ޓެލް އަވީވް، އިޒްރޭލް (އޮގަސްޓް 1) - ފްރާންސްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު މެޗުގައި ރޭ ނޯންޓެސް އަތުން 4-0 އިން މޮޅުވެ، ޕީއެސްޖީން ފްރާންސްގެ ޓްރޮފީސް ޑި ޗެމްޕިއަންސް ކާމިޔާބުކޮށްފި އެވެ.
މިއީ މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށް ޕީއެސްޖީގެ ކޯޗުކަމާ ކްރިސްޓޮފް ގަލްޓިއޭ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މިއީ އިޒްރޭލުގައި ފްރާންސްގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ޖެހިޖެހިގެން ކުޅުނު ދެ ވަނަ ފަހަރެވެ.
ރޭގެ މެޗުގެ 13 ވަނަ މިނިޓްގައި ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ބޮލުން ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ނޯންޓެސްގެ ލުޑޮވިކް ބްލާސް ޖެހި ބޯޅައެއް ޕީއެސްޖީ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، މެޗުގެ 22 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ ލިއޮނަލް މެސީ އެވެ. ނޭމާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، މެސީ މި ގޯލު ޖެހީ ނޯންޓެސްގެ ކީޕަރު އަލްބާން ލަފޯން ކައިރިން ނައްޓައިފަ އެވެ.
މެސީ ވަނީ މެޗުގެ 44 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުފުޅާކޮށްދިނުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން މެސީ ޖެހި ޝޮޓް ކީޕަރު ލަފޯން ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހީ ހިލޭ ޖެހުމަކުން ނޭމާ އެވެ.
ދެ ވަނަ ހާފްގެ ކުުޅުން ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ސާޖިއޯ ރާމޯސް ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ނޯންޓެސްގެ ކީޕަރު ލަފޯން މަތަކުރި ބޯޅައެއް ކުޑަ އޭރިއާތެރެއިން ހޯދައި، ބެކްހީލަކުން ރާމޯސް ޖެހި ގޯލެކެވެ.
ނޯންޓެސްގެ އެންމެ ފަހަތުގައި ހުރި ޑިފެންޑަރެއްގެ ގޮތުގައި ހުރެ، އެ ޓީމުގެ ޖިއާން-ޗާލްސް ކަސްޓެލޭޓޯ އޭރިއާތެރެއިން ނޭމާ އަށް ފައުލުކުރުމުން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެ ފައުލަށް ކަސްޓެލޭޓޯ އަށް ރަތެއް ދެއްކި އެވެ. އެ ޕެނަލްޓީން ނޭމާ ގޯލަށް ޖެހި ބޯޅަ ހުއްޓުވަން ކީޕަރު ލަފޯން އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މިއީ ފާއިތުވި 10 ސީޒަނަށް ބަލާއިރު، ފްރާންސްގެ ޓްރޮފީސް ޑި ޗެމްޕިއަންސް މެޗު ޕީއެސްޖީން ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ.












