ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހިލޭ އެހީ ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 'ބީއެމްއެލް ސްމޯލް ގްރާންޓްސް'ގެ ނަމުގައި ދެމުން އަންނަ ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ބޭންކުން ހުޅުވާލައިފި އެވެ.
ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑަކީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ކުރިއަށްގެންދާ، މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އިފްތިތާހުކުރި ހިލޭ އެހީއެކެވެ.
މި އެހީގެ ދަށުން ތިމާވެށްޓާ ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތަކަށް ބީއެމްއެލުން އެހީ ދޭނެ އެވެ.
އެގޮތުން، އެ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000ރ. ދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ފަންޑަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.

ސްމޯލް ގްރާންޓްސްއަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށް ކަމަށް ވެސް ބޭންކުން ބުނެ އެވެ.
ސްމޯލް ގްރާންޓްސް ފަންޑަށް އެދި ހުށަހަޅާ ފޯމާއި ޝަރުތުތަކާއި އެ ނޫން ވެސް މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.












