ބާސެލޯނާ (އޮގަސްޓް 10) - ސްޕެނިޝް ލީގުގެ އާ ސީޒަން ކުރިއަށް އޮތް ހަފުތާ ބަންދުގައި ފަށާނެ އެވެ. އާ ސީޒަނަށް އެންމެ ސްކޮޑް ވަރުގަދަކުރި ޓީމަކީ ބާސެލޯނާ އެވެ. ބާސެލޯނާ އަށް ރަނގަޅު ކުޅުންތެރިންތަކެއް ގެނެސް، ރަނގަޅު ސްކޮޑެއް އެކުލަވާލި ނަމަވެސް، ލީގު ފެށެން ވަގުތު ކުޑަތަންވެފައިވާއިރު، މި ކުޅުންތެރިން އަދި ސްކޮޑުގައި ރަޖިސްޓްރީ ނުކުރެވެ އެވެ.
މި ފަހުން މާލީ މައްސަލަތަކާ ކުރިމަތިވި ބާސެލޯނާ އަށް މި ކުޅުންތެރިން ރަޖިސްޓްރީ ކުރެވެން އޮތީ ލަ ލީގާގެ ހަރުކަށި ފައިނޭންޝަލް ގަވައިދަށް ފެތިގެނެވެ.
މާލީ މައްސަލަތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް، ޓްރާންސްފާ ބާޒަރުގައި ބާސެލޯނާ ފެނުނީ ވަރަށް ހަރަކާތްތެރިކޮށެވެ. ބަޔާން މިއުނިކަށް ކުޅެމުންދިޔަ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އާއި ލީޑްސްގެ ޔުނައިޓަޑް ކުޅެމުންދިޔަ ބްރެޒިލްގެ ވިންގް، ރަފީނިއާ އަދި ސެވިއްޔާގެ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭގެ ޓްރާންސްފާ ބާސެލޯނާ އިން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، ހިލޭ ޓްރާންސްފާތަކުގައި އޭސީ މިލާނަށް ކުޅެމުންދިޔަ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އށއި ޗެލްސީގެ ޑެންމާކް ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން ވަނީ ބާސެލޯނާއާ ގުޅިފަ އެވެ.
މި ކުޅުންތެރިންގެ އިތުރުން، ކޮންޓުރެކްޓް އާކުރި ކުޅުންތެރިން ވެސް ބާސާ އަށް އަދި ރަޖިސްޓްރީއެއް ނުކުރެވެ އެެވެ. އޭގެ ތެރޭގައި އޮސްމާން ޑެމްބެލޭ ހިމެނެ އެވެ.
އެކަމަކު، ލަލީގާގެ ހަރުކަށި ފައިނޭންޝަލް ގަވައިދުތަކާ ގުޅިގެން، ބާސެލޯނާ އަށް އަދި މި ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވެ އެވެ. މައްސަލަ ހައްލުކުރުމަށް ބާސެލޯނާ އަށް ބާކީ އޮތީ ހަތަރު ވަރަކަށް ދުވަހެވެ.
މައްސަލަ އަކީ ކޮބާ؟
ފާއިތުވި އަހަރުތަކުގައި ބާސެލޯނާ އިން ކުރި ހަރަދުތަކާ ގުޅިގެން، އެ ކްލަބުގެ މާލީ ހާލަތު އޮތީ ވަރަށް ދަށްވެފަ އެވެ. ބާސެލޯނާގެ ލެޖެންޑެއް ގޮތުގައި ހުރި ލިއޮނަލް މެސީ ވެސް މިދިޔަ އަހަރު އެ ކްލަބުން ދޫކޮށްލަން މަޖުބޫރުވީ މާލީ މައްސަލަތަކުގެ ސަބަބުންނެވެ. އަދިވެސް، ބާސެލޯނާގެ މާލީ ހާލަތު ރަނގަޅެއް ނުވެ އެވެ.
ބާސެލޯނާ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ މުސާރަ އަށް ކުރާ ހޭދަ ބޮޑުވުމެވެ. ބާސެލޯނާގެ މުސާރައިގެ ހަރަދާއި، ލިބޭ އާމްދަނީއާ އަޅާބަލާއިރު، ލަލީގާގެ ގަވައިދަކަށް އެ ކްލަބު އަދި ނުފެތެ އެވެ. މުސާރަ އަށް ކުރާ ހޭދަ ކުޑަނުކޮށް، އެ ކްލަބަށް ގަވައިދަށް ފެތޭކަށް ނެތެވެ.
ބާސެލޯނާގެ ކޮންޓެންޓް އުފައްދާ ސްޓޫޑިއޯ ކަމަށްވާ "ބާސާ ސްޓޫޑިއޯސް"ގެ ހިއްސާތަަކަކާއި ޓީވީ ރައިޓްސްގެ އިތުރުން، "ސްޕޮޓިފައި"އާ އެކު ހެދި ސްޕޮންސަރޝިޕް އެއްބަސްވުމާ އެކު، އާމްދަނީ އިތުރުކޮށް، ލަ ލީގާގެ ގަވައިދަށް ހިސާބުތައް ފައްތަން އެ ކްލަބުން މަސައްކަތްކުރި އެވެ.
އެހެން ނަމަވެސް، ލަލީގާގެ އޮޑިޓުން ކުރި ދިރާސާއިގައި، މި ހުރިހާ ކަމަކުން ވެސް ބާސެލޯނާ އަށް އަދި ހިންދެމިލެވޭކަށް ނެތެވެ. އެހެންކަމުން، ބާސެލޯނާ އިން ކުޅުންތެރިންތަކެއް ދޫކޮށް، މުސާރައިގެ ހަރަދު ކުޑަކުރަންޖެހެ އެވެ. އަދި އާމްދަނީ އިތުރުކުރަން އިތުރު ކަންތައްތަކެއް ވެސް ކުރަން ވަނީ މަޖުބޫރުވެފަ އެވެ.
