މި މަހުގެ ތެރޭގައި އެމްޓީސީސީގެ އާރްޓީއެލް ބަސްތަކުން ދަތުރުކުރުމަށް ކޭޝް ކާޑު ބޭނުން ކުރަން ފެށޭނެ ކަމަށް އެ ކުންފުނީގެ ސީސީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިއަދު "އަދަދު"އަށް ވިދާޅުވީ، ބަހުގައި ދަތުރު ކުރުމަށް ކޭޝް ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަން ބީއެމްއެލްއާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބީއެމްއެލް އާއި މާސްޓާކާޑާ އެކު މަސައްކަތް ކުރަމުން މިދަނީ، އެކަމަކު އެކަން އަދި ނިންމައެއް ނުލެވޭ. މި މަސް ތެރޭގައި އެކަން ވެސް ނިމޭނެ ކަމަށް މި ބަލަނީ," އާޒިމް ވިދާޅުވި އެވެ.
މީގެކުރިން އާޒިމް ވަނީ މި މަހުން ފެށިގެން ކިއު.އާރް ކޯޑު އަދި ބޭންކް އޮފް މޯލްޑިވްސްގެ ޓަޗް އެންޑް ގޯ ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ކޭޝް ކާޑު ބޭނުން ކޮށްގެން ދަތުރުކުރެވޭނެ އިންތިޒާމު އަދި ހަމަޖެހިފައި ނުވިޔަސް، ކިއު.އާރް ކޯޑު ބޭނުންކޮށްގެން މިހާރުވެސް ދަތުރު ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ފޭސް ދޭއްގައި ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު ވީހާވެސް ލުއިފަސޭހަކޮށް ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ކަމަަށެވެ.

"މި އަހަރު ނިމުމުމުގެ ކުރިން އަތުގައި އޮންނަ ބޭންކް ކާޑު ބޭނުންްކޮށްގެން ޕަބްލިކް ޓްރާންސްޕޯޓް އޮތް ކޮންމެ ތަަނަކުން ޓިކެޓު ކަނޑައަޅައިގެން ދަތުރު ކުރެވޭނެ ގޮތް ހަމަޖެހޭނެ، ސްމާޓް ފޯނު އަތުގައި އޮތަސް އެ ފޯނު ޖައްސަލައިގެން ދަތުރު ކުރެވޭ ގޮތް ވެސް ހަމަޖެހޭނެ،" އާޒިމް ވިދާޅުވި އެވެ.
ބޭންކް ކާޑު ބޭނުންކޮށްގެން ޕަބްލިކް ޓްރާންސްޕޯޓް ބަހުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާއިރު، ބަހުގެ ހިދުމަތަށް އެންމެ ފުރަތަމަ ފައިސާ ދައްކަމުން ދިޔައީ އެ ކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ. އެ ކާޑަށް ޖެހެނީ ރީލޯޑު ކުރާށެވެ.













