ ވެސް ފޮނުވީ ހުރަވީ އެވެ.

ހުރަވީ ނުކުމެ ބޯޓު ފައްތާލުން

ވެރިކަން ކުރާ މާލެއިން ނައްޓާލައިގެން ބޭރުގެ ބޯޓު އޮތް ސަރަހައްދަށް އެމްސީޖީއެސް ހުރަވީއަށް ދެވުނީ ހަވީރު 4:30 ހާއިރެވެ. ހުރަވީ، ސްރީ ކްރިޝްނާއާ ގާތް ކުރިއިރު އެ ބޯޓުގައި ހުރި ހަތިޔާރުގެ އަދަދަށް ނުވަތަ ބާވަތްތަކެއް ސިފައިންނަކަށް ނޭނގެ އެވެ. އަދި އޭގައި ތިބި މީހުންގެ އަދަދާއި އެ މީހުން ސިފައިންނާ ކުރިމަތިލާނެކަން ނުވަތަ ނޫންކަން ވެސް ނޭނގެ އެވެ. އެކަމަކު ދިވެހި ސިފައިންނަށް އެމީހުންގެ ގާބިލްކަމާމެދު ޔަގީންކަން އޮތެވެ.

ދިވެހި އަސްކަރީއަށް ހުރަވީ ބޯޓު ލިބުނީ އޭގެ އަހަރެއްހާ ދުވަސް ކުރިން އޭޕްރީލް 16، 2006 ގަ އެވެ. ހުރަވީއަކީ އިންޑިއާގެ ކަނޑުގެ ސިފައިން ދިވެހިރާއްޖެއަށް ހަދިޔާ ކުރި 150 ފޫޓުގެ ބޮޑު މަނަވަރެކެވެ. ގަޑިއަކު 30 ނޯޓިކަލް މޭލަށް ދުއްވޭ އެ މަނަވަރު އިންޑިއާގެ ކަނޑުގެ ސިފައިން ބޭނުން ކުރިއިރު ކިޔައިގެން އުޅުނު ނަމަކީ އައިއެންއެސް ޓިއްލަންޗަންގެވެ.

ހުރަވީ ތައްޔާރުކޮށްފައި ވަނީ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ހާއްސަ އުޅަނދެއްގެ ގޮތުގަ އެވެ. އިންޑިއާގެ ކަނޑުގެ ސިފައިން އެ ބޯޓު ދުއްވަން ފެށީ މާޗް، 17، 2001 ގަ އެވެ. ހުރަވީ ހެދީ ގާޑަން ރިސާޗް ޝިޕްބިލްޑާސް އެންޑް އިންޖިނިއާސް ނަމަކަށް ކިޔާ އެ ގައުމުގެ ކަލްކަތާއަށް ނިސްބަތްވާ ތަޖުރިބާކާރު ކުންފުންޏަކުންނެވެ.

ހުރަވީގައި ހަރުކޮށްފައި ހުންނަނީ ސީއާރްއެން 91 މަރުކާގެ ބަޑިއެކެވެ. މިއީ މެޑަކް 30 އެމްއެމް އޮޓޮމެޓިކް ބަޑީގެ ކަނޑުމަތީ ވައްތަރެވެ. މެޑަކް 30 އެމްއެމް އޮޓޮމެޓިކް ބަޑިއަކީ ރަޝިޔާގެ ބަޑިއަކަށް ބަލައިގެން އިންޑިއާއިން ޑިޒައިންކޮށް އުފެއްދި ބަޑިއެކެވެ.

