ރިސޯޓުތަކުގައި މުވައްޒަފުންނަށް ފައިނޭންސިން ސްކީމްތަކުގައި ބައިވެރިވާން ދިމާވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ރިސޯޓުތަކަށް ހާއްސަ އުސޫލަކާއެކު "އުޖާލާ ދިރިއުޅުން" ފެސިލިޓީ މިއަދު ތައާރަފުކޮށްފި އެވެ.
އިސްލާމިކް ފައިނޭންސިންއަށް ފެތޭ އެމްއައިބީގެ މި ފައިނޭންސިން ސްކީމް ބޭނުންކޮށްގެން ވަޒީފާގައި އުޅޭ މީހުންނަށާއި އެހެން ގޮތްގޮތުން އާމްދަނީ ލިބޭ މީހުންނަށް މުދާ ނެގުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު ކުރިން އޮތް ގޮތުން ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނަށް މި ސްކީމުގައި ބައިވެރިނުވެވެ އެވެ.
ރިސޯޓުތަކަށް ހާއްސަ އުސޫލުގެ ދަށުން އެންމެ ފުރަތަމަ އުޖާލާ ދިރިއުޅުން ފެސިލިޓީ ހޯދާދިން ރިސޯޓަކީ ރަފްލްސް މޯލްޑިވްސް މެރަދޫ އެވެ. މެރަދޫގެ އިތުރުން ވިލާ ކުންފުނީގެ ހުރިހާ ރިސޯޓަކާއި އަނަންތާރާގެ ހުރިހާ ރިސޯޓެއް ހިމެނޭގޮތަށް 18 ރިސޯޓަކުން ވަނީ މި ސްކީމުގައި ބައިވެރިވެ، މުވައްޒަފުންނަށް މުދާ ނެގޭ ގޮތް ފަހިކޮށްދީފަ އެވެ.
އުޖާލާ ދިރިއުޅުން ފެސިލިޓީ ލިބޭ ރިސޯޓުތައް
- ރަފްލްސް މޯލްޑިވްސް މެރަދޫ
- ނިޔާމަ މޯލްޑިވްސް
- އަޔާޑާ މޯލްޑިވްސް
- ފިހާޅޮހި
- ސޮނޭވާފުށި
- ޑަބްލިޔު މޯލްޑިވްސް
- ސިކްސް ސެންސަސް ލާމު
- މޫފުށި
- ބަނޑޮސް
- އަނަންޓާރާ ރިސޯޓުތައް (ދިގު، ވެލި، ކިހިވައް ވިލާސް އަދި ނަލަދޫ)
- ވިލާ ރިސޯޓުތައް (ޕެރެޑައިސް އައިލެންޑް، ސަން އައިލެންޑް، ފަން އައިލެންޑް، ރޯޔަލް އައިލެންޑް އަދި ހޮލިޑޭ އައިލެންޑް)
އިތުރު ރިސޯޓުތަކަށް ވެސް މި ފުރުސަތު ހުޅުވާލާފައިވާއިރު، އެމްއައިބީން ބުނި ގޮތުގައި ގިނަ ރިސޯޓުތަކުން މިވަގުތު ވެސް ދަނީ މިސްކީމުގައި ބައިވެރިވުމަށް އެދި ހުށަހަޅަމުންނެވެ.
އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ މިވަގުތު ރާއްޖޭގެ އެންމެ ބޮޑު އެއް ފައިނޭންސިން ސްކީމެވެ. ސަރުކާރުގެ ހުރިހާ އޮފީހެއްގެ އިތުރުން ގިނަ އަމިއްލަ ކުންފުނިތަކެއްވެސް މިސްކީމުގައި ބައިވެރިވެ އެވެ.










