ހައްލު ހޯދައިދޭން ތިބި މީހުން ވެސް ކުރަނީ ޝަކުވާ!

ހައްލު ހޯދައިދޭން ތިބި މީހުން ވެސް ކުރަނީ ޝަކުވާ!

މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ދިނުމަށް ނިންމައި، އެކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ސަރުކާރުން ކުރި އިއުލާނުގެ އަޑާއެކު އެއަށްވުރެ ގަދައަށް ގުގުމާލީ ކަންބޮޑުވުމާއި ޝަކުވާގެ އަޑެވެ. މީސްމީޑިއާގައި ފަތުއަޑުކިޔާފައި ކުރިއަށް އެދަނީ އެއްކަލަ ޒަމާންވީ، މާލެ-ރާއްޖެތެރޭ ބަހުސެވެ. ޖަޒުބާތުގައި އެކަކު ދޫކޮށްލާ ވިހަގަދަ ބަސްތައް އަމާޒުވަނީ ސީދާ އަނެކާގެ ހިތަށެވެ.

ރާއްޖެތެރޭ މީހުން މާލޭގައި ދިރިއުޅެން "މަޖުބޫރުވި" ސަބަބުތަކުގެ މައްޗަށް ކުރަމުން ގެންދަނީ ހޫނުގަދަ ބަހުސެކެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ތަޖުރިބާ އާއި އެ މީހެއްގެ ހިޔާލާއި ދެކޭ ގޮތް ހާމަކޮށް މައްސަލައިގެ ކަންބޮޑުވުން ހިއްސާކުރަމުން ގެންދަނީ އެވެ. "ރެއިސްއާރުޓީ" އަދި "ލޭންޑްގްރޭބް" ފަދަ ހޭޝްޓެގުތައް އިސާހިތަކު ވައިގައި ހިފައިފި އެވެ.

މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކެވެ. ދައުލަތާއި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމާއި ހިންގުމާއި ތަންފީޒުކުރުމުގައި ބަސްބުނުމާއި ބައިވެރިވުމުގެ އެއްވެސް ފުރުސަތެއް ނެތް އާންމު ރައްޔިތުންނެވެ. އެ މީހުން ސޯޝަލް މީޑިއާގައި އެ ދައްކާ ވާހަކަތަކަކީ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރާ މީހުންނަށް ކުރާ އާދޭސްތަކެވެ.

އެ މީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އެ ބަންޑުންކޮށްލަނީ ހައްލެއް ހޯދައިދޭނޭކަމުގެ އުއްމީދުގަ އެވެ. ޓުވީޓުތަކާއި ފޭސްބުކް ސްޓޭޓަސްތައް އެ އަމާޒުކުރަނީ އެމީހުން ސޯޝަލް މީޑިއާގައި ފާޅުކުރާ ކަންބޮޑުވުންތައް ހިފައިގެން ހައްލަކާ ދިމާލަށް ދަތުރުކުރެވޭނޭ ފަދަ މީހުންނަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށެވެ. އޭގެ ތެރެއިން ވެސް، ގާނޫނުތަކުގައި ކަންއޮތްގޮތް އެނގޭ ބޭފުޅުންނަށެވެ.

ދެންވީ ގޮތް ބައްލަވާށެވެ. އެ ޓުވީޓުތައް އަމާޒުވި ބޭފުޅުން ކޮށްދެއްވި ކަމަކީ އެއްކަލަ ޓުވީޓުތައް ފުލުފުލުގައި ރީޓުވީޓު ކޮށްލެއްވުމެވެ. ރެއިސްއާރުޓީ އަދި ލޭންޑްގްރޭބް ފަދަ ހޭޝްޓެގުތަކާއެކު އަމިއްލަފުޅަށް ވެސް ޓުވީޓުތައް ކުރައްވަނީ އެވެ. ހިތްޕުޅަށް ފިނިކަން އެ ހޯއްދަވަނީ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ގިލަންވެރިކަމުގެ އަލިފާނަށް ދަރުއަޅައި ކުރައްވާ ޓުވީޓުތަކަށް ލިބޭ ރީޓުވީޓުގެ އަދަދުންނެވެ.