ރިމޯޓުކޮށް ވެސް ކޮންޓްރޯލް ކުރެވޭ ސީއާރްއެން 91 ބަޑިއަކީ ޖައިރޯ ސްޓެބިލައިޒްޑް ބަޑިއެކެވެ. މާނައަކީ ކަނޑުމަތީގެ ރާޅުތަކާއެކު ބޯޓު ފުރޮޅުނު ނަމަވެސް ބަޑި އިންނާނީ ސްޓޭބަލްކޮށެވެ. އޭގެ އިތުރުން ބަޑީގައި އިލެކްޓްރޯ އޮޕްޓިކް ފަޔާ ކޮންޓްރޯލް ސިސްޓަމެއް ވެސް އިނދެ އެވެ. އޭގެ ސަބަބުން އަމާޒަށް ބަޑިޖެހުން ފަސޭހަވުމާއި ބޯޓު ދުއްވަނިކޮށް ބަޑިޖަހަން ފަސޭހަވެ އަދި ރޭގަނޑު ވެސް މައްސަލައެއް ނެތި އަމާޒަށް ބަޑިޖަހަން ފަސޭހަކޮށްދެ އެވެ.

ހުރަވީގައި ސިފައިން ނުކުމެ ސްރީ ކްރިޝްނާ ބޯޓާ ކުރިއިރު އިރު އޮއްސިއްޖެ އެވެ. މަނަވަރު އައިސް އެމީހުންގެ ފުރަތަމަ އިންޒާރު ދިނުމާއެކު އެ ބޯޓުގެ އިންޖިނިއަރު ސައިމަން ސޯޒާ ކަނޑަށް ފުއްމާލި އެވެ. ކޯސްޓު ގާޑުން އޭނާ ނަގަން ފޮނުވީ މަނަވަރުގެ ޑިންގީއެކެވެ.

"މި ބޯޓަކީ ނުރައްކާތެރި އެއްޗެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވިއްޖެ. މި ބޯޓުން ވައިގެ ތެރެއަށާއި ލޮނުގަނޑުގެ ތެރެއަށް ބަޑިޖެހިކަން މަސްވެރިން ވެސް ޔަގީން ކޮށްދީފި. އެހެންވެ އަޅުގަނޑުމެން މިއާ ޑީލްކުރަން ޖެހޭނީ އާންމު މަސް ބޯޓެއްގެ ގޮތުގައެއް ނޫން،" އެ ވަގުތު ހިނގަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓްގާޑުގެ ޑިރެކްޓާ ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

މަނަވަރު ހުރަވީ އެ ބޯޓު ކައިރީގައި އޮތް ނަމަވެސް އަދި އޭގެ އިންޖިނިއަރު ކަނޑަށް ފުންމާލުމުން ވެސް އޭގައި ތިބި މީހުން އަމާން ދޭން ބޭނުމެއް ނުވި އެވެ. އެއިރު ސިފައިން ދިޔައީ ވަކި މިސްރާބަކަށް އެ ބޯޓު ޖައްސުވަމުންނެވެ. ސިފައިން ބޭނުންވީ ރާއްޖޭގެ ރަށްތަކާ ވީހާ ވެސް ދުރަކަށް ސްރީ ކްރިޝްނާ ގެންދާށެވެ. އޮޅިގެން ނަމަވެސް ބަޑިއެއްގެ ވަޒަނެއް ރަށަކަށް އެރުމަކީ ދިވެހި ސަރުކާރު އެ ވަގުތު އެންމެ ހިތްނޭދުނު ކަންތަކެވެ.

"އަޅުގަނޑުމެން އައީ މި ބޯޓާ މެދު ވަރަށް ބޮޑަށް ސަމާލުވަމުން. އެ ސަމާލުކަން މަތީގައި، އަޅުގަނޑުމެން އެ ބޯޓާ ކައިރިކުރަމުން ދަނިކޮށް ފެނުނީ ބޯޓުން މީހަކު ފުންމާލިތަން. އެހެންވެ އިތުރަށް އަޅުގަނޑުމެން ސަމާލުވާން ޖެހުނީ. ހުރަވީގެ ޑިންގީން ގޮސް އޭނަ [ބޯޓުން ފުންމާލި މީހާ] ނެގީ. ހުރަވީ އަށް އެ މީހާ ގެނެސް، މި ދިމާވި ކަންކަމާ ގުޅޭ ގޮތުން އޭނާގެ ފަރާތުން މައުލޫމާތު ސާފުކުރަމުން މިދަނީ،" ބޯޓާ ސިފައިން ކައިރިވުމުން ކަންތައްވީ ގޮތް ނޫސްވެރިންނަށް ކިޔައިދެމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

