އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ބެޑްމިންޓަންގެ މިކްސް ޓީމު އިވެންޓްގައި އިއްޔެ ރާއްޖޭން ކުޅުނު މެޗުން ސްކޮޓްލެންޑް އަތުން ބަލިވެއްޖެ އެވެ.
ސްކޮޓްލެންޑްގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 5-0 އިންނެވެ. ދުނިޔޭގެ ރޭންކިން އަށް ބަލާްއިރު ވެސް ރަނގަޅު ހިސާބެއްގައި އޮތް ގިނަ ކުޅުންތެރިން ހިމެނޭ ސްކޮޓްލެންޑް ޓީމު ފެނުނީ ވަރުގަދަ ކޮށެވެ. ފަސް ގޭމަށް ބަލާއިރު ރާއްޖެ އަށް ޗެލެންޖެއް ދެވުނީ ވެސް މަދު ގޭމެއްގަ އެވެ.
އެ ގޮތުން އެންމެ ފުރަތަމަ އަންހެން ސިންގަލްްސްގައި ސްކޮޓްލެންޑްގެ ކާސްޓީ ގިލްމޯއާ ދެކޮޅަށް ނުކުތީ ރާއްޖޭގެ އައިމިނަތު ނަބީހާ އެވެ. ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި މި ވަގުތު އޮތް ގިލްމޯ މި މެޗު ދެ ސެޓުން ގެންދިޔައިރު، އޭނާ ސެޓުތައް ކާމިޔާބުކުރީ 21-04، 21-10 އިންނެވެ. ފުރަތަމަ ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ޒަޔާން ޒަކީ އަތުން ސްކޮޓްލެންޑްގެ ކަލުމް ސްމިތު މޮޅުވީ 21-06، 21-10 އިން ސެޓުތައް ގެންގޮސްގެންނެވެ.
ފުރަތަަމަ އަންހެން ޑަބަލްސްގައި ރާއްޖޭގެ ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާއާ ދެކޮޅަށް ކުޅެގެން ސްކޮޓްލެންޑްގެ އެލެއަނޯ އޯޑަނެލް އާއި ސިއާރާ ޓޮރަންސްގެ ޕެއާ ވަނީ ދެ ސެޓުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 21-12 އާއި 21-05 އިންނެވެ. އެ އަށް ފަހު ކުޅުނު ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު އާއި އަހުމަދު ނިބާލްގެ ޕެއާ އަތުން ސްކޮޓްލެންޑްގެ އަލެކްސަންޑާ ޑަން އާއި މެތިއު ގްރިމްލީގެ ޕެއާ ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-09 އާއި 21-14 އިންނެވެ.
އެންމެ ފަހުން ކުޅުނު މިކްސް ޑަބަލްސް މެޗުގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ އަތުން ސްކޮޓްލެންޑްގެ އެޑަމް ހޯލް އާއި ޖޫލީ މެކްޕާސަން މޮޅުވީ 21-07 އާއި 21-06 އިންނެވެ.
މިކްސް ޓީމު އިވެންޓްގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީގަ އެވެ. ސްކޮޓްލެންޑާއި ރާއްޖޭގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ ކެނަޑާ އާއި ޔޫގާންޑާ އެވެ. އިއްޔެ މި ގްރޫޕްގައި ކުޅުނު މެޗުން ކެނަޑާ ވަނީ ޔޫގާންޑާ އަތުން ފަސޭހައިން މޮޅުވެފަ އެވެ. މި ގްރޫޕްގައި މިއަދު ރާއްޖޭގެ އަނެއް ދެ މެޗު އޮންނާނެ އެވެ. އެ ގޮތުން ރާއްޖެ ގަޑިން މެންދުރު ފަހު އެކެއް ޖަހާއިރު، ރާއްޖޭގެ ޓީމުން ކެނަޑާއާ ކުޅޭނެ އެވެ. އަދި މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު، ޔޫގާންޑާއާ ބައްދަލުކުރާ މެޗު އޮންނާނެ އެވެ.