ރައްޔިތުންގެ މަންދޫބުންގެ ފަރާތުން މި ސިފަ ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ތިމާވެށި ހިމާޔަތްކުރުމާއި މާލޭގެ ޓްރެފިކް މައްސަލަ އާއި ދައުލަތުގެ އެކި ސިޔާސަތުތަކާ ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް ޓުވީޓުކުރައްވަނީ މަދެއް ކޮށެއް ނޫނެވެ. ރައްޔިތުން އިންތިހާބުކޮށްފައި ހުރި މެންބަރެއްގެ ހައިސިއްޔަތުން ކޮށްދޭންވީ ކަމަކީ ޓުވީޓުކުރެއްވުން ކަމަށް އެ ބޭފުޅުންނަށް ގަބޫލު ކުރެއްވެނީ ކަމަށް ވެދާނެ އެވެ. އެކަމަކު އެއަށް ވުރެ މާ ރަނގަޅު، މާ ގިނަ ކަންތައްތައް ކުރެއްވުމުގެ ބާރާއި ފުރުސަތު، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އެ ބޭފުޅުންނަށް ލިބިވަޑައިގެންވެ އެވެ. ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށެވެ.

ކަންބޮޑުވުން އޮތީ ދައުލަތުގެ ސިޔާސަތެއް އެކަށައެޅި ގޮތަކާމެދުގައި ނަމަ އެ ސިޔާސަތެއް ތަންފީޒުކުރާ ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެއް ވިދާނެ އެވެ. ޓުވީޓު ކުރައްވާ މެންބަރުންނަށް ކުރައްވަން އުނދަގޫވެވަޑައިގަންނަވަނީ ވަޒީރު ހާރިޒުކޮށް ސުވާލުކުރައްވާށެވެ. ކުރައްވަން އެދިވަޑައިގަންނަވާ ސުވާލުތަކުގެ އިބާރާތްކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހިވަޑައިގަންނަވާތީ ކަމަށް ވެދާނެ އެވެ. ޓްވީޓްކުރުން އެއަށް ވުރެ މާ ފަސޭހަ އެވެ.

ސަރުކާރުން ވަކި ސިޔާސަތެއް ހިންގަނީ ގާނޫނެއް އޮތްގޮތުގެ ސަބަބުން ކަމަށްވާ ނަމަ އެ ސިޔާސަތު ބަދަލުކުރުމަށް ގާނޫނު ބަދަލުކުރަން ހުށަހެޅުއްވި ދާނެ އެވެ. އޭގެ ފަހުން، އެ ހުށަހެޅުމަށް ތާއީދު ހޯއްދަވަން ރައްޔިތުންގެ މަންދޫބުންނަށް ބާރު އެޅުމަށް ރައްޔިތުންގެ އެހީތެރި ކަމަށް އެދިވަޑައިގެން ޓުވީޓުކުރެއްވިދާނެ އެވެ. ޓީވީ ޕްރޮގްރާމްތަކާއި ނޫސްތައް މެދުވެރިކޮށް އެ ބަދަލެއް ޕްރޮމޯޓުކުރެއްވިދާނެ އެވެ.

އެކަމަކު މިއީވެސް ލައްކަ ގިނަ ވަގުތާއި މަސައްކަތެވެ. އޭގެ އިތުރުން ވެސް، ގާނޫނަށް ގެންނަން ޖެހޭ ބަދަލުގެ ދެލިކޮޕީއެއް ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެ ޑްރާފްޓް މަޖިލީހަށް ހުށަހެޅުއްވުމުގެ އިދާރީ ބުރަ ވެސް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ އެވެ. ކަމުނުދިޔަ ގާނޫނު އޮތް ގޮތް ބައްލަވަން އެ ގާނޫނު ވިދާޅުވާން ވެސް ޖެހިވަޑައިގަންނަވާނެ އެވެ. ނަމަވެސް އެއަށްވުރެ ފަސޭހައީ ޓްވީޓެއް ކޮށްލެއްވުމެވެ.