އެއްވެސް ވަރަކަށް ހަމަލާ ބަދަލުނުކޮށް ބޯޓު ސިފައިން ކޮންޓްރޯލްގެ ދަށަށް ގެނެވޭތޯ ސަރުކާރުން މަސައްކަތް ކުރި އެވެ. އަދި ވަރަށް ގިނައިރުތަކެއްވަންދެން ކަނޑުމަތީގައި އެ ބޯޓު ފައްތާނުލައި ބެހެއްޓި އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު މެއި 18، 2007 ގައި ސްރީ ކްރިޝްނާގައި ތިބި ފަޅުވެރިން އެ ބޯޓުގައި ގަސްދުގައި ރޯކޮށްލައިފި އެވެ. އެހައި ހިސާބުން ސިފައިން ނިންމީ ބަޑިޖަހައި ބޯޓު ފައްތާލުމަށެވެ. އެ ހާދިސާއަށްފަހު، ބޯޓުން ކުރިން ފުއްމާލި މީހުންނާއެކު ޖުމްލަ ފަސް މީހަކު ސިފައިން ހައްޔަރު ކުރި އެވެ.

"ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެ ފަސް މީހުން މިހާރު ވަނީ ހަވާލުކޮށްފައި. ދެން އަޅުގަނޑުމެން ކޯސްޓްގާޑުން އެ މައްސަލައިގެ ތެރެއަކަށް ނުވަންނާނެ. މީޑިއާ އަށް ދެން މައުލޫމާތު ދެއްވާނީ ވެސް އެ ބޭފުޅުން،" ސިފައިންގެ މިޝަން ނިންމާލުމަށްފަހު ކާނަލް ޒަކަރިއްޔާ މަންސޫރު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ދިވެހި ސިފައިން ޖެހި ބަޑީގެ ހަމަލާތަކުގައި ފަސް މީހަކު ހައްޔަރު ކުރުމުގެ އިތުރުން ހަތަރު މީހަކު މަރުވި ކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި އޮތެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކު މަރުނުވާ ކަމަށް ދިވެހި ސަރުކާރުން އެއިރު އޮތީ ޔަގީންކަން ދީފަ އެވެ.

ތަމަޅައިންގެ ބޮޑު ބަޑި ގުދަނެއް ކަނޑުމަތިން ހޯދުން

ސްރީ ކްރިޝްނާ ރާއްޖޭ ކަނޑުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާ ކަމަށް އެނގުމާއެކު ދިވެހި ސަރުކާރުން އެކަން އަވައްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ ސަރުކާރުތަކަށް އެންގި އެވެ. ސްރީ ލަންކާއިން އެ ދުވަސްވަރު ދިޔައީ ތަމަޅަ ޓައިގަރުން ހަތިޔާރު އެތެރެ ކުރުމަށް ބޭނުން ކުރަމުންދިޔަ މިފަދަ އެތައް ބޯޓުތަކެއް ފައްތަމުންނެވެ.

ބޯޓުގައި ތިބި ފަސް މީހުން ހައްޔަރު ކުރުމާއެކު އެމީހުންގެ ތަހުގީގުގައި ބައިވެރިވުމަށް ލަންކާ އާއި އިންޑިއާއިން އެދުނެވެ. މިއީ މުޅިން ދިވެހިންގެ އެކަނި މައްސަލައަކަށްނުވުމުން ސަރުކާރުން ނިންމީ އެ ތަހުގީގުގައި ދިވެހިންނާއެކު އެ ދެ ގައުމުގެ ސިފައިން ވެސް ބައިވެރިކުރުމަށެވެ.

