އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީގެ ދަތުރާ ގުޅިގެން ޗައިނާއިން ޓައިވާން ވަށައި ފެށި އަސްކަރީ ތަމްރީންތައް ނިންމާލައިފި އެވެ.
ޗައިނާގެ އަސްކަރިއްޔާއިން ބުނީ ކަނޑާއި ވައިގެ މަގުން ކުރިއަަށް ގެންދިޔަ ތަމްރީންތައް ވަރަށް ކާމިޔާބު ކަމަށާއި ޓައިވާން ސަރަހައްދު ޕެޓްރޯލް ކުރަމުން ދާނެ ކަމަށެވެ.
ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެއް ކަމަށެވެ. އެކަަމަކު ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ.

ޓައިވާނުން ތުހުމަތު ކުރަނީ ޗައިނާގެ ތަަމްރީންގެ ބޭނުމަކީ ޓައިވާން ހިފަން ހިންގާނެ އޮޕަރޭޝަނެއްގެ ރިހާސަލް ބޭއްވުން ކަމަށެވެ.
ޕެލޯސީއަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޓައިވާނަށް ދަތުރު ކުރެއްވި އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ. ޗައިނާއިން ވަނީ އެ ދަތުރު ކުށްވެރިކޮށްފަ އެވެ.
އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ.
ނަަމަވެސް އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކަ އެވެ. އެއީ ޗައިނާގެ ހަމަލާއަކުން ދިފާއުވުމުގެ ހައްގު ދިނުމަށް ކަމަށް ބުނެ އެވެ.