ދައުލަތުގެ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމަށް ދެކެވަޑައިގަންނަވާ ނަމަ އެ ސިޔާސަތެއް ތަންފީޒުކުރުން ހުއްޓުވަން ކޯޓަށް ހުށަހެޅުއްވިދާނެ އެވެ. ކޯޓުން އެކަމުގައި ނިޔާއެއް ކަނޑައަޅާނެ އެވެ. އެހެން ނަމަވެސް ކޯޓަށް މައްސަލައެއް ހުށަހެޅުމަކީ ކުޑަކަމެއް ނޫނެވެ. ދައުވާ ހުށަހަޅާ ފޯމު ތައްޔާރުކުރަންޖެހެ އެވެ. ދައުވާ ބިނާކުރާ ގާނޫނީ އަސާސްތައް ހޯއްދަވައިި ދިރާސާކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ބަޔަކު ކުރާ ޝަކުވާ އާއި ހާސަރުގައި ދައުވާއެއްގެ ސިފަ ޖެއްސޭނީ ލައްކަ ބޮޑު ދިރާސާއެއް ކުރައްވައިގެންނެވެ. އެއީ ވަގުތާއި ހުނަރު ބޭނުންވާނެ ކަމެކެވެ. އެހެންވީމާ މިއަށް ވުރެ ވެސް ފަސޭހަވެވަޑައިގަންނަވާނީ ހަމަ ޓްވީޓް ކުރެެއްވުމެވެ.

މިއިން އެންމެ ކަމެއްވެސް ކުރެއްވޭނީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު "އިއްޒަތްތެރި" މެމްބަރުން ބައްލަވައިލައްވައިގެންނެވެ. ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ އިހުލާސްތެރިކަމާއި މަސައްކަތުގެ އަހުލާގު ވެސް ހުރެގެންނެވެ. މިއިން ކަމެއް ނެތް ނަމަ ތިޔަ ކުރައްވާ މަސައްކަތް ހަމަ ރަނގަޅެވެ. ޓްވީޓްކުރައްވަމުން ގެންދަވާށެވެ. ލައިކް ދެއްވައި ރިޓްވީޓް ވެސް ކުރައްވާށެވެ.

އެކަމަކު އެ ޓްވީޓްތަކާއި ރިޓްވީޓްތައް ރައްދުވާ މައްސަލަތަކަށް އެކަމުން ކުރާނެ އެއްވެސް އަސަރެއް ނެތެވެ. ސަރުކާރުތަކުން ކަނޑައަޅާ އުސޫލުތައް ޓްވީޓަކާ ހެދި ބަދަލެއް ނުވާނެ އެވެ. ޓްވީޓަކުން ގާނޫނެއް ވެސް ބަދަލެއް ނުވާނެ އެވެ. ޓްވީޓްތައް ގިނަވެގެން ގަވާއިދެއް ބަދަލެއް ވެސް ނުވާނެ އެވެ. އެހެންވީމާ މެމްބަރުން އެބައެއްގެ ހައްގުގައި މަސައްކަތްކުރަން ޖެހޭ، ދާއިރާ ރައްޔިތުންނަށް ކުރާނެ އަސަރެއް ނެތެވެ. މެމްބަރުން ޓްވީޓް ކުރެއްވިޔަސް އަދި ރިޓްވީޓް ކުރެއްވިޔަސް، ރައްޔިތުންގެ ޝަކުވާ އަދިވެސް އެގޮތުގައި ދެމި އެބަ އޮތެވެ. އެހެނީ އެ މެމްބަރުންނަކީ ހަގީގަތުގައި އެ ޝަކުވާ އަޑުއައްސަވަން ޖެހިވަޑައިގަންނަވާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ މަސްއޫލިއްޔަތަކީ ޝަކުވާ ކުރެއްވުމެއް ނޫނެވެ. ޓްވީޓްކުރެއްވުމެއް އަދި ރިޓްވީޓް ކުރެއްވުމެއް ވެސް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox