ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހަކު މިއަދު ދޫކޮށްލައިފި އެވެ.
ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތަށް ފަހު، އެދުވަހުގެ ހަރަކާތް ހިނގަމުން ދަނިކޮށް، އެކަން ހުއްޓުވަން ބަޔަކު ހުރަސް އަަޅައި ހަމަނުޖެހުން ހިންގުމުން ފުލުހުން ވަނީ އެކި ދުވަސް މަތިން 25 މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދު މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.
ޓެރަރިޒަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މާރާމާރީ އަދި މުދަލަށް ގެއްލުން ދިނުން ފަދަ ތުހުމަތުތަކުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 15 މީހެކެވެ.
މި މައްސަލާގައި ޕީޕީއެމްގެ ހަރަކާތު ޑިޕާޓްމަންޓްގެ ޗެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ދެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު ވެސް ހައްޔަރު ކުރި އެވެ. މި މީހުން ވެސް މިހާރު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލައިފަ އެވެ.