"ހައްޔަރުކުރި ފަސް މީހުންނާ ސުވާލުކުރުމަށް އިންޑިޔާ އާއި ސްރީލަންކާގައި ވަނީ އެދިފައި. އެއީ އެ ދެ ގައުމާ މި ބޯޓާއި ބޯޓުގައި ތިބި މީހުންނާ ގުޅުން ހުރުމުން. އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ވެސް މި ބޯޓަކީ އިންޑިޔާއިން ގެއްލިގެން ރިޕޯޓްކޮށްފައިވާ ބޯޓެއް. އަނެއްކާ މި މީހުން މަސައްކަތްކުރި ކަމަށް މި ބެލެވެނީ ލަންކާއަށް ވަގަށް ހަތިޔާރު އެތެރެކުރުމަށް،" ރާއްޖޭގެ އެއިރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެއިރު ވިދާޅުވި އެވެ. "ބޮޑަށް ބެލެވެނީ މި ތަހުގީގު ކުރިއަށްދާނީ ރާއްޖޭގެ ލޯ އެންފޯސްމަންޓުގެ ޓީމަކާއި އިންޑިޔާ އާއި ލަންކާގެ ލޯ އެންފޯސްމަންޓް ޓީމަކާ ގުޅިގެން ކަމަށް."

ރާއްޖޭގައި ހައްޔަރުވި މީހުންނާއެކު ތިން ގައުމުގެ ޖޮއިންޓު ތަހުގީގު ވަރަށް ބާރަށް ކުރިއަށްދިޔަ އެވެ. އަދި ފަސް މަސް ދުވަހުގެ ތެރޭގައި، ހައްޔަރުކޮށްފައި ތިބި މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތަމަޅަ ޓައިގަރުންގެ ފްލޯޓިން ބަޑިގުދަންތަކެއް ހައި ސީސް ނުވަތަ ގައުމަކަށް ނިސްބަތްނުވާ ކަނޑުން ހޯދައި އެ ތަކެތި ނައްތާލި އެވެ. އޭގެ ފަހުން ސެޕްޓެމްބަރު 11، 2007 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްރީ ލަންކާގެ އެއިރުގެ ކަނޑުގެ ސިފައިން ޗީފް ވައިސް އެޑްމިރަލް ވަސަންތަ ކަރަންނަގޮޑާ ވިދާޅުވީ ހަތިޔާރު ރައްކާ ކުރުމަށް ތަމަޅައިން ބޭނުން ކުރި 74 ފޫޓުގެ ތިން ފްލޯޓިން ގުދަން ހޯދައި ނައްތާލާފައިވާ ކަމަށެވެ.

ތަމަޅައިގެން ބަޑިގުދަންތައް ހޯދި މިޝަން ކުރިއަށް ގެންދިޔައީ ސްރީ ލަންކާގެ ކަނޑުގެ ސިފައިންނެވެ. އެ ގައުމުގެ ސިފައިން ހަތިޔާރުތައް ހޯދަން ނުކުތީ ތިން މަނަވަރާއި މާސިންގާހާ ބާޖަކާއި ޕެޓްރޯލް އެޅުމަށް ބޭނުންވާ ކުޑަ ދެ އުޅަނދެއްގަ އެވެ. އޭގެ އިތުރުން ދިވެހި ސިފައިންގެ ބެލުމުގެ ދަށުގައި ހުރި ހަތަރު މީހުން ވެސް ލަންކާ ސިފައިން އެ މިޝަނަށް ގެންދިޔަ އެވެ.