ބާސާ އިން ހައްލު ހޯދަން މަސައްކަތް ކުރަނީ
ރިޕޯޓްތައް ބުނާގޮތުގައި އާމްދަނީ އިތުރުކުރަން ބާސެލޯނާ އިން "ބާސާ ސްޓޫޑިއޯސް"ގެ އިތުުރު ހިއްސާ އާއި ޓީވީ ރައިޓްސްގެ އިތުރު ބައެއް ވިއްކާލުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ އާއި ކްލަބުގެ ބޯޑުން ގަބޫލްކުރަނީ މި ދެކަމުން ލިބޭ އިތުރު އާމްދަނީއާ އެކު، ލަލީގާ އިން ގަބޫލްކުރާ މިންވަރަށް އެ ކްލަބުގެ އާމްދަނީ އިތުރުވާނެ އެވެ.
މީގެ އިތުރުން، މިހާރު ތިބި ބައެއް ކުޅުންތެރިން މުސާރަ ކުޑަކޮށް، ބައެއް ކުޅުންތެރިން ދޫކޮށްލުމަށް ވެސް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ބާސެލޯނާ އަށް ކުޅެމުންދާ ޑެންމާކްގެ ފޯވަޑް މާޓިން ބްރެތުވެއިތު ދޫކޮށްލަން އެ ކްލަބުން ބޭނުންވިޔަސް، ކޮންޓުރެކްޓްގައި ބާކީ އޮތް މުއްދަތަށްވާ ފައިސާ ނުދެނީސް، ކޮންޓުރެކްޓް އުވާލަން އޭނާ ބޭނުމެއް ނުވެ އެވެ. ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓިޓީ އާއި މެމްފިސް ޑިޕާއި ދޫކޮށްލަން ބާސެލޯނާ އިން ކުރާ މަސައްކަތް ވެސް އަދި ކާމިޔާބެއްނުވެ އެވެ.
"އެ ކުޅުންތެރިންނަށް އެނގޭނެ މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ އެހެން ކްލަބަކަށް ކުޅުނުކަން،" ބާސެލޯނާގެ ރައީސް ލަޕޯޓާ ވިދާޅުވި އެވެ. "އަބަދު ވެސް އެ ކުޅުންތެރިންގެ ކޮންޓްރެކްޓަށް އިހުތިރާމްކުރަން. އެކަމަކު މިި ހަފުތާގައި މި ކުޅުންތެރިން ޖެހޭނެ ކޮންމެ ވެސް އެއްގޮތަކަށް މިކަން ނިންމަން."
ބާސެލޯނާ އިން ދަނީ އެ ޓީމުގެ އެންމެ ދުވަސްވީ ދެ ކުޅުންތެރިން ކަމަށްވާ ޖެރާޑް ޕީކޭ އާއި ސާޖިއޯ ބުސްކެޓްސްއާ މުސާރަ ކުޑަކުރުމަށް މަޝްވަރާކޮށްފަ އެވެ. ޕީކޭ މުސާރަ ކުޑަކުރަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
މީގެ އިތުރުން، ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން މުސާރަ ކުޑަކުރުމަށް ވެސް ބާސެލޯނާ އިން ބޭނުންވެ އެވެ. ސްޕެއިނުގެ މީޑިއާތަކުން ބުނާގޮތުގައި ބާސެލޯނާގެ ހުށަހެޅުމަކީ ޑި ޔޯން އެންމެ ފުރަތަމަ ބާސެލޯނާ އިން ދޭ އެއްބަސްވި މުސާރައާ އެއްގޮތަށް ކޮންޓްރެކްޓް ބަދަލުކުރުމެވެ. އެކަމަކު، ބާސެލޯނާ އިން އޭނާ އަށް ނުދީ ހުރި މުސާރަ އާއި ބޯނަސް ފައިސާގެ މައްސަލަ ހައްލުނުކޮށް، އިތުރު ލުއިއެއް ދޭން ޑި ޔޯން އާއި އެނާގެ އޭޖެންޓުން ބޭނުންނުވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
މެންޗެސްޓާ ޔުނައިޓަޑުން ޑި ޔޯން އަށް ޝައުގުވެރިވެ އެވެ. ޑި ޔޯން، 25، ގެ ޓްރާންސްފާ އަށް ޔުނައިޓަޑުން ހުށަހެޅި 63.5 މިލިއަން ޕައުންޑް (70 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ ބާސެލޯނާ އިން ވަނީ މިދިޔަ މަހު ގަބޫލުކޮށްފަ އެވެ. އެހެން ނަމަވެސް، ޓްރާންސްފާ އޮތީ މަޑުޖެހިފަ އެވެ. އޭގެ އެއް ސަބަބަކީ، ބާސެލޯނާ އިން ޑި ޔޯން އަށް ނުދީ ހުރި ފައިސާގެ މައްސަލަ އަށް ހައްލެއް ނުލިބޭތީ އެވެ.
ބާސެލޯނާ އިން އާ ސީޒަނަށް ސްކޮޑް ވަރުގަދަ ކުރިޔަސް، އެ ޓީމަށް އަދި ހިތްހަމަޖެހުމެއް ނެތެވެ. މާލީ މައްސަލަތައް ހައްލުނުކޮށް، އާ ކުޅުންތެރިން ސްކޮޑުގައި ނުޖެހޭނެ އެވެ. އެހެންކަމުން، ހަފުތާގައި ބާކީ އޮތް ދުވަސްތަކުގައި، ބާސާގެ މެނޭޖްމަންޓުން ގިނަ މަސައްކަތެއްކުރަންޖެހެ އެވެ.












