ދ. ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި ރެއިން ފެށިގެން ކުރަމުންދާ މުޒާހަރާ ހޫނުވެ، ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުންނާ ކުރިމަތިލި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ކުޑަހުވަދޫ އެއާޕޯޓް ކުރިމަތީގައި މުޒާހަރާ ކުރަމުން ދިޔަ ވަގުތު އެ ސަރަހައްދަށް ދިޔަ ފުލުހުންނަށް ހުރަސް އެޅުމުން ބާރުގެ ބޭނުން ކުރަން ޖެހުނު ކަމަށެވެ.
"މި އިހުތިޖާޖާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައި، ފުލުހުން އަދިވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން،" ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖްގައިވެ އެވެ.
ކުޑަހުވަދޫ މީހުން މުޒާހަރާ ކުރަމުން ދަނީ އެރަށުގެ ފެނަކައިގައި އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި ހުރި ފާރިހް ނަމަކަށް ކިޔާ މީހަކަށް ހާޓް އެޓޭކެއް ޖެހުމުން އެމަޖެންސީކޮށް މާލެ ގެންގޮސްދިނުމަށް އެދުމުން އެއާޕޯޓުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ.
ރެއިން ފެށިގެން އެ ރަށު އެއާޕޯޓް ސަރަހައްދުގައި ދަނީ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އަޑު އުފުލަމުންނެވެ. އަދި ރެއިން ފެށިގެން ވަނީ އެ އެއާޕޯޓުގެ ބޭރުގައި މީހުންނަށް ނުނިކުމެވޭނެހެން ޓިނުޖަހާ ބަންދުކޮށްފަ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ފުލުހުންނާއި އާންމުން ކުރިމަތިލުމެއް ހިނގާތަނެވެ. ފުލުހުންނާ ދިމާއަށް އާންމުން ވެއްޔާއި ގާ އުކަމުންދާއިރު، ފުލުހުން ވެސް ދަނީ ޝީލްޑާއި ރަޔަޓު ގިޔަރުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.
އެ ރަށުގައި ހަމަނުޖެހުން ހިނގަމުންދާއިރު މަންޓާ އެއާގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ އިއްޔެ އެކަން ހިނގައިގެން މިއަދާ ހަމައަށްވެސް އެއްވެސް ފަރާތަކުން މީހަކު ބަލިވެގެން ދަތުރުކުރަން މަންޓާއަށް ރިކުއެސްޓެއް ކޮށްފައި ނުވާ ކަމަށެވެ.
އަދި އެ ރަށު މީހުން ބަލި މީހާ ގެންގޮސްދީފައި ނުވާ ކަމަށް ބުނާ ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ.
މުޒާހަރާކުރަން ކުޑަހުވަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވާއިރު، ބަލި މީހުންނާއި، ހާލުބޮޑު ސީރިއަސް ބަލި މީހުންވެސް އުފުލޭނެ އިންތިޒާމުތައް އެއާޕޯޓުން ހަމަޖެއްސައި ނުދޭނަމަ މުޒާހަރާ ނުހުއްޓާނެ ކަމަށްވެސް ދަނީ ބުނަމުންނެވެ.