ރާއްޖޭގެ ކަނޑުން ސްރީ ކްރިޝްނާ ފައްތާލައި މީހުން ހައްޔަރު ކުރުމުން އޭގެން ކުރި ފަޅައިގެން ވަރަށް ގިނަ ކަންކަން ހޯދައި، ތަމަޅައިން ކުރަމުންދިޔަ ހަނގުރާމަ ނިކަމެތިކޮށްލުމަށް ވަރަށް ބޮޑަށް އެހީއަކަށްވި އެވެ. ހާއްސަކޮށް، އިންޑިއާ ކަނޑުން އެ ގައުމުގެ މަސް ބޯޓުތައް ހިފައި އެ ބޭނުންކޮށްގެން ތަމަޅައިންނަށް ހަތިޔާރު ފޯރުކޮށްދޭކަން ޔަގީންވި އެވެ. އަދި މިޝަނުން ހޯދުނު ހޯދުންތަކުގެ ސަބަބުން ތަމަޅައިން ހަތިޔާރު ރައްކާ ކުރާ ގޮތާއި އެމީހުންގެ އަތުގައި އެވަގުތު ހުރި ހަތިޔާރުގެ އަދަދާއި ބާކީ ހުރި މިންވަރު ވަޒަންކޮށްލަން ވެސް އެނގުނެވެ.

ތައްހާނަށް ރައީސް މައުމޫނުގެ ޝުކުރު

ސްރީ ކްރިޝްނާއަށް ފާރަލަމުން އެ ދުވަހު ތައްހާނާއި ޓޫނާ ދޯނި ދިޔުމުން ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިތުރުން އަވައްޓެރި ގައުމުތަކަށް ވެސް ބޮޑު ފައިދާއެއްވެއްޖެ އެވެ. ތައްހާނު ބުނީ އެ ދުވަހު އޭނާ މަސައްކަތް ކުރީ މަސްވެރިއެއްގެ ގޮތުގައި ނޫން ކަމަށާއި އެ ދުވަހު މަސައްކަތް ކުރީ ގައުމުގެ ދިފާއުގައި ނުކުތް ދިވެއްސެއްގެ ހައިސިއްޔަތުން ކަމަށެވެ.

އެ ހާދިސާގެ ފަހުން ވަރަށް ގިނަ ބައެއްގެ ތައުރީފު ތައްހާނާއި ޓޫނާ ދޯންޏަށް ލިބުނެވެ. އެ ދުވަހު ތައްހާނުމެން ކުރި މަސައްކަތުގެ އަގު ވަޒަން ކުރާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. އެގޮތުން ސްރީ ކްރިޝްނާ ބޯޓު ހުއްޓުވަން ތައްހާނުމެން އެޅި ދެ ސެޓު ވާ އަނބުރާ ދޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް އެކަން ނުވެ އޮއްވައި، ރައީސް މައުމޫން އަބްދުލްގައްޔޫމާ ހުކުރު ނަމާދުން ދިމާވި އެވެ. ތައްހާނަކީ ކާކުކަން އޮޅުންފިލުވައިދިނުމުން ހަމަ އެ ވަގުތު އޭނާގެ ތަފްސީލު ނޯޓު ކުރުމަށް އެންގި އެވެ. އަދި އިސްލާމީ މަރުކަޒުން ސަލްޓަން ޕާކާ ހަމައަށް ނުދެވެނީސް އެ ދުވަހު ހަވީރު މައުމޫންއާ ބައްދަލު ކުރެއްވުމަށް ތައްހާނަށް ދައުވަތު ލިބުނެވެ.

"ރައީސް އޮފީހުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ފުލުހަކު ވެސް ސިފައިންގެ މީހަކު ވެސް ދިމާނުވެއޭ ތިހާ ހިތްވަރުކޮށްލި މީހަކާ. ފަހުން އަތޮޅު އޮފީސް އެކައުންޓަށް ދޮޅު ލައްކަ ރުފިޔާ ފޮނުވައި އަޅުގަނޑުމެންނާ ހަވާލު ކުރީ،" ވާހަކަ ނިންމާލަމުން ތައްހާނު ބުނެލި އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox